އިސްލާމްދީނަށް ފުރައްސާރަކޮށްގެން، ސައުދީން ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލުކޮށްފި
އިސްލާމްދީނަށް ފުރައްސާރަކޮށް ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެން ސްރީލަންކާގެ ރައްޔިތަކަށް ސައުދީ އަރަބިއްޔާއިން އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފި ކަމަށް ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރުން ހެމަޗަންދުރަ ވިދާޅުވެއްޖެއެވެ.
އުމުރުން 27 އަހަރުގެ އަނޯޖަން ސިވަރާސާގެ މައްޗަށް މިދިޔަ ސެޕްޓެމްބަރު މަހު ސައުދީގެ އިސްތިއުނާފު ކޯޓުން މަރުގެ ހުކުމް އިއްވީ، އޭނާ ކުރި ކޮމެންޓެއްގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ކަމަށް ސާބިތުވުމާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން އޭނާ ސަލާމަތްކުރުމަށް ލަންކާ ސަރުކާރުން ވަނީ ޑިޕްލޮމެޓިކް ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދުވެސް ވަނީ އޭނާގެ ދިފާޢުގައި އަޑުއުފުލާފައެވެ.
ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ހެމަޗަންދުރަ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައުދީގެ އެންމެ މަތީ ކޯޓުން މި ހުކުމް ބާތިލުކޮށްފައިވަނީ ބުދަ ދުވަހު ކަމަށެވެ. އަދި މި މައްސަލައިގައި ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުންނާއި ގާނޫނީ ޓީމުތަކުން ކުރި މަސައްކަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު، މީސްމީޑިއާގައި އުފެދުނު ދީނީ ބަހުސްތަކެއް ތެރެއިންނެވެ. އެ ބަހުސްގެ ތެރެއިން ސިވަރާސާ ވަނީ ތަމަޅަ ބަހުން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކޮމެންޓު ކޮށްފައެވެ.
ސިވަރާސާ ވަގުތުން އެ ކޮމެންޓު ޑިލީޓްކޮށް، މާފަށް އެދި ވީޑިއޯއެއް އާންމުކުރި ނަމަވެސް، އެ ކޮމެންޓުގެ ސްކްރީންޝޮޓެއް އޭނާ ވަޒީފާ އަދާކުރާ ކުންފުންޏަށާއި ސައުދީގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާ ގުޅިގެން މިދިޔަ ޖުލައި މަހު އޭނާ ހައްޔަރުކުރިއެވެ.
އަލް-އަހްސާ ޖިނާއީ ކޯޓުން އެންމެ ފުރަތަމަ އޭނާގެ މައްޗަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން މިލިއަން ސައުދީ ރިޔާލުގެ ޖޫރިމަނާއެކެވެ. ނަމަވެސް އިސްތިއުނާފު މަރުހަލާގައި އެ ހުކުމް މަރުގެ އަދަބަކަށް ބަދަލުކުރިއެވެ. މިހާރު ސުޕްރީމް ކޯޓުން މަރުގެ ހުކުމް ބާތިލުކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ޝަރީއަތެއް ހިނގާނެ ކަމެއް ނުވަތަ އޭނާ ބަންދުގައި ހުންނަން ޖެހޭނެ މުއްދަތެއް އަދި ސާފެއް ނުވެއެވެ.
ސައުދީ އަރަބިއްޔާއާ އެކު ކުރެވުނު ގާނޫނީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ފައިޒަރު މުސްތަފާ ބީބީސީ ސިންހަލަ އަށް ވިދާޅުވީ، ސައުދީން މަރުގެ ހުކުމް ބާތިލުކޮށްފައިވާކަން ޔަގީންވާ ކަމަށާއި، މިހާރު ސުޕްރީމް ކޯޓުގެ އެންމެ ފަހުގެ ނިންމުން ދިރާސާކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައިގައި އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް ވަނީ ގޮވާލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް