N/A
N/A
ވާހަކަ 18 Jan 2023 | 03:30

ވާހަކަ: ޠަލްހާ ބިން އުބައިދުﷲ- ދިރިހުންނެވި ޝަހީދު (1)

މައްކާގެ އުދަރެހުން އިރު އޮއްސި ދުވާލަށް އަލްވަދާއު ކިޔައިފިއެވެ. އައު ދުވަހަކަށް ބައްދަލުކުރުމުގެ އުއްމީދުގައެވެ. ފަޒާގައިވަނީ ހިތްގައިމު ކުރުވަނިވި އިހުސާސެކެވެ. ހިނދުކޮޅެއްގެ ތެރޭގައި މުޅި މައްކާއަށް  އަނދިރިކަން ވެރިވެ، މައްކާގެ ރަށް ބޭރުގައިވާ ފަރުބަދަތަކަށް ވަށާލީ ހަމަހިމޭން ކަމުންނެވެ.

މި ހަމަހިމޭން އަނދިރީގައި ޒުވާނުންގެ ގެ ޖަމާއަތެއް މައްކާގެ ރަށްބޭރު އެސަރަހައްދުގައި ކޮންމެވެސް ވާހަކަތަކެއް ދައްކަވަމުން ހިންގަވަމުންދިޔައެވެ. އެބޭފުޅުންގެ އަޑު ބައެއްފަހަރު ގަދަވާހެންވެސް ހީވެއެވެ. އަދި އެ ގަދަވާ ކޮންމެ ފަހަރަކު ގުރައިޝުންގެ ބޮޑުންގެ ޖާސޫސްކުރާ މީހުންގެ ކަންފަތްތަކަށް އެބޭފުޅުންގެ އަޑު ފޯރާފާނެކަން ހަނދާންކޮށްދެއްވަމުން ދިޔައެވެ. އެބޭފުޅުންގެ އަޑު އެ ޖަދޫސޫސުންނަށް އިވިއްޖެ ނަމަ ވަރުގަދަ ވޭން ހުރި އަދަބު ލިބޭނެކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވައެވެ.

ހިނދުކޮޅަކަށް އެބޭފުޅުން އެއްކޮށް ހަމަހިމޭންވެ ދުރުން އިވެމުންދިޔަ އަޑަށް ސަމާލުވެލެއްވިއެވެ. ކަނު އަދިރީގައި، އެ ޒުވާނުންނާއި ކައިރިވަމުން އައީ ޝާމްކަރަ (ސީރިއާ) އިން ވިޔަފާރި މުދާ ހިފައިގެން އަންނަ ޖަމަލެކެވެ. ބަލަބަލައި ހުއްޓައި އެ ޖަމަލު އެބޭކަލުން ތިއްބެވި  ހިސާބައް މަޑު ކޮށްލައި އޭގެން ޒުވާނަކު ފައިބައިވަޑައިގެންފިއެވެ. އެ ޒުވާނާ ދުވެވަޑައިގަތީ އެތަނުގައި ތިބި ޒުވާނުންގެ ޖަމާޢަތާ ދިމާއަށެވެ.

އެ ޒުވާނާ އާއި އެ ޖަމާޢަތުގައި ތިބި ޒުވާނުން އެއްބަޔަކު އަނެއްބަޔަކަށް ނަޒަރު ހިންގާލެއްވިއެވެ. ޖަމަލުން ފައިބައިވަޑައިގެން އެ އައީ ކޮންބޭފުޅެއްތޯ ޔަގީން ކުރާކަހަލަގޮތަކަށެވެ.

އެއީ ޤުރައިޝް ވަންހައިގެ ތައިމު ގެ ގަބީލާ އަށް ނިސްބަތްވެ ވަޑައިގަންނަވާ ތަލްްހާ ބިން އުބައިދުﷲ ބިން އުސްމާން ބިން އަމުރު ބިން ކައުބު ބިން ތައިމް ބިން މުއްރާ ބިން ކައުބު ބިން ލުއައްޔު ބިން ޣާލިބު އަލް ގުރައިޝީ އަލް ތައިމީއެވެ. އެއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި 5 ވަނަ ކާފާފުޅުން ގުޅިވަޑައިގަންނަވާ ބޭފުޅެކެވެ. އެކަލޭގެފާނުގެ ކުންޔާއަކީ އަބޫ މުހައްމަދެވެ. އަދި މަންމާފުޅަކީ އައްސައުބާ ބިންތި އަބްދުﷲ ބިން އައްބާދު ބިން މާލިކެވެ.

އެކަލޭގެފާނަށް ޝާމްކަރައިގެ ދަތުރުފުޅުން ދިމާވި ކަމާކައި ގުޅިގެން، މައްކާއަށް ވަޑައިގެންނެވިއިރު ހުންނެވީ ވަރަށް ހިތްއަވަސްވެވަޑައިގެންފައެވެ.

އެހެންކަމުން، ލަސްނުކުރައްވައި މައްކާގެ ހަބަރާކީ ކޮބައިތޯ މައްކާގެ އެ ޖަމާއަތުގައި ތިއްބެވި ބޭފުޅުންގެ އަރިހުގައި އެއްސެވިއެވެ.

ޠަލްހާގެފާނުގެ ސުވާލަށް ޖަވާބުދެއްވުމަށް ޒުބައިރު ބިން ޢައްވާމް އަވަސްވެގެންނެވިއެވެ. މައްކާގެ އެތޭރޭގައި ހަމަނުޖެހުންތައް އުފެދި މަޝްރަހު ހަލަބޮލި ވެފައިވާ ހަބަރު ޠަލްހާގެފާނަށްދެއްވެވިއެވެ. އަދި މުހައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް އަކީ ﷲގެ ރަސޫލެއް ކަމުގައި ފޮނުއްވާފައިވާ ކަމަށާއި، އެކަލޭގެފާނު(ޞައްލަﷲ ޢަލައިހި ވަސައްލަމް) އައު ދީނަކަށް މީސްތަކުންނަށް ދައުވަތު ދެއްވާކަމަށާއި، ބުދުތަކަށް އަޅުކަން ކުރުން ދޫކޮށް، އުޑުތަކާއި ބިމާއި، އިންސާނުންނާއި އަދި މި ކާއިނާތުގައިވާހާ ތަކެއްޗެއް ހެއްދެވި އެއްކައުވަންތަ ﷲއަށް އަޅުކަން ކުރުމަށް އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް ) ގޮވާލައްވާކަމަށްވެސް ޒުބައިރުގެފާނު ޠަލްހާގެފާނަށް އަންގަވައިދެއްވިއެވެ. އަދި މުހައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް އެބޭފުޅުންނަށް އަންގަވަނީ އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ނުކުރުމަށާއި އަޅުންނަށްވެސް ހެޔޮކޮށް ހިތުމަށް ކަމަށެވެ.  އަދި މީގެ އިތުރުންވެސް ފަގީރުންނަށް ހެޔޮކޮށް ހިތުމަށް މުއްސަނދިންނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގޮވާލައްވާކަމަށް ޒުބައިރުގެފާނު ވިދާޅުވިއެވެ.

މިވާހަކަތައް އަޑުއައްސަވާފައި ޠަލްހާގެފާނަށް ވަރަށް ބޮޑަށް އަސަރުކުރެއްވިއެވެ. އަދި މުހައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެ އެ ގޮވައިލެއްވުމަށް އެއްވެސް ބަޔަކު އިޖާބަ ދެއްވިތޯ ސުވާލުކުރެއްވިއެވެ. އެ ސުވާލުގެ ޖަވާބުގައި، އަބޫބަކުރު ރަޟިޔަﷲ ޢަންހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެ ގޮވައިލެއްވުމަށް އިޖާބަދެއްވައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އެއްބާރުލުން ދެއްވަމުން ގެންދަވާކަން ޒުބައިރުގެފާނު ވިދާޅުވިއެވެ.

ޠަލްހާގެފާނު ވަރަށް ޝައުގުވެރިކަމާއެކު ޒުބައިރުގެފާނުގެ އަރިހުން އެކަލޭގެފާނު އެ ދީން ގަބޫލުފުޅުކުރެއްވިތޯ އެއްސެވިއެވެ.

" އަހަރެމެން އެންމެންވެސް އެކަލޭގެފާނުގެ ދައުވަތު ގެ ތެދުކަން ގަބޫލުކޮށް އެއާއި އެގޮތަށް އަމަލު ކުރަން" ޖަވާބުގައި ޒުބައިރުގެފާނު ވިދާޅުވިއެވެ.

ދެން އެތަނުގައި ތިބި ހުރިހާ ބޭފުޅުންގެ މޫނަށް ޠަލްހާގެފާނު ބައްލަވައިލެއްވިއެވެ. އެއީ މައްކާއިން އެކަލޭގެފާނު ދަންނަ އެންމެ ރަނގަޅު ބޭފުޅުންނެވެ. އެހެންކަމުން ހަމަ އެވަގުތު އެކަލޭގެފާނު އިސްލާމް ވެ ވަޑައިގަތެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގޮވައިލެއްވުމަށް ފުރިހަމަ އަށް އިޖާބަދެއްވާނެކަމަށާއި އެކަލޭގެފާނު(ސައްލަﷲ ޢަލައިހި ވަސައްލަމްގެ) އެ ރިސާލަތުގެ ދިފާއުގައި ދެމިހުންނަވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ. މުހައްމަދު ( ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ ހަގީގަތުގައި ވެސް ﷲ  ގެ ރަސޫލެއް ކަމަށްވެސް ޠަލްހާގެފާނު މައްކާގެ އެބޭފުޅުންގެ އަރިހުގައި ދެންނެވިއެވެ.

ޠަލްހާގެފާނު މިފަދައިން ވިދާޅުވުމުން އެބޭފުޅުންގެ މޫނުފުޅުމައްޗަށް ހައިރާންކަން ގެނުވިއެވެ. އަދި އެބޭފުޅުންގެ މޫނުފުޅުމަތިން ފެންނަމުންދިޔަ އަސަރުތަކުން،  ޠަލްހާގެފާނަށް އެކަން އެނގިވަޑައިގަތްގޮތެއް ބައްލަވަން އެބޭފުޅުން ބޭނުންވެވަޑައިގެންފައިވާ ކަން ޠަލްހާގެފާނަށް ހީފުޅުވިއެވެ. އެހެންކަމުން އަބޫބަކުރު ރަޟިޔަﷲ ޢަންހު ގެ ގެކޮޅުން އެކަލޭގެފާނާއި ބައްދަލުކުރެއްވުމަށް އެބޭފުޅުންގެ އަރިހުން ޠަލްހާގެފާނު އެދުނެވެ. އަދި އެ ބައްދަލުވުމުގައި، އެކަލޭގެފާނުގެ ސީރިޔާގެ ދަތުރުފުޅުގައި ދިމާވި ހުރިހާ ކަންތައްތަކެއްގެ ވާހަކަ ކިޔައިދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ ބޭފުޅުން އަވަސްވެ ވަޑައިގަތީ އަބޫބަކުރުގެފާނުގެ ގެކޮޅަށް ދިއުމަށެވެ. އަދި އަބޫބަކުރުގެފާނުގެ އަރިހުގައި ޠަލްހާގެފާނާއި ދެކެވުނު ވާހަކަތައް ހިއްސާކުރައްވައި ، ޠަލްހާގެފާނު ކިޔައިދެއްވަން ބޭނުންފުޅުވާ ވާހަކަފުޅުތަކެއް ހުންނެވިކަމަށް އެކަލޭގެފާނަށް ދެންނެވިއެވެ. އެ ބޭފުޅުން ތިއްބެވީ ޠަލްހާގެފާނު ވަޑައިގެން އެވާހަކަތައް ކިޔައިދެއްވާނެ އިރަކަށް އިންތިޒާރު ކުރައްވަ ކުރައްވައެވެ.

ތަލްހާގެފާނު އަބޫބަކުރު ރަޟިޔަﷲ ޢަންހު ގެ ގެކޮޅަށް ވަޑައިގެންނެވި އިރު އެކަލޭގެފާނުގެ އިންތިޒާރުގައި އެހެން ބޭފުޅުން ތިއްބެވިއެވެ. އެހެންކަމުން ލަސްނުކުރައްވައި އެކަލޭގެފާނަށް ސީރިޔާގެ ދަތުރުފުޅުގައި ފެނިވަޑައިގަތް ކަންތައްތަކާއި އިވިވަޑައިގަތް ވާހަކަފުޅުތައް ކިޔައިދެއްވަން ފެއްޓެވި އެވެ.

"އަހަރެން ބަޒްރާ އޭ ކިޔުނު ބާޒާރުމަތީގައި ހުއްޓައި ފާދިރީ އަކު މައްކާއިން އެއްވެސް ދަތުރު ވެރިއަކު އައިސް ހުރިތޯ މީހުން ކައިރިން އަހާ އަޑު އިވުނު. އެހެންކަމުން އަހަރެން އެ މީހާ ކައިރިއަށް ގޮސް ބުނިން، އަހަރެން މިއީ މައްކާގެ އައިސް ހުރި މީހެކޭ. އެ ފާދިރީ ދެން އަހަރެން ކައިރީ އެހި:' އަހުމަދު ( ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ދެވިފައިވާ އެހެން ނަންފުޅެއް) ފާޅުވެއްޖެތަ؟'

ދެން އަހަރެން އޭނާ ކައިރިން އެހިން އަހުމަދަކީ ކަކުތޯ؟ ޖަވާބުގައި އޭނާ ބުނި: ' އަހަރެމެންގެ ފަތްފުށްތަކުގައިވާ ގޮތުން ތިބާގެ ބިމުން ނަބީބޭކަލު ފާޅުކުރައްވާނެ. އެބޭކަލަކު ފާޅުކުރެއްވުމުގެ ވަގުތުވަނީ ކުޑަތަންވެފަ. އެއީ އެންމެ ފަހުގެ ރަސޫލާ. އެކަލޭގެފަނު ފާޅުވާނީ މައްކައިން. އަދި ރުއްތަކުން ފުރިގެންވާ ރަށަކަށް އެކަލޭގެފަނު ހިޖުރަ ކުރައްވާނެ. އެކަލޭގެފާނު ގޮވާލައްވާ ގޮވާލެއްވުމަށް ފުރަތަމަ އިޖާބަ ދޭ މީހަކަށް ވެވެން އޮތްނަމަ ތިބާ ވާތި.'

އަހަރެންގެ އެ ދަތުރު ކުރުކޮށްލައްވައި އެނބުރި އައި ސަބަބު މިހާރު ތި އެންމެ ބޭފުޅުންނަށް އެނގި ވަޑައިގެންފި ކަމަށް ދެކެން. އަހަރެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ގެންގޮސްދީ!"

އަބޫބަކުރުގެފާނާއި ދެން ތިއްބެވި ބޭފުޅުންގެ ތަލްހާގެފާނުގެ މިވާހަކަ އަޑުއައްސަވާފައި ވަރަށް އުފާފުޅު ވިއެވެ. އެކަލޭގެފާނަކީ ޠައިމު ވަންހައިން ދެވަނައަށް އިސްލާމް ވި ޒުވާނާ އެވެ.

އަބޫބަކުރުގެފާނުގެ އަރިހުގައި ޠަލްހާގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން އިސްލާމްވެވަޑައިގެންނެވިއެވެ. ތަލްހާގެފާނު ވެވަޑައިގެންފައިވަނީ އެންމެ ފުރަތަމަ އިސްލާމްދީން ގަބޫލުކުޅަ 8 ބޭފުޅުންގެ ތެރޭގައެވެ. އަދި އަބޫބަކުރުގެފާނުގެ އަތްޕުޅުމައްޗަށް އިސްލާމްވެވަޑައިގަތް 5 ބޭކަލުންގެ ތެރޭގައި ތަލްހާގެފާނު ހިމެނިވަޑައިގަންނަވައެވެ.

އިސްލާމް ދީން ގަބޫލުފުޅު ކުރެއްވި ނަމަވެސް އެކަން ސިއްރު ކުރެއްވުމަށް ޠަލްހާގެފާނަށް ނަސޭހަތް ތެރިވެވުނެވެ. އެހެނީ ގުރައިޝުންގެ ބޮޑުންނަށް އެކަން އެނގިއްޖެނަމަ ވޭންދެނިވި އަދަބު ލިބޭނެއެވެ. އަލަށް އިސްލާމްވެފައިވާ ފަރާތްތަކަށް ކުރިމަތި ވަމުންދާ ފިއްތުންތަކުގެ ވާހަކަ އަބޫބަކުރުގެފާނު ޠަލްހާގެފާނަށް ކިޔައިދެއްވިއެވެ. އެހެންކަމުން އެކަލޭގެފާނު ހުންނެވީ އިސްލާމް ދީން ގަބޫލުފުޅު ކުރެއްވި ކަން ސިއްރު ކުރައްވައިގެންނެވެ. އަދި ވީޔަފާރި ކުރައްވަމުން މުސްލިމުންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އެކަލޭގެފާނު ކުރިއަށް ދިޔައެވެ.

ޠަލްހާގެފާނު އިސްލާމްދީން ގަބޫލު ކުރެއްވި ކަން މައްކާގެ މުޝްރިކުންނަށް އެނގުމަށް ފަހުގައިވެސް އެކަލޭގެފާނަށް އެއްވެސް އަނިޔާއެއް ކުރާކަށް އެމީހުންނަށް ނުކެރުނެވެ. އެހެނީ ޠަލްހާގެފާނަކީ މުދަލުގެގޮތުން ތަނަވަސް ބޭފުޅެކެވެ. އަދި ގުރައިޝުންނަކީ އެހެން ހުރިހާ އެއްޗަކަށް ވުރެވެސް ބޮޑަށް މުދަލަށް އިސްކަންދޭ ބައެކެވެ. އަދި މީގެ އިތުރުންތަލްހާ އެކަލޭގެފާނަކީ ބަނީ ތައިމަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި ބަނީ ތައިމު ވަންހަގެ އިސްލާމްވި ބޭކަލުންނަށް އެބޭކަލުންގެ ގާތްތިމާގެ މީހުންގެ ފަރާތުން އެހެން ގަބީލާތަކުގެ ބޭބޭފުޅުންނަށް ލިބުނުފަދަ އަނިޔާއެއް ލިބިފައިވާކަމަކަށް ތާރީޚުން ނުފެނެއެވެ.

މަދިނާ އަށް ހިޖުރަކުރެއްވުން

އިސްލާމްދީން ގަބޫލު ކުރެއްވި ކަމުގެ ސަބަބުން ނިކަމެތި މުސްލިމުންނަށް ގުރައިޝުންގެ ފަރާތުން ކެނޑިނޭޅި އަނޔާއާއި ފިއްތުންތައް ކުރިމަތިވަމުން ދިޔައެވެ. އިސްލާމްދީން ގަބޫލު ކުރެއްވި ކަމަށްޓަކައި މުސްލިމުންނަށް ގުރައިޝުންގެ ފަރާތުން ލިބެމުންދިޔަ އަނިޔާތައް ފެނިވަޑައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރުކުރުވައެވެ. އެހެންކަމުން މައްކާ ދޫކުރައްވާ މަދީނާއަށް ހިޖުރަ ކުރެއްވުމަށް މުސްލިމުންނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވިއެވެ. އެގޮތުން މުޝްރިކުންނަށް ފިލައިގެން މުސްލިމުން މަދީނާއަށް ހިޖުރަ ކުރައްވަން ފެއްޓެވިއެވެ. މައްކާ ދޫކުރައްވާ ވަޑައިގެންނެވުމަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްވެސް އަދި މުސްލިމުން ވެސް ބޭނުންވި ގޮތެއް ނޫނެވެ. އެހެންނަމަވެސް އެ ބޭފުޅުންނަށް އެނޫން އިތުރު ގޮތެއް ނެތުމުން އެގޮތް އިހުތިޔާރު ކުރެއްވީއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަބޫބަކުރުގެފާނުގެ އަރިހުގައި މަދީނާ އަށް ހިޖުރަ ކުރެއްވުމުގެ ދަތުރު ފެއްޓެވިއިރު ޠަލްހާގެފާނު ހުންނެވީ ވިޔަފާރި ދަތުރު ފުޅެއްގައި މައްކާއިން ބޭރުގައެވެ. އެކަލޭގެފާނު ސީރިޔާއިން އެނބުރި މައްކާއަށް ދިޔަ މަގުމަތީގައި މަދީނާގެ އަހުލުވެރިން މަދީނާއިން ބޭރުގައި ކޭންޕު ޖައްސަވައިގެން ތިއްބެވިތަން ފެނިވަޑައިގަތެވެ. އެއްވެސް މުނާސަބަތެއް ފާހަގަ ކުރާ ދުވަސްވަރެއް ނޫން އިރު މަދީނާގެ އަހުލުވެރިން އެގޮތަށް އެތަނުގައި އެ ތިއްބެވީ ކީއްވެތޯ ޠަލްހާގެފާނު އެއްސެވިއެވެ. މަދީނާގެ އަހުލުވެރިން އެ އިންތިޒާރު ކުރައްވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަޑައިގަންނަވާނެ އިރަކަށް ކަން އެމީހުންގެ ފަރާތުން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ.

އެހެންކަމުން ވީ އެންމެ އަވަހަކަށް މައްކާއަށް ވަޑައިގަތުމަށް ޠަލްހާގެފާނު އަވަސްވެގެންނެވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ކުރިން އެކަލޭގެފާނާއި ބައްދަލުކޮށްލުމަށެވެ.  މަދީނާ ކައިރީ ސަރަހައްދަކުން ޠަލްހާގެފާނާއި އަބޫބަކުރުގެފާނު އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބައްދަލުވިއެވެ. އެ ބައްދަލުވުމައި މަދީނާގެ އަހުލުވެރިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ބައްދަލު ކުރެއްވުމަށް ކެތްމަދުވެފައިވާކަން އެކަލޭގެފާނު ފާހަގަކުރެއްވިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އަބޫބަކުރުގެފާނަށް  މަދީނާއަށް ދިޔުމުގެ ކުރިން ތުރުކުރައްވާނެ އައު ހެދުން ކޮޅެއް ދެއްވުމަށްފަހު ޠަލްހާގެފާނު މައްކާއަށް ކުރައްވަމުން ގެންދެވިދަތުރު ކުރިއަށް ގެންދެވިއެވެ.

އެއީ އެކަލޭގެފާނުގެ އަތްޕުޅުގައި ސީރިޔާއިން ގެނަ މައްކާގެ ވިޔަފާރިވެރިންގެ މުދާ ހުރުމުން އެ މުދާތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރެއްވުމަށެވެ. މައްކާ އަށް ވަޑައިގެންނެވުމާއި އެކު އެކަލޭގެފާނު ގެންނެވި މުދާތައް އޭގެ ވެރިފަރާތަކާއި ހަވާލު ކުރެއްވުމަށްފަހު އެކަލޭގެފާނުގެ ގާތްތިމާގެ ބޭކަލުންނާއި އަބޫބަކުރުގެފާނުގެ އާއިލާއާއިއެކު މަދީނާއަށް ވަޑައިގަތެވެ. ސިއްރުން ރޭގަނޑުގެ ކަނު އަނދިރީގައެވެ.

މައްކާގެ މުހާޖިރުން މަދީނާއަށް ހިޖުރަ ކުރެއްވުމާއި ވިދިގެން ކުރެއްވުނު ދެވަނަ މުއާޚާ (އަޚް ކުރެއްވުން) ގައި ތަލްހާގެފާނު އާއިއެކު މުއާޚާ ކުރެއްވުނީ އަބޫ އައްޔޫބުލް އަންސާރީ އާއިއެވެ.

މަދީނާއަށް ހިޖުރަ ކުރެއްވުމާއި އެކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހަށް އެކަލޭގެފާނު ޒިޔާރަތް ކުރެއްވިއެވެ. އަދި އެކަލޭގެފާނަށް އެހީވެވެން އޮތް ހުރިހާ ގޮތަކުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް  އެހީވެދެން ހުންނެވިކަމަށް ދެންނެވިއެވެ. އެކަލޭގެފާނަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވަރަށް ކިޔަމަންތެރިވި ސަހާބީބޭކަލެކެވެ. އެކަލޭގެފާނުގެ ހުރިހާ މުދަލެއް އިސްލާމް ދީނަށްޓަކައި ހޭދަކުރެއްވިއެވެ. އަދި އިސްލާމްދީން ފެތުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވިއެވެ.

(ނުނިމޭ)

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޞަޙާބިއްޔާއިންގެ ތެރެއިން، އަސްމާ ބިންތު އުމައިސް (ރއ)ގެ ހިތްވަރާއި ސާބިތު ކަމުގެ ވާހަކަ!
12 Mar 2024 ވާހަކަ

ޞަޙާބިއްޔާއިންގެ ތެރެއިން، އަސްމާ ބިންތު އުމައިސް (ރއ)ގެ ހިތްވަރާއި ސާބިތު ކަމުގެ ވާހަކަ!

އިސްލާމީ ތާރީޚަށް ބަލާލާއިރު، އަހަރެމެންނަށް ފެންނަނީ ހަމައެކަނި ޞަޙާބީންގެ ހިތްވަރާއިޒ ޢަޒުމާއި އެބޭކަލުން ދީނުގެ ހައްގުގައި ވެވަޑައިގެންނެވި ގުރުބާނީ އެކަންޏެއް ނޫނެވެ. އެހެނެއް ކަމަކު، ޞަޙާބިއްޔާއި...

ވާހަކަ: އަބޫ ހުރައިރާ "ބުޅަލުގެ ބައްޕަ"އަށްވީ ހާދިސާ
09 Apr 2023 ވާހަކަ

ވާހަކަ: އަބޫ ހުރައިރާ "ބުޅަލުގެ ބައްޕަ"އަށްވީ ހާދިސާ

އަބޫ ހުރެއިރާ ރަޟިޔަالله ޢަންހު އަކީ ޔަމަނުގެ ގަބީލާއެއް ކަމަށްވާ އައްދައުސް އަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ ހިޖުރައިން 7 ވަނަ އަހަރު އައްޠުފައިލް ބުން ޢަމް...

ވާހަކަ: ޠަލްހާ ބިން ޢުބައިދުﷲ(ރޢ)- ދިރިހުންނެވި ޝަހީދު (2)
19 Jan 2023 ވާހަކަ

ވާހަކަ: ޠަލްހާ ބިން ޢުބައިދުﷲ(ރޢ)- ދިރިހުންނެވި ޝަހީދު (2)

ހަނގުރާމައިގެ މައިދާނުގައި ހިޖުރީ ސަނަތުން ދެވަނައަށް ވީ އަހަރެވެ. ޤުރައިޝުންގެ ވިޔަފާރި ޤާފިލާއަކާއިގެން އަބޫ ސުފްޔާނު ޝާމުކަރައިން މައްކާއަށް އެނބުރި އަންނަ ޚަބަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމ...

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާގެ ހަވާރީ (2)
09 Dec 2022 ވާހަކަ

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާގެ ހަވާރީ (2)

ހަނގުރާމައިގެ މައިދާނުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުސްލިމުން މަދީނާއަށް ހިޖުރަ ކުރައްވެވިތާ މާ ގިނަ އަހަރުތަކެއް ނުވެއެވެ. މާދީނާގައި އުފެދިފައިވާ އިސްލާމީ ދައުލަތުގެ ބިންގާ ފުޑުފުޑު ...

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާ ޞޢވ ގެ ހަވާރީ (1)
05 Dec 2022 ވާހަކަ

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާ ޞޢވ ގެ ހަވާރީ (1)

ޖާހިލިއްލަ ޒަމާނުގައި، ޤުރައިޝުންގެ ތެރޭގައިޔާއި މުޅި އަރަބި ކަރައިގައިވެސް މީހުން ދެކޭގޮތުގައި ގިނަ ފިރިހެން ދަރިން ލިބުމަކީ ޢާއިލާއަށް ގިނަ ކުރިއެރުން ލިބޭ ކަމެކެވެ. އެމީހުންގެ ނަޒަރުގައި އެ ފިރިހެނ...

ވާހަކަ: ބިލާލް ބިން ރަބާހް ރޢ- މުޢައްޛިން (2)
13 Nov 2022 ވާހަކަ

ވާހަކަ: ބިލާލް ބިން ރަބާހް ރޢ- މުޢައްޛިން (2)

މުޢައްޛިން ކަމުގެ ޝަރަފު ލިބިވަޑައިގަތުން މައްކާގެ މުޝްރިކުންގެ އަނިޔާތަކާއި ހުރެ މުސްލިމުން މަދީނާއަށް ހިޖުރަކުރެއްވިއެވެ. މި ހިޖުރަ ކުރެއްވިއިރު ބިލާލްގެފާނުވެސް މުސްލިމުންނާއިކު ވަޑައިގެންނެވިއެވެ....