ވިއްކާ މުދަލުގައި އަގު ޖަހަން އަންގައިފި؛ ނުޖަހާނަމަ ފިޔަވަޅުއަޅާނެ
ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ސާފުކޮށް އެނގޭނޭހެން އަގު ޖެހުމަށާއި، އެގޮތަށް އަގު ނުޖަހާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އަންގައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިކަން ހާމަކޮށް މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ފިހާރަތަކާއި ވިޔަފާރި ކުރާ އެހެނިހެން ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި، މުދާ ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ކަމަށެވެ.
މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ މައިގަނޑު ދެ ގޮތަކަށެވެ:
1) މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން.
2) މުދާ ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް ސާފުކޮށް އެނގެން ހުރުން.
އެހެންކަމުން، މުދާ ވިއްކާ ހުރިހާ ވިޔަފާރިވެރިންވެސް ވިއްކަން ބަހައްޓާފައިވާ މުދަލުގައި، ޤާނޫނުގައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން، ވިޔަފާރިތަކުން މި މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްޓަކައި، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ފިހާރަތައް އިންސްޕެކްޓްކޮށް މޮނިޓަރ ކުރަމުން ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އަދި ޤާނޫނާ ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރުވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް