މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓުލާން އަންނަ މީހުންގެ އަދަދު ނިސްބަތުން ދަށް: އިލެކްޝަންސް
މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ނިސްބަތުން މަދުކަމަށް އިލެކްޝަނުން ބުނެފިއެވެ.
މިއަދު ފެށި ބައި އިލެކްޝަނާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރައްވަމުން އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ވޯޓުލުން ފެށުނު ފުރަތަމަ ގަޑިއިރުގެ ތެރޭގައި ވޯޓުލާފައިވަނީ އެންމެ 4 އިންސައްތަ މީހުން ކަމަށެވެ. އަދި ވ. ތިނަދޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއްގެ ވޯޓުލުން ފެށުން ލަސްވީ، ވޯޓުލުމަށް އެއްވެސް މީހަކު ހާޒިރުނުވުމުގެ ސަބަބުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ޖުމްލަ ގޮތެއްގައި އިންތިހާބުގެ ކަންކަން ކުރިއަށްދަނީ ވަރަށް އޮމާންކަމާއެކު ކަމަށް ޙަސަން ވިދާޅުވިއެވެ.
އިލެކްޝަނުން ވަނީވޯޓުލާންދާ މީހުން މަދުވުމާ ގުޅިގެން ލަސްނުކޮށް ވޯޓުލާން ނުކުތުމަށް އިލްތިމާސްކޮށްފައެވެ. ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު، ވޯޓުލާ ވަގުތު ހަމަވާނީ މިއަދު ހަވީރު 4:00 ގައެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ ޖުމްލަ 3,459 މީހުންގެ ތެރެއިން ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވަނީ އެންމެ 317 މީހުންނެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ އާބާދީގެ އެންމެ 8.4 އިންސައްތައެވެ. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 189 ފިރިހެނުންނާއި 128 އަންހެނުންނެވެ.
މިއަދު ބާއްވާ ބައި-އިލެކްޝަންތަކުގައި މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވަނީ ހުސްވެފައިވާ ހަތަރު މަޤާމަކަށެވެ. އެއީ ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަޤާމުގެ އިތުރުން، ހއ. ވަށަފަރު، ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމުތަކެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މާލެ ސަރަހައްދުގައި 5 ވޯޓުފޮށި އަދި އަތޮޅުތެރޭގައި 5 ވޯޓުފޮށި، ޖުމްލަ 10 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، އިންތިހާބުގެ ކަންކަން ގާތުން ބެލުމަށްޓަކައި 100 އަށްވުރެ ގިނަ އޮބްޒާވަރުންނާއި، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން ވޯޓުލާ މަރުކަޒުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް