ލަންކާގެ ސަރުކާރަށް މަޖިލީހުގެ ތާއިދު ގެއްލިއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާއި ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަގެ ސަރުކާރަށް، މަޖިލީހުގެ މެޖޯރިޓީ ގެއްލިފައިވާކަމަށް ނިންމައިފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ލަންކާގެ ގާނޫނު ހަދާ މަޖިލީހުން މިކަން ނިންމާފައިވަނީ، މަޖިލީހުގެ ތަަޅުމުގައި ނެގުނު ވޯޓަކުންނެވެ. ހަމަނުޖެހުމާއި އަޑުގަދަކުރުންތަކުގެ ތެރޭގައި ނެގުނު މި ވޯޓުގައި، މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވަނީ އެމަނިކުފާނަށް އަޑު އިވިވަޑައިގަތް ގޮތުގެ މައްޗަށް ބުރަވެ، މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައެވެ.
މި ވޯޓު ނެގުނު ވަގުތުގައި، ސަރުކާރުގެ މަޖިލިސް މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރަމުން ދިޔުމުގެ ސަބަބުން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ދަރިކަލުން ނަމަލް ރާޖަޕަކްސަ ވަނީ މަޖިލީހުގެ ތަޅުމުން ވަޑައިގެންފައެވެ.
ވޯޓަށްފަހު މީޑިޔާތަކާއި ވާާހަކަފުޅު ދައްކަވަމުން ނަމަލް ވިދާޅުވީ، މިއަދު ނެގިގެން ދިޔައީ ގާނޫނުތަކާއި ޚިލާފް ވޯޓެއް ކަމަށާއި މަޖިލީހުގެ ރައީސްގެ މައްޗަށް އެއްވެސް އިތުބާރެއް ނެތްކަމަށެވެ.
ގާނޫނު ހަދާ މަޖިލީހުގައި މިއަދު ނެގިގެންދިޔަ ވޯޓް ކަށަވަރުކުރުމަށް، 122 މެންބަރުންވަނީ ސަރުކާރުގެ އިތުބާރު ނެތްކަމަށް ބުނެ ޕެޓިޝަނެއްވެސް މަޖިލީހުގެ ރައީސްއަށް ހުށައަޅާފައެވެ. މިއަދުގެ ވޯޓުން ރާޖަޕަކްސަ ބަލިވިޔަސް، މަގާމުން އިސްތިއުފާ ނުދެއްވާހިނދު އެމަނިކުފާނު ހުންނަވާނީ ބޮޑުވަޒީރުކަމުގައެވެ. އެއީ، ލަންކާގެ ބޮޑުވަޒީރު އައްޔަންކުރެވޭނީ ހަމައެކަނި ރައީސްއަށް ކަމަށް ގާނޫނުގަައި ފާހަގަކޮށްފައިވާތީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް