ބޫޓާން އަތުން ބަންގްލަދޭޝްއަށް އުނދަގޫ މޮޅެއް
ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗް ބޫޓާން އަތުން ހަނިގޮތަކަށް މޮޅުވެއްޖެއެވެ.
މިމެޗް ބޫޓާނުގެ މައްޗަށް ބަންގްލަދޭޝް އިން ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. ބަންގްލަދޭޝްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް އެވެ. މެޗުގެ 65 ވަނަ މިނެޓުގައި ކުޅެން އެރިތާ އެންމެ ހަތަރު މިނެޓު ތެރޭގައި އޭނާ މި ލަނޑު ޖެހީ، ޝާމިތު ޝޯމް ބޮލުން ފޮނުވާލި ބޯޅައެއް ބޫޓާންގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި ލިބުމުންނެވެ.
މެޗު ފެށުމުގެ ކުރިން ބަންގްލަދޭޝްއަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވީ، ވޯމްއަޕްގެ ތެރޭގައި އެގައުމުގެ ތަޖުރިބާކާރު ޑިފެންޑަރު ޓޯޕޫ ބަރްމަންއަށް އަނިޔާވުމުންނެވެ. މިކަމުގެ ސަބަބުން ކޯޗު ތޯމަސް ޑޫލީއަށް ޖެހުނީ ޓީމުގެ ރޭވުންތަކަށް ކުއްލި ބަދަލުތަކެއް ގެންނާށެވެ. އެގޮތުން، އާންމުކޮށް ޑިފެންޑަރެއްގެ ގޮތުގައި ކުޅޭ ބިޝްވަނާތު ގޯޝް މި މެޗުގައި ފެނިގެންދިޔައީ ފޯވާޑެއްގެ މަގާމުންނެވެ. ނަމަވެސް، ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުންހިފުމުގައި އޭނާއަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.
ބަންގްލަދޭޝްއިން މެޗުގެ ބޮޑު ބައި ކޮންޓްރޯލް ކުރި ނަމަވެސް، ބޫޓާންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އެޓީމަށް ވަނީ ބޮޑު މަސައްކަތެއް ކުރަން ޖެހުނެވެ. މި މޮޅާއެކު ބަންގްލަދޭޝްއަށް ވަނީ މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށް ބޮޑު އިތުބާރެއް ލިބިފައެވެ. އެޓީމުގެ ދެވަނަ މެޗުގައި ނޮވެމްބަރު 11 ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި ފޯރިގަދަ ކުރިމަތިލުން 3-2 އިން ކާމިޔާބުކުރީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއެވެ. ތިން ލަނޑުގެ ލީޑެއްގައި އޮވެ އިންޑިއާއިން މެޗު ކާމިޔާބުކުރިއިރު، ޕާކިސްތާނުން ވަނީ މެޗުގެ ފަހު ވަގުތުކޮޅުގައި ދެ ލަނޑު ޖަހައި އިންޑިއާއަށް ނުރައްކާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް