އެމެރިކާގެ އަސްކަރީ ބޯޓް-
އެމެރިކާގެ އަސްކަރީ ބޯޓް-
ދުނިޔެ 30 Oct 2026 | 04:43

އެމެރިކާގެ އަސްކަރީ 10 މަތިންދާބޯޓު އިސްރާއީލަށް

މެދުއިރުމަތީގެ މަސްރަޙު ހޫނުވެ، އީރާނާއެކު ކުރަމުންދާ ހަނގުރާމަ އަލުން ފެށިދާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައިވަނިކޮށް، އެމެރިކާގެ ސިފައިންގެ އަސްކަރީ މުދާ އުފުލާ 10 މަތިންދާބޯޓު އިސްރާއީލަށް ޖައްސައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އިސްރާއީލުގެ ކާން ނިއުސް އިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ބޯޓުތައް އިސްރާއީލުގެ ދެކުނުގައިވާ ވައިގެ އަސްކަރީ މަރުކަޒުތަކަށް ޖައްސާފައިވަނީ މުޅި މެދުއިރުމައްޗަށް އަސްކަރީ ސާމާނު ފޯރުކޮށްދިނުމަށް އެމެރިކާއިން ކުރިއަށްގެންދާ ބޮޑު އޮޕަރޭޝަނެއްގެ ދަށުން ބުރާސްފަތި ދުވަހުއެވެ. އެމެރިކާގެ ޓެކްސަސްގެ ފޯޓް ބްލިސް ބޭހުން ފުރައިގެން ދިޔަ މި ބޯޓުތަކުގައި މައިގަނޑު ގޮތެއްގައި ހުރީ ވައިގެ ދިފާޢީ ނިޒާމުތަކަށް ބޭނުންވާ ސާމާނު ކަމަށް ބެލެވެއެވެ.

ފޯޓް ބްލިސް އަކީ އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ބޮޑު އެއް ވައިގެ ދިފާޢީ ގުދަނެވެ. އެހެންކަމުން މި ދަތުރުތަކަކީ އިސްރާއީލުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ ތާޑް (THAAD) އަދި ޕެޓްރިއޮޓް ފަދަ މިސައިލް ދިފާޢީ ނިޒާމުތަކަށް ބޭނުންވާ މިސައިލްތައް އިތުރުކުރުމަށް ކުރެވުނު ދަތުރުތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި އޮޕަރޭޝަނުގައި ބޭނުންކޮށްފައިވަނީ ބޮޑެތި އަދި ބަރު މުދާ އުފުލުމަށް ޚާއްޞަ ސީ-5އެމް ސުޕަރ ގެލެކްސީ ނުވަތަ ސީ-17 ގްލޯބްމާސްޓަރ މަރުކާގެ މަތިންދާބޯޓުތަކެވެ.

މި ބޯޓުތައް ޖައްސާފައިވަނީ އިސްރާއީލުގެ އުވްދާ އަދި ނެވަޓިމް އެއާބޭސް އަށެވެ. މީގެ ތެރެއިން ނެވަޓިމް އަކީ އިސްރާއީލުގެ އެފް-35 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވެސް ބަހައްޓާފައިވާ މައި މަރުކަޒެކެވެ. މީގެއިތުރުން، މި އެއާ ކޮންވޯއީގެ ބައެއް ބޯޓުތައް އުރުދުން، ޤަޠަރު އަދި ސަޢޫދީ ޢަރަބިއްޔާއަށް ވެސް ވަނީ ޖައްސާފައެވެ.

އިސްރާއީލުގެ މަސްދަރުތަކާ ޙަވާލާދީ ކާން ނިއުސް އިން ބުނެފައިވަނީ، އީރާނާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެމެރިކާއާއި އިސްރާއީލާ ދެމެދު ވަރަށް ގާތުން މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ. އަދި އެމެރިކާގެ އިތުރު މަތިންދާބޯޓު އުފުލާ މަނަވަރަކާއި، މެރިން ސިފައިންގެ އިތުރު ފައުޖެއް މެދުއިރުމައްޗަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މި ހުރިހާ ތައްޔާރީތަކެއް ވަމުންދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަފާނެ ކޮންމެ ނިންމުމަކަށް ފުރިހަމައަށް އިޖާބަދިނުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ހަމައެއާއެކު، ސަރަޙައްދުގައި ތިބި އެމެރިކާގެ ބައެއް ސިފައިން އަނބުރާ ގެންދިއުމުގެ އަމުރު ނެރެމުންދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް