ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިމަހި 28 ވަނަ ދުވަހު ސްޕެއިންގައި ހިނގި ރެއިލް އެކްސިޑެންޓްގައި 69 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އެކަމާގުޅިގެން ތަޢުޒިޔާ ވިދާޅުވެ ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ޙާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ މިޙާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
މީގެއިތުރުން، މި ޙާދިސާގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދިވަޑައިގެން، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި ވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް