ވިހެއުމާ ގުޅިގެން ބަފައިންނަށް 15 ދުވަހުގެ ޗުއްޓީއެއް ދިނުމަށް ޓަމިލްނާޑޫ ސަރުކާރުން ނިންމައިފި
އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ، އެ ސްޓޭޓްގެ ސަރުކާރު މުވައްޒަފުންގެ ތެރެއިން ފިރިހެން މުވައްޒަފުންނަށް ޚާއްޞަ "ޕެޓާނިޓީ ލީވް" ނުވަތަ ބަފައިންގެ ޗުއްޓީ ތައާރަފުކުރައްވައިފިއެވެ.
މިއީ އެ ސްޓޭޓްގެ ތާރީޚުގައިވެސް ސަރުކާރުގެ ފިރިހެން މުވައްޒަފުންނަށް މިފަދަ ޗުއްޓީއެއް ދޭން ނިންމި ފުރަތަމަ ފަހަރެވެ.
މި ނިންމެވުމަކީ ޓަމިލް ނާޑޫގެ ސަރުކާރު އިދާރާތަކުގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންގެ ފަރާތުން ޒަމާނުއްސުރެ ކުރަމުން އައި އިންތިޒާރަކަށް ލިބުނު ބޮޑު ނިމުމެކެވެ. ތަމަޅަ ނާޑޫ ސަރުކާރުގެ އަންހެން މުވައްޒަފުންނަށް މިހާރުވެސް ވިހެއުމާ ގުޅިގެން 365 ދުވަހުގެ މެޓާނިޓީ ލީވް ލިބެމުންދާއިރު، ދަރިން ލިބޭ އާއިލާތަކުގައި ފިރިހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި ބަފައިންނަށްވެސް ޗުއްޓީ ބޭނުންވާކަމުގެ ޝަކުވާތަކާއި ހުށަހެޅުންތައް ސަރުކާރަށް ދިޔައީ ލިބެމުންނެވެ.
މި ޗުއްޓީ ތައާރަފުކުރެއްވުމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ ދަރިފުޅު އުފަންވާ ދުވަސްވަރަކީ މަންމައާއި ތުއްތު ދަރިފުޅުގެ ސިއްހަތަށާއި ދުޅަހެޔޮކަމަށް ނުހަނު ނާޒުކު އަދި މުހިންމު ވަގުތެއް ކަމަށެވެ. އެ ވަގުތަކީ އަލަށް ވިހާ މައިމީހާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރަކަށް ވުމުން، ފިރިމީހާގެ ފަރާތުން ލިބޭ އޯގާތެރިކަމާއި އެހީތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އޭގެ އިތުރުން އަލަށް އުފަންވާ ދަރިފުޅުގެ ކަންކަން ބެލެހެއްޓުމުގައި ބައްޕަގެ ފުރިހަމަ ބައިވެރިވުން އޮތުމަކީ އާއިލީ ގުޅުން ބަދަހިވެ، ދަރިފުޅުގެ ހެދިބޮޑުވުމަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.
މި އައު ނިންމުމާއެކު، ޓަމިލް ނާޑޫ ސަރުކާރުގެ ފިރިހެން މުވައްޒަފުންނަށް ދެން އާއިލާއަށް ދަރިއަކު އިތުރުވާ ވަގުތު، އޮފީސް މަސައްކަތުން ދުރުވެ، އަނބިދަރިންގެ ގާތުގައި ހޭދަކުރުމުގެ ގާނޫނީ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ވަޒީފާގެ މާހައުލުގައި މުވައްޒަފުންގެ އިޖުތިމާއީ އަދި އާއިލީ ޒިންމާތަކަށް އިސްކަންދިނުމުގެ ގޮތުން ނިންމި މުހިންމު ނިންމުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް