ހޫޘީން ބަލިކުރަން ބައިނަލްއަގުވާމީ އިއްތިހާދެއް އެކުލަވާލުމުގެ ވަގުތު އައިސް ޖެހިއްޖެ: ސައުދީ
ހޫޘީންނަކީ ހަމައެކަނި ޔަމަނަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔެއަށް ފެތުރެމުންދާ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށް ވިދާޅުވެ، އެ ޖަމާއަތް ބަލިކުރުމަށްޓަކައި ބައިނަލްއަގުވާމީ އިއްތިހާދެއް އެކުލަވާލުމަށް ސައުދީ އަރަބިއްޔާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޕްރިންސަސް ރީމާ ބިންތު ބަންދަރު ގޮވާލައްވައިފިއެވެ.
މިފަހުން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން "ދަ ނިއުޔޯކް ޓައިމްސް" ގައި "ހޫޘީން ކުރަން ފަސްޖެހޭނެ އެއްވެސް ކަމެއް ނެތް" މި ސުރުޚީގެ ދަށުން ޝާއިއުކުރެއްވި މަޒުމޫނެއްގައި ޕްރިންސަސް ރީމާ ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމުތަކުންވެސް ހޫޘީންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައއަޅަން ޖެހޭ ކަމަށެވެ. އަދި އައި.އެސް (ދާއިޝް) ބަލިކުރުމަށް ދުނިޔެއިން ދެއްކި ސާބިތުކަމާއި އަޒުމާއެކު ހޫޘީންނާ ދެކޮޅަށްވެސް ބައިނަލްއަގުވާމީ މުޖުތަމައު ތެދުވަންޖެހޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
"މިއަދުގެ ހޫޘީންނަކީ، އިރާގުގެ މޫސަލް ހިފައި ޚިލާފަތެއް އިއުލާނުކުރުމުގެ ކުރިން އައި.އެސް އޮތް ފަދަ ޖަމާއަތެއް. އެއީ ދުނިޔެއިން އެބައެއްގެ ނުރައްކާ ކުޑަކޮށް ވަޒަންކުރި ޓެރަރިސްޓް ހަރަކާތެއް،" ޕްރިންސަސް ރީމާ ލިޔުއްވާފައިވެއެވެ.
އެކަމަނާގެ މަޒުމޫނުގައި ވަނީ ހޫޘީންގެ އަސްކަރީ ގާބިލުކަން ނައްތާލުމަށާއި، އެމީހުންނަށް ފައިސާ ލިބޭ މަގުތައް ބަންދުކުރުމަށާއި، ހަތިޔާރު އުފުލާ އުޅަނދުތައް ހިފެހެއްޓުމަށް ގޮވާލައްވާފައެވެ. އަދި ހޫޘީންނަކީ ހަތިޔާރު އެޅި ޓެރަރިސްޓް ބާރެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނައުމަކީ ދުނިޔޭގެ ސާފު އަމާޒަކަށް ވާންޖެހޭނެ ކަމަށާއި، ކުރިން އައި.އެސްއާ ދެކޮޅަށް 80 އަށްވުރެ ގިނަ ގައުމު ގުޅިގެން ހަނގުރާމަ ކުރި ފަދައިން، ޔަމަނުގެ ސިފައިން އިސްވެ ތިބެ ކުރާ މަސައްކަތަށް ބައިނަލްއަގުވާމީ އިއްތިހާދަކުން އެއްބާރުލުން ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާއިން ހޫޘީންގެ ނުރައްކާ ހާމަވުން
ސަފީރުގެ މަޒުމޫނު ފެއްޓެވީ އޮކްޓޫބަރު 10 ވަނަ ދުވަހު ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫޘީން ދިން މިސައިލް ހަމަލާގެ ހަނދާންތަކުންނެވެ. އެމެރިކާގެ ރައްޔިތަކާއެކު ޖުމްލަ 13 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވި މި ހަމަލާއިން ހާމަވަނީ ހޫޘީންނަކީ ގަސްތުގައި އާންމުންނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދޭ ބައެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި ހާދިސާގައި، އަމިއްލައަށް ޒަޚަމްވެފައި ހުރެމެ ފަސިންޖަރުން ސަލާމަތްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރި ރިޔާޟް އެއާގެ މުވައްޒަފެއް ކަމަށްވާ އިބްތިހާލް ބިންތު އަބްދުﷲ ގެ އަމަލުތަކަށް އެކަމަނާ ތައުރީފު ކުރެއްވިއެވެ. އިބްތިހާލް ވަނީ އުމުރުން ދުވަސްވީ މީހެއްގެ ލޭމަނާކުރުމަށް އޭނާގެ ބޯއަޅާ ފޮތިގަނޑު ބޭނުންކޮށް، ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ދޮރުތައް ހުޅުވައި، އެމްބިއުލާންސްތަކަށް މަގުދައްކައިދީފައެވެ.
"ހޫޘީން މިސައިލް ފޮނުވީ ބިރުވެރިކަން ފެތުރުމަށް. ނަމަވެސް އިބްތިހާލް އެކަމަށް ރައްދުދިނީ ހިތްވަރާއެކު. އޭނާ ފަސްނުޖެހި ކުރިއަށްދިޔަ ފަދައިން އަޅުގަނޑުމެން އެންމެންވެސް ދާނީ ކުރިއަށް،" ޕްރިންސަސް ރީމާ ލިޔުއްވާފައިވެއެވެ.
މިސައިލާއި، ޑްރޯން އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ނުރައްކާ
ޕްރިންސަސް ރީމާ ވަނީ ހޫޘީންގެ ލީޑަރު އަބްދުލްމަލިކް އަލްހޫޘީ، އީރާނުގެ އެހީތެރިކަމާއެކު ވޭތުވެދިޔަ ވިހި އަހަރު ތެރޭގައި ޓެރަރިސްޓް ނެޓްވޯކެއް ބިނާކޮށް، ސުލްހައިގެ އެއްބަސްވުންތަކުގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. 2016 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް 1,000 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލާއި ޑްރޯން ހޫޘީން ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އދ. ގެ ތަހުގީގުތަކާ ހަވާލާދެއްވައި އެކަމަނާ ވިދާޅުވީ، ހޫޘީންގެ އިންޖިނިއަރުން ދަނީ އިރުމަތީ އެފްރިކާގެ އަލްޝަބާބް ޖަމާއަތަށް ބޮން ހެދުމާއި ޑްރޯން ބަދަލުކުރުމުގެ ހުނަރުތައް ދަސްކޮށްދެމުންނެވެ. މީގެ އިތުރުން، އެމެރިކާގެ އޭއައި ކުންފުންޏެއްގެ ވަސީލަތްތައް ބޭނުންކޮށްގެން ދުރު ރާސްތާ މިސައިލްތަކުގެ ގައިޑެންސް ސޮފްޓްވެއާ ތަރައްގީކުރަން ހޫޘީން މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވައި، އެއީ ބައިނަލްއަގުވާމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ދުނިޔޭގެ ވިޔަފާރީގެ 10 އިންސައްތަ ހިނގާ ބާބުލް މަންދަބް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް ބުނެ ހޫޘީން ދޭ އިންޒާރުތަކާއި، ސައުދީގެ ހަކަތަ މަރުކަޒުތަކަށް ހަމަލާދީގެން ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށްވުރެ މައްޗަށް ގެންދިއުމަށް ކުރާ މަސައްކަތްތަކަކީ ދުނިޔޭގެ އިގްތިސާދަށް ހުރި ނުރައްކާތަކެއް ކަމަށް އެކަމަނާ އިންޒާރު ދެއްވިއެވެ.
ޔަމަނުގެ އަސްކަރީ އޮޕަރޭޝަންތަކަށް ސައުދީގެ އެއްބާރުލުން
ޕްރިންސަސް ރީމާގެ މަޒުމޫނު ނިންމަވާލައްވަމުން ވަނީ ޔަމަނުގެ ގާނޫނީ ސަރުކާރަށް ސައުދީ އަރަބިއްޔާއިން ދެމުންގެންދާ އެއްބާރުލުން ތަކުރާރު ކުރައްވާފައެވެ. އެގޮތުން، ރަތްކަނޑުގެ އައްސޭރިފަށާއި، ޖައުފް އަދި މާރިބްގައި ސައުދީގެ ވައިގެ އެހީތެރިކަމާއެކު ޔަމަނު ސިފައިން ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމަށާއި، މިހާތަނަށް ހޫޘީންނަށް ފޮނުވަން އުޅުނު 750 ޓަނުގެ ހަތިޔާރު އަތުލައިގަނެވިފައިވާ ކަމަށް އެކަމަނާ ހާމަކުރެއްވިއެވެ. އަދި ހޫޘީންގެ ނުރައްކާ މުޅިން ނައްތާލެވޭނީ ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން ޔަމަނުގެ ގާނޫނީ ލަޝްކަރަށް އެހީތެރިކަން ފޯރުކޮށްދީގެން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މަސްދަރު: ސައުދީ ގެޒެޓް
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް