އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޗަންދްރިކަ ވަޑައިގަންނަވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދްރިކަ ކުމާރަތުންގަ ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.
މިއަދުގެ ވަގުތެއްގައި ޗަންދްރިކަ ރާއްޖެއަށް ވަޑައިގެންނެވިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެކަމަނާއަށް މަރުހަބާ ދެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޗަންދްރިކަގެ އިތުރުން މިއަދު ވަނީ މި ހަފްލާގައި ބައިވެރިވުމަށް ސިޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ކެބިނެޓް އެފެއާޒް، މުހައްމަދު އަފީފުވެސް ރާއްޖެއަށް ވަނީ ވަޑައިގަންނަވާފައެވެ. މުހައްމަދު އަފީފަކީ ސުވައިދީބު ޖުމްހޫރިއްޔާގެ ރައީސް، އަބްދުﷲ އަފީފްގެ ދަރިކަލުންނެވެ.
މިބޭފުޅުންގެ އިތުރުން މާދަމާގެ ވަގުތެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވެސް ރާއްޖެއަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފްލާއަށް ސަރުކާރުން ދަނީ ގަލޮޅު ބޯޅަދަނޑުގައި ގިނަ އިންތިޒާމްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް