ޑްރިފްޓް އެސޯސިއޭޝަންގެ އިވެންޓެއްގެ ތެރެއިން/ ފޮޓޯ: ޑްރިފްޓް އެސޯސިއޭޝަން
ޑްރިފްޓް އެސޯސިއޭޝަންގެ އިވެންޓެއްގެ ތެރެއިން/ ފޮޓޯ: ޑްރިފްޓް އެސޯސިއޭޝަން
ކުޅިވަރު 20 Sep 2022 | 10:44

ޑްރިފްޓް އެސޯސިއޭޝަންގެ އެއްވުމުގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް ބުނެފި!

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ޑްރިފްޓް ކުރުމަށް ހުރަސް އަޅާކަމަށް ބުނެ މޯލްޑިވްސް ޑްރިފްޓް އެސޯސިއޭޝަނުން ބޭއްވި އެއްވުމުގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ޑްރިފްޓް އެސޯސިއޭޝަނުން މިއަދު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނީ، ބުރާސްފަތި ދުވަހުގެ ރޭ އެ އެސޯސިއޭޝަންގެ ބަޔަކު ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކުރިމަތީ އެއްވި އެއްވުމުގެ ތެރެއިން އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާ، އަދި އެ އެއްވުމާއި ގުޅިގެން ފުލުހުން ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ހިނގާފައިވާނަމައެ އެސޯސިއޭޝަނުން އެކަމުގެ ޒިންމާ ނަގަން ތައްޔާރު ކަމަށެވެ.

"ނަމަވެސް ފުލުހުން ވަކިވަކި މީހުން އެކަމާއި ގުޅުވައިގެން ހައްޔަރު ކޮށް މުއްދަތު ޖަހަން ގެންދިޔުން މި އެސޯސިއޭޝަނަށް ބަލައިގަންނަން ދަތި." ޑްރިފްޓް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނީ، މިވަގުތު ދިވެހިރާއްޖޭގައި ރޭސިން އަށް ވަކި ގާނޫނެއް ހެދިފައި ނުވާތީ، އެފަރާތްތައް ހައްޔަރަށް ގެންދަން ފުލުހުން ބޭނުންކުރާ އުޒުރަކީ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވަޒީފާއަށް ހުރަސް އެޅުން ކަމަށެވެ. އެހެން ނަމަވެސް، އެރޭ އެއްވެސް ފުލުހަކަށް އެފަދަ އެއްވެސް ކަމެއް ދިމާވެފައި ނުވާނެ ކަމަށުގެ ޔަގީންކަން އެ އެސޯސިއޭޝަނުން ދޭ ކަމަށްވެސް ބުނެފައިވެއެވެ.

ޑްރިފްޓް އެސޯސިއޭޝަނުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމާއި ގުޅިގެން އެ އެސޯސިއޭޝަންގެ އޮފިޝަލަކު "ވޮއިސް" އަށް މައުލޫމާތު ދިން ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު އެއްވުމަކީ އެ ފަރާތުން އެޗްޑީސީ އިން ހުއްދަ ނަގައިގެން ހިންގާ "ތާޒްޑޭ ނައިޓް" ބޭއްވުމަށް ފުލުހުން ހުރަސްއަޅާ މަގު ހުސްކުރުމަށް އެންގުމުން އެއްވި އެއްވުމެއް ކަމަށެވެ.

އަދި ފުލުހުން އެންގި ގޮތަށް ޕޮލިސް ސްޓޭޝަން ކައިރި އާންމުންނަށާއި ދަތުރުކުރާ މީހުންނަށް އުނދަގޫ ނުވާނެ ހެން ކާރުތައް ޕާކް ކޮށްފައި ބެހެއްޓީ ކަމަށްވެސް އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން ރައީސް ޞާލިހް ހުރިހާ ކުޅިވަރަކަށް އެއްވަރަށް ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި ނަމަވެސް ޑްރިފްޓިން އަށް އެއްވެސް ވަރަކަށް ފުރުސަތު ނުލިބޭކަން އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް