ޕެންޝަން ސްކީމުން 4.30 މިލިއަން ރުފިޔާ ދޫކޮށްފި
ނިމިދިޔަ އޮކްޓޫބަރު މަހު އަސާސީ ޕެންޝަނުގެ ގޮތުގައި 128.98 މިލިއަން ރުފިޔާ އަދި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޕެންޝަންގެ ގޮތުގައި 4.30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.
މީގެއިތުރުން، އޮކްޓޫބަރު މަހު މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން 2،000 އަށްވުރެ ގިނަ މެންބަރުންނަށް 14.84 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އެ އޮފީހުން މައުލޫމާތު ދެއެވެ.
ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދެ ބައެއްގެ މައްޗަށެވެ. އެއީ ވަޒީފާއިން މުސްކުޅިކުރާ ޢުމުރުގައި މާލީ ރައްކާތެރިކަން ހޯދުމަށް ފައިސާ ރައްކާކުރުމުގެ ފުރުޞަތު ފަހިކޮށްދޭ "މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް" އަދި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ދެމުން އަންނަ "އަސާސީ ޕެންޝަން" އެވެ. މީގެއިތުރުން ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ދެވޭ ޚާއްޞަ ޢިނާޔަތްތަކާއި، ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް ޕެންޝަންތައް ހިންގާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތުވެސް އަދާކުރަނީ ޕެންޝަން އޮފީހުންނެވެ.
ޕެންޝަން އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދޮށީ ޢުމުރުގެ ރައްޔިތުން ފަޤީރުކަމުން ރައްކާތެރިކޮށް، އެ ފަރާތްތަކަށް އެކަށޭނަ އަސާސީ އާމްދަނީއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ދައުލަތުން ދޭ އަސާސީ ޕެންޝަން މިދިޔަ މަހު 27،420 މީހަކަށް ވަނީ ޖަމާކޮށްދީފައެވެ. އެއީ ޖުމްލަ 128.98 މިލިއަން ރުފިޔާއެވެ.
ހަމައެއާއެކު، ދައުލަތުގެ މުއައްސަސާތަކުގައި 20 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޫކުރެވޭ "ދިގު މުއްދަތުގެ ޚިދުމަތުގެ ޕެންޝަން" 2،198 ބޭފުޅަކަށް ވަނީ ދޫކޮށްފައެވެ. އެއީ ޖުމްލަ 4.30 މިލިއަން ރުފިޔާއެވެ.
މީގެއިތުރުން، ދައުލަތުގެ އެކި މުއައްސަސާތަކާއި ޔުނިފޯމް އެޅި ޚިދުމަތްތަކުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާ ފަރާތްތަކަށް ދޭ ދައުލަތުގެ އެހެނިހެން ޕެންޝަންގެ ގޮތުގައި 4،847 ފަރާތަކަށް 26.06 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން މަހުން މަހަށް ޖަމާކުރާ ފައިސާގެ މައްޗަށް ބިނާވެފައިވާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އިން އޮކްޓޫބަރު މަހު 2،773 މީހުންނަށް 14.84 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މި ސްކީމުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ އަދާކުރާ ދުވަސްވަރު ފައިސާ ރައްކާކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ވަޒީފާއިން ވަކިވުމަށްފަހު ރައްޔިތުންނަށް ދެމެހެއްޓެނިވި މާލީ އާމްދަނީއެއް ކަށަވަރުކޮށްދިނުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް