ޕޮލިޓިކަލް ސައިންސް އާއި ޤާނޫނު ކިޔެވުމުގެ ތަފާތަކީ ކޮބާ؟
މަތީ ތައުލީމު ހާސިލުކުރުމަށް މާއްދާ އިހްތިޔާރުކުރާއިރު ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކުގައި ޕޮލިޓިކަލް ސައިންސް އާއި ޤާނޫނަކީ އެންމެ މަގުބޫލު ދެ މާއްދާއެވެ. މި ދެ މާއްދާއަކީ ވެސް މުޖުތަމައުއާއި ގައުމީ ސިޔާސަތުތަކާ ގުޅިފައިވާ ދާއިރާތަކަކަށް ވިޔަސް، ކިޔަވައިދޭ އެއްޗެއްސާއި އޭގެ އަމާޒު ހުންނަގޮތް ވަރަށް ތަފާތެވެ.
ޕޮލިޓިކަލް ސައިންސް ނުވަތަ ސިޔާސީ އިލްމަކީ މައިގަނޑު ގޮތެއްގައި ސަރުކާރުތައް ހިންގާ ނިޒާމުތަކާއި، ސިޔާސީ ފިކުރުތަކާއި، ބާރުގެ ބޭނުންކުރެވޭގޮތް އަދި ބައިނަލްއަގުވާމީ ގުޅުންތައް ދިރާސާކުރާ ދާއިރާއެކެވެ. މި ދާއިރާއިން ދަރިވަރުންނަށް އުނގަންނައިދެނީ، މުޖުތަމައެއްގައި ސިޔާސީ ނިންމުންތައް ނިންމާގޮތާއި، އާންމު ސިޔާސަތުތައް ބައްޓަންކުރެވޭގޮތެވެ. މީގެ ސަބަބުން ދަރިވަރުންނަށް ސިޔާސީ އަދި އިޖުތިމާއީ ބަދަލުތައް ފަހުމުވެ، ފުޅާ ދާއިރާއެއްގައި ވިސްނާލުމުގެ ފުރުސަތު ލިބިގެންދެއެވެ.
އަނެއްކޮޅުން، ޤާނޫނަކީ ވަކި އުސޫލުތަކަކާއި ގަވާއިދުތަކެއްގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ދާއިރާއެކެވެ. ޤާނޫނު ކިޔަވާ ދަރިވަރުން ދަސްވަނީ ޤާނޫނީ ނިޒާމުތައް މަސައްކަތްކުރާގޮތާއި، ކޯޓުތަކުގެ މަރުހަލާތަކާއި، މީހުންގެ ހައްގުތަކާއި ވާޖިބުތައް ޤާނޫނީ ނަޒަރަކުން ދެނެގަންނާށެވެ. މި ރޮނގުން ތައުލީމު ހާސިލުކުރުމުން ޤާނޫނީ ލިޔުންތައް ދެނެގަތުމާއި، މައްސަލަތައް ހައްލުކުރުމުގައި ޤާނޫނުގެ ތެރޭގައި ބަހުސްކުރުމުގެ ހުނަރު ލިބިގެންދެއެވެ.
މި ދެ ދާއިރާގެ އެންމެ ބޮޑު ތަފާތަކީ ކިޔަވައިދޭ އުސޫލާއި މަސައްކަތުގެ މައިދާނެވެ. ޕޮލިޓިކަލް ސައިންސްގައި ވިސްނުން ބަހައްޓަނީ ސިޔާސީ ކަންކަމާއި މުޖުތަމައުގެ ފިކުރުތައް ދިރާސާ ކުރުމުގެ މައްޗަށެވެ. ނަމަވެސް ޤާނޫނަކީ ސީދާ ޤާނޫނީ ލިޔުންތަކާއި މާއްދާތަކަށް ބޯލަނބައިގެން، އަމަލީގޮތުން ޤާނޫނު ހިންގުމުގެ މަސައްކަތަށް ދަރިވަރުން ތައްޔާރުކޮށްދޭ ދާއިރާއެކެވެ. އެހެންކަމުން ޤާނޫނުގެ ދާއިރާއިން ގިނައިން ފެންނަނީ ޤާނޫނީ ވަކީލުންނާއި ފަނޑިޔާރުން ފަދަ މަސައްކަތްތަކެވެ.
ނިންމާލުގެ ގޮތުން ދަންނަވާނަމަ، ޕޮލިޓިކަލް ސައިންސާއި ޤާނޫނަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެ ދާއިރާއެކެވެ. ގައުމެއްގެ ޤާނޫނުތައް ބައްޓަންވަނީ ސިޔާސީ ނިޒާމުގެ ތެރެއިން ކަމަށްވާއިރު، ސިޔާސީ ވެރިންނަށް ވެސް ޤާނޫނީ އިލްމު އެނގުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. އެހެންކަމުން، ދަރިވަރުންގެ ޝައުގުހުރިގޮތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައުގެ ސިޔާސީ އޮނިގަނޑު ދެނެގަންނަން ބޭނުންނަމަ ޕޮލިޓިކަލް ސައިންސް އިހުތިޔާރުކުރެވިދާނެއެވެ. އަދި ސީދާ ޤާނޫނީ ހައްގުތަކާއި އިންސާފުގެ ދާއިރާއިން މަސައްކަތްކުރަން ބޭނުންނަމަ ޤާނޫނުގެ ދާއިރާ މާ އެކަށީގެންވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް