ޙަސީނާ ޤައުމު ދޫކޮށް ވަޑައިގެންނެވި ވީޑިއޯ ލީކުކުރި ބަންގްލަދޭޝްގެ ކުރީގެ އޮފިސަރު މަރުވެފައި އޮއްވާ ފެނިއްޖެ
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ވެރިކަން ވެއްޓުމާ ގުޅިގެން އެ ޤައުމު ދޫކުރައްވައި ފިއްލަވަން ވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލި ކަމަށް ބެލެވޭ އެ ޤައުމުގެ އެއަރފޯސްގެ ކުރީގެ އޮފިސަރު، ކޭ.އެމް ތަޙްސީފް ސޫރީ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ޢުމުރުން 28 އަހަރުގެ ތަޙްސީފް ގެއްލިގެން ހޯދަމުން ދަނިކޮށް، އޭނާގެ ހަށިގަނޑު ފެނިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:30 ހާއިރު، ވެރިރަށް ޑާކާގެ އުއްތަރުޚާން ސަރަޙައްދުގައި އޮންނަ ތުރާގް ކޯރުގެ ތެރެއިންނެވެ. އޭނާގެ ޖީބުގައި އޮތް އައިފޯނުން އޭނާއަކީ ކާކުކަން ދެނެގަނެވުނުއިރު، އަތުކުރީ ގަޑިއެއްވެސް އޮތް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ތަޙްސީފްގެ ޢާއިލާއިން ބުނާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު އޭނާ މަންމައާއެކު ބާޒާރުކުރަން ގޮސް އުޅުމަށްފަހު، އެރޭ ރަޙުމަތްތެރިއަކު ގުޅުމުން ބޭރަށް ދިޔައީއެވެ. އަދި ދަންވަރު 1:35 ހާއިރު ގެއަށް އަންނަ ކަމަށް ބުނެ މަންމައަށް މެސެޖު ކުރުމަށްފަހު، އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެ ފޯނުވެސް ނުނަގައެވެ. ތަޙްސީފްގެ ބައްޕަ އެނާޔަތުލް ކަރީމް ބުނެފައިވަނީ އޭނާގެ ދަރިފުޅު މަރުވެފައި އޮއްވާ ފެނުނު ސަރަޙައްދަށް އޭނާ ދާންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
މި ޙާދިސާއާ ގުޅިގެން ތަޙްސީފްގެ ދެބެންގެދެދަރި ކޮއްކޮ މުޝްފިކާ ޖަހާން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ތަޙްސީފް މަރާލީ ޝައިޚް ޙަސީނާ ޤައުމު ދޫކުރައްވައި އަސްކަރީ ހެލިކޮޕްޓަރެއްގައި ވަޑައިގެންނެވި ވީޑިއޯ ހިއްސާކުރުމުގެ ސަބަބުން ކަމަށެވެ. މި ވީޑިއޯއާ ގުޅިގެން އޭނާގެ ވަޒީފާ ގެއްލި، ނަފްސާނީ ގޮތުންނާއި އެކި ގޮތްގޮތުން ބިރުދެއްކުންތަކާއި ފުރައްސާރަ ކުރިމަތިވަމުން ދިޔަ ކަމަށްވެސް ޢާއިލާއިން ތުހުމަތު ކުރެއެވެ.
ތަޙްސީފަކީ އިންޑިއާގެ ޖާސޫސީ އިދާރާ (ރޯ) އަށް މަސައްކަތްކުރާ މީހެއް ކަމަށް ބުނެ ނޫހަކުން ޚަބަރު ފެތުރުމާ ގުޅިގެން، އޭނާގެ ޕާސްޕޯޓް ދެ އަހަރަށް ހިފަހައްޓައި، ވަޒީފާއިންވެސް ވަކިކޮށްފައިވާ މީހެކެވެ. މަރުވުމުގެ މަދު މަސްތަކެއް ކުރިން އޭނާ ވަނީ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން، ޤައުމަށްޓަކައި ޤުރުބާންވުމަށްވުރެ ބޮޑު ފަޚުރެއް ނޯންނާނެ ކަމަށް ބުނެފައެވެ.
ފުލުހުން މި މައްސަލައިގެ ތަޙުޤީޤު އަދި ނިންމާފައި ނުވި ނަމަވެސް، އޭނާގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ޝަހީދު ސުހްރަވަރްދީ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި މަރާ ގުޅިގެން ބަންގްލަދޭޝްގައި ރައްޔިތުންގެ ރައްކާތެރިކަމާ މެދު އަނެއްކާވެސް ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް