ފެންބޮޑުވެފައި އޮތުމުން ބަރުއުޅަނދު ނުދުއްވަން ފުލުހުން އެދިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ ބަރު އުޅަނދު މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް ފުލުހުން އެދިއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯހެވެ. ޚާއްސަކޮށް މާލެ ސަރަހައްދަށް މި ދެތީން ދުވަހު މޫސުން ވަރަށް ގޯހެވެ. މިއަދާ މިރޭ ކުރި، ކުރަމުންދާ ވިއްސާރާގައި މާލޭގެ ބޮޑު ސަރަހައްދެއް ގައި ވަނީ ފެން ބޮޑުވެފަ އެވެ.
ފެންބޮޑުވެފައިވާ ވަގުތު ބަރު އުޅަނދު ދުއްވުމާއި ބާރު ސްޕީޑްގައި ވެހިކަލް ދުއްވުމުން ގެތަކާއި ފިހާރަތަކަށް ފެންވަދެ ގެއްލުންވެ އެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ފެން ހިންދުމަށް މާލޭގެ 6 ސަރަހައްދެއްގައި 13 ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.
ޕަންޕު ބަހައްޓާފައި ވަނީ އައިޖީއެމްއެޗް ސަރަހައްދާއި މާފަންނު ފެރީ ޓާމިނަލާއި ވެސްޓްޕާކާއި ސަލްމާން މިސްކިތާއި ބޮޑުވަޅު ކައިރީ އަދި ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގަ އެވެ.
މީގެ އިތުރުން ކ. ގުރައިދޫއާއި ކ. ހުރާގައި ފެންބޮޑުވެ، ފެން ހިންދުމުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް