ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ހަ ދަހަރާއަށް ވުރެ ގިނަ ދުވަހު ޖަރުމަނަކީ ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިސް ދައުރެއް އަދާކުރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ ތަރައްޤީގެ އެންމެ އަގުހުރި އެއް ބައިވެރިޔާއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމުގައި ޖަރުމަނުގެ އެހީތެރިކަން އަބަދުވެސް ލިބެމުން ގޮސްފައިވާކަން އެ ޕާޓީން ފާހަގަކުރިއެވެ.
މީގެއިތުރުން، ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރުގައްޔާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށް ދިވެހިން ކުރި މަސައްކަތުގައި ޖަރުމަނަކީ ސާބިތުކަމާއެކު ދެމިއޮތް އެކުވެރިއެއް ކަމަށާއި، އިންސާނީ ޙައްޤުތަކާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި ދިން އެއްބާރުލުމާއި އެމްޑީޕީއާއެކު އޮތް އެކުވެރިކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު، ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މުހިންމު އެއް މާކެޓެވެ. އެގައުމުގެ ފަތުރުވެރިން ގިނަ އަދަދަކަށް ރާއްޖެ އަންނަނީ ކޮންސިއުލަރ އެހީތެރިކަން ފަސޭހައިން ލިބެން ހުންނާނެ ކަމުގެ ޔަގީންކަމާއެކުގައެވެ. ނަމަވެސް، މި ކޮންސިއުލޭޓް ބަންދުކުރުމަކީ ފަތުރުވެރިންގެ އިތުބާރު މުހިންމު މިފަދަ މާކެޓަކަށް ލިބުނު އުނިކަމެއް ކަމުގައި އެމްޑީޕީން ދެކެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މުހިންމު ފާލަމެއް ކަމުގައިވާ މި ކޮންސިއުލޭޓް ބަންދުވިޔަނުދީ ހިފެހެއްޓުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާތީ ހިތާމަކުރާ ކަމަށެވެ. މިއީ ރާއްޖޭގެ ޒަމާންވީ ބައިވެރިންނާއެކު އޮތް ގުޅުންތަކަށް ސަރުކާރުން އިހުމާލުވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް އެ ޕާޓީން ތުހުމަތުކުރެއެވެ.
އެހެންކަމުން، ވީއެންމެ އަވަހަކަށް މާލޭގައި ޖަރުމަނުގެ ކޮންސިއުލަރ ޚިދުމަތްތައް އަލުން އިއާދަވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި ބައިވެރިވުމުގައި އެމްޑީޕީ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް