ޖޯގްރަފީގޮތުން ދިވެހިރާއްޖެ، މަލިކު، އަދި ފޯޅަވަހި
ޖޯގްރަފީގޮތުން ދިވެހިރާއްޖެ، މަލިކު، އަދި ފޯޅަވަހި
ރިޕޯޓް 30 Sep 2022 | 10:56

ޖޯގްރަފީގޮތުން ދިވެހިރާއްޖެ، މަލިކު، އަދި ފޯޅަވަހި

ޖޯގްރަފީގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ރަށްތަކާއި، މަލިކާއި, ފޯޅަވަހީގެ ރަށްތަކާއި އޮތް ގުޅުން ވަރަށްވެސް ބޮޑެވެ. އަދި މިއީ ހަމައެކަނި އަތޮޅުތަކަށް ނިސްބަތްވާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާތީ އެއްގޮތްވާ އެއްގޮތްވުމުގެ ވާހަކަ އެކަންޏެއްވެސް ނޫނެވެ.

އެހެންނަމަވެސް އެމައުލޫއަށް ދިއުމުގެ ކުރިން ޤުދުރަތީގޮތުން އަތޮޅަކީ ކޮބައިތޯ ބަލައިލުން މުހިންމެވެ.

އިނގިރޭސި ބަހުގައި "އެޓޯލް" މިލަފްޒު ނެގިފައިވަނީ ދިވެހި ބަހުގައި ކިޔާ "އަތޮޅު" މި ލަފްޒުންނެވެ. އިނގިރޭސި ބަހުގައި "އެޓޯލް" މި ލަފްޒު ބޭނުންކުރަން ފުރަތަމަ ފެށުނީ 1842ވަނަ އަހަރު ޗާޕުކޮށްފައިވާ ޖޯގްރަފީ ޢިލްމުގެ މަޝްހޫރު ފޮތެއް ކަމަށްވާ "ދަ ސްޓްރަކްޗަރ އެންޑް ޑިސްޓްރިބިއުޝަން އޮފް ކޮރަލް ރީފްސް" މިފޮތުގައި "އެޓޯލް" މި ލަފްޒު ބޭނުންކުރުމާ ގުޅިގެންނެވެ.

މި ފޮތުގައި "އެޓޯލް" މާނަކޮށްފައިވަނީ މެދުގައި ފަޅެއް އޮންނަ ގޮތަށް ވަށްބުރުގެ ބައްޓަމަށް އުފެދިފައިވާ ފަރުތަކަށެވެ. އިހުޒަމާނުއްސުރެ ދިވެހީން އަތޮޅު މާނަކުރާ ގޮތަށެވެ.

މިގޮތަށް ވަށައިގެން ފަރުތައް އުފެދިފައި ހުންނަ އިރު އެފަރުތަކުގެ މަތީގައި ރަށްތައް ހިކިފައި ހުރެއެވެ. ވަށައިގެންވާ ފަރުތަކުގެ އެތެރޭގައި ފުންވެފައި އޮންނަ ސަރަޙައްދަށް ކިޔަނީ އެތެރެވަރިއެވެ. އެތެރެވަރިއާ ވީފަޅިއަށް ގިނަ ރަށްތަކުގައި ތުނޑިލާފައި އޮވެއެވެ. އަދި ބޮޑެތި ރަށްތަކުގައި ފަޅު ހެދިފައި އޮންނަނީވެސް އެތެރެވަރިއާ ވީ ފަޅިއަށެވެ.

އަތޮޅުން ބޭރަށް އޮންނަ ފަޅީގައި ވަށައިގެން ފުއްޓަރު ލެވިފައިވެއެވެ.

ދުނިޔޭގެ އެކި ކަނޑުތަކުގައި 400 އަށްވުރެ ގިނަ އަތޮޅުތައް އުފެދިފައިވެއެވެ.

މީގެތެރޭގައި ޕެސިފިކް ކަނޑުގައި އުފެދިފައިވާ އަތޮޅުތައް ވަރަށް ގިނައެވެ. އަތޮޅުތައް އުފެދިފައި ހުންނަނީ ޕްލެޓްފޯމްތަކުގެ މަތީގައެވެ. ޕްލެޓްފޯމަކީ ކަނޑުގެ ފުންމިން އެހެން ސަރަޙައްދުތަކަށްވުރެ ތިލަވެފައި އޮންނަ ތަންތަނެވެ. އަދި އެއް ޕްލެޓްފޯމެއްގައި ގިނަ އަތޮޅުތަކެއް ބަރިބަރިއަށްވެސް ހުރެއެވެ.

"ޗާގޮސް ލަކަޑިވް ރިޖް"

ރާއްޖެ އޮންނަ ޕްލެޓްފޯމަށް އިނގިރޭސިބަހުން ދެވިފައިވާ ނަމަކީ "ޗާގޮސް ލަކަޑިވް ރިޖް" އެވެ.

ޕްލެޓްފޯމްގެ އެންމެ އުތުރަށް އޮތް ލަކުޑިދީބުގެ ރަށްތަކާއި (މަލިކަކީ މިހާރު ލަކުޑިދީބުގެ ރަށެކެވެ) އެންމެ ދެކުނަށް އޮތް ފޯޅަވަހީގެ ރަށްތަކަށް ނިސްބަތްކޮށެވެ. ރާއްޖޭގެ ރަށްތަށް އުފެދިފައިވަނީ ބަރިއަކަށް މިދެ ރަށްތަކުގެ މެދުގައެވެ.

މަޝްހޫރު ސައިންސްވެރިޔާ އަލްފްރެޑް ވެގްނާރގެ ޕްލޭޓް ޓެކްޓޯނިކް ތިއަރީއިން އެނގޭގޮތުގައި ދުނިޔޭގެ ވަށައިގެން މަތީގައި އޮންނަ ހަރު ފަށަލަ، އަޑީގައި އޮންނަ ދިޔާ އަލިފާން ފަށަލައިގެ މަތީގައި ޒަމާންތަކާއެކު ދުވެއެވެ. އަދި އެކި ސަރަޙައްދުތަކުގައި މަތީ ފަށަލައިގައި ކެނޑުންތައް ހުރެއެވެ. މިގޮތަށް ހުންނަ ކެނޑުންތަކުގެ ސަބަބުން މަތީ ފަށަލަ އޮންނަނީ އެކި ބައިބަޔަށް ބެހިފައެވެ.

ފޯޅަވަހި ޖަޒީރާ ނުވަތަ ޗާގޯސް އާކިޕެލަގޯ / ފޮޓޯ: ކައުންޓާފަޔާ

ރާއްޖެ އޮންނަނީ "އިންޑިއަން ޕްލޭޓް" ގެ ނަންދެވިފައިވާ ބައިގައެވެ. މިބައިގައި ކަނޑުގެ ސަރަޙައްދުގައި "ޗާގޮސް ލަކަޑިވް ރިޖް"ގެ ހުޅަނގަށް އަދި ދެކުނަށް އިތުރު އެއްވެސް ޕްލެޓްފޯމެއް ނޯވެއެވެ. އެހެންކަމުން މި ޕްލެޓްފޯމަކީ ކަނޑުގެ ސަރަޙައްދުން އެހެން ޕްލެޓްފޯމްތަކާއި ވަރަށް ބޮޑަށް ވަކިވެފައިވާ ޕްލެޓްފޯމެކެވެ.

ފޯޅަވަހީގެ ރަށްތަކަށް ބަލާއިރު ރާއްޖޭގެ ރަށްތަކާއި ޖޯގްރަފީގޮތުން އެރަށްތަށް ގުޅުން ބޮޑުވާ ސަބަބަކީ މިއެވެ. އެއް ޕްލެޓްފޯމެއްގެ މަތީގައި އުފެދިފައިވުމުންނެވެ. ހަމަ މިއާއެކު ފޯޅަވައްސާ އެންމެ ކައިރީގައި އޮތީވެސް ރާއްޖޭގެ ރަށްތަކެވެ. އެގޮތުން އައްޑު އަތޮޅާއި ފޯޅަވަހީގެ ރަށްތަކާއި ދެމެދުގައިވަނީ 300އެއްހާ މޭލުގެ ދުރުމިނެވެ.

މަލިކު ޖޯގުރަފީ

ފޯޅަވައްސާއި ދެން އެންމެ ކައިރިއަށްވެސް އޮތް ސީޝެލްސް އަކީ އެރަށްތަކަށްވުރެ ހުޅަނގުން 1000މޭލު ދުރުގައިވާ ތަނެކެވެ. އަދި މޮރީޝަސް އަކީ ފޯޅަވައްސަށްވުރެ ހުޅަނގު ދެކުނުން 1300 މޭލު ދުރުގައިވާ ރަށެކެވެ. މޮރީޝަސްއާއި ސީޝެލްސްއަކީ މާސްކަރީން ޕްލެޓްފޯމްގައި އުފެދިފައިވާ ދެރަށެވެ. މި ޕްލެޓްފޯމަކީ "އެފްރިކަން ޕްލޭޓް" ގައި އުފެދިފައިވާ ޕްލެޓްފޯމެކެވެ.

ޖޯގްރަފީ ގޮތުން ބިން އުފެދިފައި އޮންނަ ގޮތް އެނގުމަކީ އިހުޒަމާނުގައި އެކި ރަށްތަކުގެ މެދުގައި ގުޅުންތައް އޮތްގޮތާއި، ދަތުރުތަށް ހުންނާނެގޮތް އަންދާޒާކުރުމަށް މުހިންމު މަގެކެވެ. ރާއްޖޭގެ އުތުރުން މަލިކަކީ މިހާރު އިންޑިއާގެ ރަށަކަށްވީނަމަވެސް ޖޯގްރަފީ ގޮތުން ރާއްޖެއާ ވަރަށް ކައިރި ރަށެކެވެ. އަދި ތާރީޚުން އެނގެން އޮތްގޮތުގައި ކުރީގައި ރާއްޖޭގެ ރަށެކެވެ.

ފޯޅަވައްސަކީ މިހާރުވެސް އިނގިރޭސި ވިލާތާއި މޮރީޝަސްއާ ދެމެދު ކޮން ބަޔަކަށް ނިސްބަތްވާ ތަނެއްކަމާމެދު ސުވާލު އުފެދިފައި އޮތް ރަށްތަކެކެވެ. މިހާރު އިނގިރޭސީންގެ ބެލުމުގެ ދަށުގައި އެރަށްތައް އޮތް ނަމަވެސް، މޮރީޝަސްގެ ރަށްތަކެއް ކަމަށް އެމީހުން ދަޢުވާ ކުރެއެވެ. ސަބަބަކީ 1967ވަނަ އަހަރާއި 1973ވަނަ އަހަރާއި ދެމެދު އެރަށްތަކުގައި އުޅުނު މޮރީޝަސްގެ މީހުން ރަށުން ބޭލުމަށްފަހު އެރަށްތައް އިނގިރޭސީންގެ ސިފައިންގެ ބޭނުމަށް ނަގާފައިވާތީއެވެ.

މޮރީޝަސްގެ މީހުން ފޯޅަވައްސަށް އެންމެ ފުރަތަމަ ގޮސްފައިވަނީ 18ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އެއީ އިނގިރޭސީން މަސައްކަތް ކުރުވުމަށް ގެންދިޔަ ބަޔެކެވެ. ނަމަވެސް އެމީހުން ފަހުންވަނީ މިނިވަންވެ އެރަށްތަކުގައި ދިރިއުޅެން ފަށާފައެވެ. އަދި 1903ވަނަ އަހަރު މޮރީޝަސްގެ ފުރިހަމަ ބެލުމުގެ ދަށަށް ރަށްތައް ލިބުނީއެވެ.

އިނގިރޭސީންގެ ކުރިން ފަރަންސޭސީންވެސް ވަނީ 17ވަނަ ޤަރުނުގައި ފޯޅަވައްސަކީ އެމީހުންގެ ތަނެއް ކަމަށް ކަނޑައަޅާފައެވެ. އަދި އޭގެ ކުރިން ޕޯޗުގީޒުންވެސް ފޯޅަވަހީގެ ވާހަކަ ލިޔެފައިވެއެވެ. ނަމަވެސް އޭރު ވަޒަންވެރިން އުޅޭކަމެއް އެނގޭކަށް ނެތެވެ. ދުރު ތާރީޚަށް ބަލާއިރު ވަޒަންވެރިން އުޅުނުކަން އެނގެން ނެތަސް، ފޯޅަވައްސަކީ އިހު ދިވެހިން ދަންނަ ތަނެއްކަން އެނގެނީ ދިވެހި ނެވިކަމުގެ ފޮތްތަކުގައި ފޯޅަވަހީގެ ވާހަކަ އޮންނާތީއެވެ.

ޖޯގްރަފީގޮތުން ރާއްޖެއާ ގުޅުންއޮތް، އެއް ޕްލެޓްފޯމެއްގައި އުފެދިފައިވާ ރަށްތަކަށް އެހެން ބަޔަކަށްވުރެ ދަތުރުކުރުމަށް ދިވެހިންނަށް ފަސޭހަވާނެއެވެ. ސަބަބަކީ ރާއްޖޭގެ ރަށްތަކާ ކައިރިވެފައި ޕްލެޓްފޯމުގައި ކަނޑު އެހެން ހިސާބުތަކަށްވުރެ ތިލަވުމެވެ. އެހެންކަމުން އިހު ދިވެހިންނާއި މިފަދަ ރަށްތަކާއި އޮތް ގުޅުމަކީ ކޮބައިތޯ މިއީ ބަލާ ދިރާސާކުރަން ޝައުޤުވެރި މައުލޫއެއް ކަމަށް ދެކެމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލޭގެ މުހިއްމު އާސާރުތަކެއް ބެލެހެއްޓުމާއި ސްޓެލްކޯއިން ހަވާލުވެއްޖެ
04 Feb 2024 ހަބަރު

މާލޭގެ މުހިއްމު އާސާރުތަކެއް ބެލެހެއްޓުމާއި ސްޓެލްކޯއިން ހަވާލުވެއްޖެ

ރާއްޖޭގައި އެންމެ އަސާރީ ބިނާތައް ގިނަ މާލޭ ސިޓިގައިވާ މުޙިއްމު އާސާރީތަންތައް ބަލަހައްޓާ އެތަންތަނުގެ އާބާތުރަފިލުވާ ، ޒީނަތްތެރިކުރުމުގެ މަސައްކަތާއި ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)...

ރަމަޟާން މަހަށް ހުކުރުމިސްކިތު މުންނާރާއި މިސްކިތް ހިމެނޭ ސަރަހައްދު ޒީނަތްތެރި ކުރަނީ
04 Jan 2024 ހަބަރު

ރަމަޟާން މަހަށް ހުކުރުމިސްކިތު މުންނާރާއި މިސްކިތް ހިމެނޭ ސަރަހައްދު ޒީނަތްތެރި ކުރަނީ

ކުރިއަށް އޮތް ރަމަޟާން މަހަށް ހުކުރުމިސްކިތު މުންނާރާއި މިސްކިތް ހިމެނޭ ސަރަހައްދު ޒީނަތްތެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވ...

ވާހަކަ: ސިހުރު ހަދަން ނުކުތް ޒުވާނާއަށް ވީގޮތް
30 Jun 2023 ވާހަކަ

ވާހަކަ: ސިހުރު ހަދަން ނުކުތް ޒުވާނާއަށް ވީގޮތް

ދުނިޔެވީ މަގާމުތަކުގެ ދަހިވެތި ކަމުގައި، ނުބައި، ހުތުރުވެގެންވާ ފާފަތަކަށް އަރައިގަންނަ މީހުން، ގަދީމީ ޒަމާނުއްސުރެ ދިރިއުޅެއެވެ. އާރާއި ބާރު ހޯދުމަށްޓަކައި އިންސާނީ ކަރާމާތަށް ބެލުމެއްނެތި، އަމިއްލަ ...

ހަރަމް ތަކުގެ ސައިންޓިފިކް ހަޤީޤަތް ކީރިތި ޤުރުއާނުން
12 Mar 2023 ދީން

ހަރަމް ތަކުގެ ސައިންޓިފިކް ހަޤީޤަތް ކީރިތި ޤުރުއާނުން

މިޞްރުގެ ޖީޒާގައި ހުންނަ ހަރަމް ތަކަކީ ސައިންސްވެރިންވެސް އަޖައިބު ކޮށްލި އެއްޗެކެވެ. އެއާއިބެހޭ ގޮތުން އުފެދޭ ސުވާލުތަކަށް، އެތައް ހޯދުން ތަކަކަށް ފަހުވެސް މްއެމީހުންނަށް ޖަވާބު ހޯދިފައެއް ނުވެއެވެ. ...