އަބުރު ރައްކާތެރިކުރުމުގެ ގާނޫނު އުވާލަން ފާސްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ކުރިމަތިވެފައިވާާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ މިއަދު ކުރިއަށްގެންދިޔަ ޖަލްސާގައި ހާޒިރުވެ ވަޑައިގެން ތިއްބެވި ބޭފުޅުންގެ އިއްތިފާގުންނެވެ. މި ގާނޫނު އުވާލުމަށް ފެންނަކަމަށް ވޯޓު ދެއްވީ 38 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
މި ގާާނޫނު އުވާލަން ހުށައެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރ އަބްދުﷲ ޝާހިދެވެ. މައްސަލަ ހުށައަޅުއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ އެ މައްސަލަ ހުށައެޅުއްވީ އަބުރުގެ ގާނޫނާއި، ގާނޫނު އަަސާސީގެ އެހެނިހެން މާއްދާތަކާއި ،ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާއި ތައާރުޒުވާތީކަމަށެވެ.
މި ގާނޫނު އުވާލުމުގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުން ވަނީ މި ގާނޫނު އޮތުމުން ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
އަބުރުގެ ގާނޫނުގެ ދަށުންވަނީ މީގެ ކުރިން މީޑިޔާތައް ޖޫރިމަނާވެސް ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް