ޖަރުމަނު ފަހަތުން އިކުއެޑޯވެސް އަނެއްބުރަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވަރލްޑްކަޕް ނޮކްއައުޓް ބުރުގެ ޖާގައެއް ފުރަތަމަ ފަހަރަށް އިކުއެޑޯ އިން ކަށަވަރުކޮށްފިއެވެ.
އިކުއެޑޯ ވަރލްޑްކަޕް ނޮކްއައުޓް ބުރަށް ދަތުރުކޮށްފައިވަނީ ޖަރުމަނުވިލާތާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖަރުމަނުގެ މައްޗަށް އިކުއެޑޯ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. މިދިޔަ ހަފުތާގައި އިކުއެޑޯ، ކުރަސާއޯއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމާ ގުޅިގެން ކޯޗް ބެކަސޭސޭގެ އާއިލާގެ މެންބަރުންނާއި ސަޕޯޓަރުންނާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ކުރެވުނު ނަމަވެސް މިމެޗް ފެނިގެންދިޔައީ މުޅިން ތަފާތުކޮށެވެ.
މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ޖަރުމަނުންނެވެ. އެއީ ދެވަނަ މިނެޓް ތެރޭގައި ސާނޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ޖަރުމަނުން ލީޑް ނަގާފައިވަނިކޮށް އިކުއެޑޯގެ އަންގުލޯ ވަނީ ނުވަވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗް އެއްވަރުކޮށްފައެވެ.
ވަރލްޑްކަޕް ނޮކްއައުޓް ބުރުގެ ޖާގައެއް އިކުއެޑޯއަށް ކަށަވަރުކޮށްދިން މުހިންމު ލަނޑު ޖަހައިދިނީ 89 ވަނަ މިނެޓް ތެރޭގައި ޕްލަޓާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް