42 މެންބަރުންގެ ވޯޓާއެކު ވަޒީރުންނާއި، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި
ވަޒީރުންގެ ކާރު އެލަވަންސްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އެލަވަންސްބޮޑުކޮށް، މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މުސާރައާއި ވަޒީރުންގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 54 މެންބަރުންގެ ތެރެއިން 42 މެންބަރަކު ވޯޓުދިނީ މުސާރަ ބޮޑުކުރަން ފާސްކުރުމަށެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ ތެރެއިން 42 މެންބަރަކު ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓުދެއްވީ 12 މެންބަރުންނެވެ.
މާލިއްޔަތު ކޮމިޓީން ފުރަތަމަ ނިންމީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ނާއިބު ރައީސްގެ މުސާރައަށްވުރެ ކުޑަވުމުން، އެ މުސާރަ ބޮޑުކުރުމަށެވެ. އެ ކޮމިޓީން ނިންމީ، މަޖިލީހުގެ ރައީސްއަށް 22،000 ރުފިޔާގެ އެލަވަންސްއެއް ކަނޑައަޅާށެވެ. އެއާއެކު މަޖިލީހުގެ ރައީސްއަށް ލިބިވަޑައިގަންނަވަނީ 95،125 ރުފިޔާއެވެ.
މީގެ އިތުރުން، ކައުންސިލްތަކުގެ ރައީސްއާ، ނާއިބު ރައީސުންނާ، މެންބަރުންނަށް 5000 ރުފިޔާގެ ސާވިސް އެލަވަންސްއެއް ހަމަޖައްސައި، ކައުންސިލް ތަކުގެ ރައީސުންގެ މުސާރަ 30،500، ނާއިބު ރައީސުންގެ މުސާރަ 25،000 އަދި މެންބަރުންގެ މުސާރަ 23،000 ރުފިޔާއަށް ބޮޑުކުރަންވެސް ކުރަންވެސް ވަނީ ނިންމާފައެވެ.
ހަމައެހެންމެ، މިހާރު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި ލިބެނީ 59،500 ރުފިޔާ ކަމަށާ، އެހެންކަމުން ޑްރައިވަރުންގެ އެލަވަންސް 17،000 ރުފިޔާއަށް ބޮޑުކޮށްގެން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރަންވެސް ވަނީ ފާސްކޮށްފައެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި، އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތަކާއި މުސާރަ މުރާޖާކޮށްދިނުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. އޭނާ ހުށަހެޅުން ހުށަހެޅުއްވީ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމުން ލިބޭ މުސާރައަށްވުރެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ކުޑަވުމުންނެވެ. މިހާރު އުއްތަމަ ފަނޑިޔާރަށް ލިބޭ އިނާޔަތްތައް މުރާޖާކޮށް، ޚާއްސަ އެލަވެންސެއްގެ ގޮތުގައި 4،125 ރުފިޔާ އިތުރުކުރުމަށެވެ. މި ބަދަލާއެކު، މިހާރު ލިބިވަޑައިގަންނަވާ 91،000 ރުފިޔާގެ މުސާރައާއެކު ޖުމުލަ 95،125 ރުފިޔާ އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް