އެމްޑީޕީ ސަރުކާރާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީން ދެއްކި ވާހަކަތަކުގެ ތަހުގީގެއް ހަދަން އެދެނީ!
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި އޮވެ، ދެއްކި ވާހަކަތަކުގެ ތަހުގީގެއް ހެދުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގައި އެދެން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އއ. އުކުޅަހުގައި ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ތަހުގީގު ހެދުމަށް އެދެން ނިންމާފައިވަނީ، ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށާ، އެ މީހުން ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ނަގާލަން ރާވަމުން ދިޔަ ކަމަށާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލި ވާހަކަ އާއި ދައުލަތް ޝާމިލްވެ ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތަކުގެ އެވެ. އެގޮތުން ރޭ ފާސްކުރީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަމާއި ގުޅޭ ޕަބްލިކް އިންކުއަރީއެއް ހަދަން އެމްޑީޕީ ޕީޖީ ގުރޫޕުގައި އެދުމަށެވެ.

މީގެ އިތުރުން، ގައުމީ މަޖިލީހަށް ހުށަހެޅުނު އެ ގަރާރުގައި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެމްޑީޕީން ކުރަންޖެހޭ ކަންކަން ކުރަން 7 މެމްބަރުންގެ ކޮމިޓީއަކާއި ސަރުކާރު ޒިންމާދާރު ކުރުވުމަށް ވެސް ކޮމިޓީއެއް އެކުލަވާލަން ވަނީ ހުށަހަޅައިފަ އެވެ.
އަދި ޑިމޮކްރަޓިކް އުސޫލުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބައްޓަން ކުރުމަށް ބާރު އެޅުމަށާއި ރައްޔިތުންގެ ހައްގުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށާއި އަނިޔާވެރިކަން އިޔާދަވުން ހުއްޓުވުމަށް އިގުރާރުވާކަމަށްވެސް މިގަރާރުގައިވެއެވެ.
އެ ގަރާރު ފާސްކުރީ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް