ހުކުރު ޚުތުބާ އަޑު އަހަނީ: ފޮޓޯ/ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ހުކުރު ޚުތުބާ އަޑު އަހަނީ: ފޮޓޯ/ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ދީން 23 Aug 2024 | 07:39

ލަޢުނަތް ލެއްވިފައިވާ އިބިލީހަކީ މަލާއިކަތެއް ކަމުގައި ބައެއް މީހުން ހީކުރޭ؛ އެއީ ކުށްހީއެއް: ޚުތުބާ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

اللَّه ލަޢުނަތްލެއްވި އިބިލީހަކީ މަލާއިކަތެއް ކަމުގައި، ބައެއް މީހުން ހީކުރާ ކަމަށާ އެހެން ނަމަވެސް އެއީ ކުށްހީއެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

މަލާއިކަތުންނަށް އީމާންވުމުގެ މައްޗަށް އަލިއަޅުލާއި މިއަދު އިއްވު ޚުތުބާގައި ބުނީ، އެއީ އީމާންކަމުގެ ރުކުނެއް ކަމަށެވެ. އަދި މަލާއިކަތުންނަކީ اللَّه تَعَالَى މާތްކުރައްވައިފައިވާ މަޚްލޫޤުންތަކެއް ކަމަށާ މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ޞޢވގެ ސުންނަތުން ސާބިތުވާ ގޮތަށް ކަމަށެވެ.

މިއާއެކު ޚުތުބާގައި ބުނީ މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫން ކަމަށެވެ.

ކާފިރުވީ މީހުންގެ ތެރޭގައި މަލާއިކަތުންނާ މެދު ނުބައި ޤަބޫލުކުރުންތަކެއް ފެތުރިފައި ވިއެވެ. އޭގެތެރޭގައި މަލާއިކަތުންނަކީ އަންހެން ޖިންސުގެ ބައެއް ކަމުގައި ޤަބޫލުކުރުން ހިމެނެއެވެ. އަދި އެއީ اللَّهގެ އަންހެންދަރީންކަމުގައި ވެސް ޔަހޫދީންނާއި މުޝްރިކުން ބުނެތެވެ. މާތް اللَّه ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ: "ހަމަކަށަވަރުން، آخرةއަށް إيمانނުވާމީހުން ملائكةންނަށް، އަންހެނުންގެ ނަމުންނަން ދޭކަން ކަށަވަރެވެ."

ހުކުރު ޚުތުބާ

މި އާޔަތުން، މަލާއިކަތުންނާ މެދު އެ ގޮތަށް ޤަބޫލުކުރާ މީހުންނަކީ އާޚިރަތްދުވަހަށް އީމާންނުވާ މީހުންކަން ދޭހަވާ ކަމަށް ޚުތުބާގައި ބުންޏެވެ.

“އެހެން އާޔަތެއްގެ މާނައިގައި ވެއެވެ. "އަދި رحمنވަންތަ ރަސްކަލާނގެ އަޅުންކަމުގައިވާ ملائكةންނަކީ،އަންހެން ބަޔެއްކަމުގައި އެއުރެން ހެދީހެއްޔެވެ؟ އެ ملائكةން ހެއްދެވި އިރު، އެއުރެންحاضرވެ ތިބީހެއްޔެވެ؟ އެއުރެން އެ ހެކިވާހެކިވުން، ނިކަން ހުރެ، ލިޔުއްވާހުށްޓެވެ. އަދި (آخرةދުވަހުން) އެއުރެންނާ سؤال ކުރައްވާހުށްޓެވެ."

ޚުތުބާގައި އިތުރަށް ބުނީ، މަލާއިކަތުންނަށް ކެއިންބުއިމާއި، ނިދުމާއި އަރާމުކުރުން ފަދަ ކަންކަމަށްބޭނުމެއް ނުވާނެ ކަމަށެވެ. އަދި އެބައިމީހުން اللَّهއަށް ނުއުރެދޭނެ ކަމަށާ اللَّه އެންގެވިކަމެއް މަލާއިކަތުން ކުރައްވާނެ ކަމަށެވެ.

މާތް اللَّه ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "އޭ إيمان ވެއްޖެމީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفسތަކާއި، ތިޔަބައިމީހުންގެ أهلވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكةން ވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمرއަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދިއެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ."

ހުކުރު ޚުތުބާ

ޚުތުބާގައި ބުނިގޮތުގައި، މަލާއިކަތުންނަކީ ވަކި ޖިންސެއްގެ މަޚްލޫޤުން ކަމުގައި ނުވިޔަސް، اللَّه ގެ އިޛުނަފުޅަށް އިންސާނުންގެ ސިފައިގައި މަލާއިކަތުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން، ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ޢަޛާބު ފޮނުއްވުމުގެ ކުރިން އެކަލޭގެފާނުގެ އަރިހަށް اللَّه تَعَالَى ފޮނުއްވެވި މަލާއިކަތުން ވަޑައިގަތީ ޒުވާން ފިރިހެނުންގެ ސިފައިގައި ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ބައެއް މީހުންނަށް اللَّه ލަޢުނަތްލެއްވި އިބިލީހާ މެދު ކުށްހީއެއް ކުރެވެއެވެ. އެއީ އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރުމެވެ. ކީރިތި ޤުރްއާނުގެ ނައްޞުން ސާފުކޮށް އެނގޭ ގޮތުގައި، އިބިލީހަކީ ޖިންނިއެކެވެ.

ހުކުރު ޚުތުބާ

މާތް اللَّه ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައީ : "ތިމަންރަސްކަލާނގެ ملائكةންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން آدمގެފާނަށް سجدة ކުރާށެވެ! ދެން إبليس މެނުވީ، އެ އެންމެބޭކަލުން سجدة ކުރެއްވޫއެވެ. އެإبليسވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ."

މިއާއެކު ޚުތުބާގައި ބުނީ، އިބިލީހަކީ اللَّه އަށް ނުކިޔަމަންތެރިވުމުގެ ކުރީން މަލާއިކަތުންނާ އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ އަޅުވެރި މުއުމިނު ޖިންނިއެއް ކަމަށެވެ. އެހެންވެ އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ވެސް ހިމެނުނީ ކަމަށާ އެހެން ނަމަވެސް މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު، އިބިލީސް ބޮޑާވެ ނުކިޔަމަންތެރިވީ ކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އެ ކަމުގެ ނަތީޖާއެއްގެ ގޮތުން اللَّهގެ ރަޙްމަތުން އޭނާ ދުރުކުރެވުނެވެ. އަދި އަބަދަށް ޓަކައި އޭނާއަށް ލަޢުނަތް ލެއްވުނެވެ.

ހުކުރު ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ މަލާއިކަތުންނަށް އީމާންވުމުގެ ތެރޭގައި އެބޭކަލުން ހައްދަވައިފައިވަނީ ނޫރުންކަން ޤަބޫލުކުރުން ހިމެނޭ ކަމަށެވެ.

އަދި މަލާއިކަތުންނަކީ މާތް اللَّهއަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބައެއް ކަމަށާ، މަލާއިކަތުންގެ ޢަދަދު اللَّه ފިޔަވައި އެއްވެސް މަޚުލޫޤަކަށް ނޭނގޭނެ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

ޢަރުޝި އުފުއްލެވުމަށް މަލާއިކަތުން ވެއެވެ. ނަރަކަޔާއި ސުވަރުގެއަށް މަލާއިކަތުން ކަނޑައަޅުއްވައިފައި ވެއެވެ. ޖިބްރީލުގެފާނަކީ ވަޙީގެ މަލާއިކަތާއެވެ. އޭގެ އިތުރަށް ޤިޔާމަތް ދުވަހު ތާޅަފިލި ފުމެލެއްވުމާއި، މަޚްލޫޤުންގެ މަރުހިއްޕެވުމަށް މަލާއިކަތުން ވެއެވެ. اللَّه تَعَالَىއަށް ކިޔަމަންގަނެ އަޅުކަންކޮށް،ޤުރްއާން ކިޔަވައި، اللَّه ހަނދުމަކުރާ މީހުންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރައްވާ މަލާއިކަތުން ވެއެވެ. މީސްތަކުންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުން ވެއެވެ.

ޚުތުބާ

މާތް اللَّهވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. "(ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضرވެ ملائكةއަކު ނެތި، އެނާޔަކަށް އެއްވެސްބަހެއް ނުބުނެވެތެވެ."

އެހެންކަމުން މުއުމިނުން ވާންޖެހޭނީ، ސިއްރާއި ފައުޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު اللَّه تَعَالَى މަލާއިކަތުން ލައްވައިފައިވާކަން ދަނެ، ޢަމަލުތައް ސީދާކޮށް اللَّه تَعَالَىއަށް ތަޤްވާވެރިވާ ބަޔަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
11 Sep 2026 ދީން

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ
04 Sep 2026 ދީން

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި އެމީހުންނަށް އެންމެ ބޮޑަށް އަޅާލަންޖެހޭ މައިންބަފައިންވެސް ހިމެނޭ ކަމަށާ، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފ...