ޙައްޖު ކޯޕަރޭޝަންގެ އަންނަ އަހަރުގެ ޢުމްރާ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން ހުޅުވާލައިފި
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަންނަ އަހަރު ކުރިއަށް ގެންދާ ޢުމްރާ ދަތުރުތަކުގެ ތާވަލު މިއަދު އާންމުކޮށް، ޖާގައަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ސްކޫލް ބޮޑު ޗުއްޓީތަކާއި އާއިލާތަކަށް ފަސޭހަ ދުވަސްވަރުތަކާ ގުޅުވައިގެން، ދިރާސީ ކަލަންޑަރަށް ބިނާކޮށް ޕްލޭންކޮށްފައިވާ މި ދަތުރުތަކުގެ ތެރޭގައި ރަމަޟާން މަހާއި ޖުލައި މަހާއި ސެޕްޓެމްބަރު މަހުގެ އިތުރުން ޑިސެމްބަރު މަހުގެ ޢުމްރާ ހިމެނެއެވެ.
ޖުލައި އަދި ސެޕްޓެމްބަރު ޕެކޭޖުގެ އަގަކީ 30،965 ރުފިޔާ ކަމަށާއި ޑިސެމްބަރު ޕެކޭޖުގެ އަގު 31،965 ރުފިޔާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ. މި އަގުތަކަށް މި އަހަރާ އަޅާބަލާއިރު ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ދަތުރުފަތުރަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ފަނަރައިގެ ޢުމްރާއަށް މާލޭގެ އިތުރުން އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށް ފްލައިޓް ބާއްވަން ކޯޕަރޭޝަނުން ވަނީ ނިންމައިފައެވެ. ކުރިއަށް އޮތް ބޮޑެތި ޗުއްޓީތަކާ ދިމާކޮށް ބާއްވާ ޢުމްރާތަކުގައި ވެސް ގަމުން ޖިއްދާއަށް ދަތުރު ބޭއްވުމަކީ ކޯޕަރޭޝަންގެ އަމާޒެއް ކަމަށް ބުނެފައިވެއެވެ.
ހަމައެހެންމެ ޢުމްރާވެރިންނަށް އިތުރު އަގަކާ ނުލައި، ހުރި ރަށަކާ އެންމެ ކައިރީގައި ވެކްސިން ލިބެން ހުރި ޞިއްޙީ މަރުކަޒަކުން ވެކްސިން ޖެހޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ.
ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ޖިއްދާއަށް ޑައިރެކްޓް ފްލައިޓާއި ފެންވަރު ރަނގަޅު ހޮޓާތަކުގައި ބެހެއްޓުމާއި ހިލޭ ޢުމްރާ ކިޓާއި މައްކާއިން މަދީނާއަށް ހައިސްޕީޑް ރޭލު ދަތުރާއި މަދީނާގައި ތިން ރޭ ހޭދަކުރުމާއި ލޯންޑްރީ ޚިދުމަތް ހިމެނެއެވެ. ޞިއްޙީ ގޮތުން ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކްލިނިކާއި ފާމަސީގެ ޚިދުމަތުގެ އިތުރުން ލޮކޭޝަން ޓްރެކިންގ ޑިވައިސާއި ބަގީގެ ޚިދުމަތް ވެސް ލިބޭނެއެވެ.
ކޮންމެ ދަތުރަކަށް ވެސް ފުރުޞަތު އޮންނާނީ ވަކި ޢަދަދަކަށް ކަމުން، "ފަހެލި" ޕޯޓަލް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ވީ އެންމެ އަވަހަކަށް ރަޖިސްޓްރީވުމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް