އާސެނަލް މޮޅުވިއިރު، މެންޗެސްޓަރ ޔުނައިޓެޑަށް މޮޅެއް ނުވެވުނު
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އާސެނަލް ކުޅުނުމެޗް އެޓީމް ކާމިޔާބުކުރިއިރު، މެންޗެސްޓަރ ޔުނައިޓެޑް ކުޅުނުމެޗް އެއްވަރުވެގެން ނިމިއްޖެއެވެ.
ޕްރިމިއާ ލީގްގައި އާސެނަލް ނިކުތީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. މިމެޗް އާސެނަލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ، މިމެޗްގައި ތަރިއަކަށްވީ މަޑުއެކޭއެވެ. މި ސީޒަނުގައި އާސެނަލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ފުރުސަތު ނުލިބުނު ނަމަވެސް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ މަޑުއެކޭ ދައްކަމުންދާ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ. ކޯޗު މިކޭލް އާޓެޓާ ބަދަލު ކުޅުންތެރިންނަށް ނިސްބަތްކޮށް ބޭނުންކުރާ "ފިނިޝާސް" ގެ ތެރެއިން މަޑުއެކޭއަކީ މިހާރު ޓީމަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ.
މެޗްގައި މަޑުއެކޭ ކުޅެން ނިކުމެފައިވަނީ 46 ވަނަ މިނެޓް ތެރޭގައެވެ. ދެވަނަ ހާފްގައި ކުޅެން ނިކުމެ މަޑުއެކޭ ލަނޑު ޖަހާފައިވަނީ 80 ވަނަ މިނެޓް ތެރޭގައެވެ. މި މޮޅާއެކު އާސެނަލް އޮތީ ސިޓީއަށްވުރެ ތިން ޕޮއިންޓް ފަހަތުން ތާވަލްގެ ދެ ވަނާގައެވެ. މެންޗެސްޓަރ ސިޓީ 21 ޕޮއިންޓާއެކު އެއްވަނާގައި އުޅޭއިރު އާސެނަލްއަށް ލިބިފައިވަނީ، 18 ޕޮއިންޓެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ލީޑްސް ބައްދަލުކުރިމެޗް 1-1 ގެ ނަތީޖާއިން އެއްވަރުވިއިރު، މެޗްގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީވެސް ޔުނައިޓެޑުންނެވެ. ލީޑްސް އިން އެއްވަރުކުރީ ދެވަނަ ހާފް ފެށުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.
ޕްރިމިއާ ލީގްގައި މެންޗެސްޓަރ ޔުނައިޓެޑް މިހާރު އޮތީ 7 ޕޮއިންޓާއެކު 13 ވަނާގައެވެ. ލީޑްސް އޮތީ 10 ޕޮއިންޓާއެކު 7 ވަނައިގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް