N/A
N/A
ވާހަކަ 12 Mar 2024 | 06:46

ޞަޙާބިއްޔާއިންގެ ތެރެއިން، އަސްމާ ބިންތު އުމައިސް (ރއ)ގެ ހިތްވަރާއި ސާބިތު ކަމުގެ ވާހަކަ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިސްލާމީ ތާރީޚަށް ބަލާލާއިރު، އަހަރެމެންނަށް ފެންނަނީ ހަމައެކަނި ޞަޙާބީންގެ ހިތްވަރާއިޒ ޢަޒުމާއި އެބޭކަލުން ދީނުގެ ހައްގުގައި ވެވަޑައިގެންނެވި ގުރުބާނީ އެކަންޏެއް ނޫނެވެ. އެހެނެއް ކަމަކު، ޞަޙާބިއްޔާއިންގެ ޢަޒުމާއި، ކެރުން ތެރިކަމާއި، ހިތްވަރާއި، އަދި ލަދުވެތިކަމާއި ޢިއްްފަތްތެރި ކަމުގެވެސް އެތަކެއް ވާހަކަތައް ފެންނަން އެބަހުއްޓެވެ.

އެފަދަ ހިތްވަރު ގަދަ، ސާބިތު ކަންމަތީ ދެމިހުންނެވި ޞަޙާބިއްޔާއިންގެ ތެރޭގައި އަސްމާ ބިންތު އުމައިސް (ރަޟިޔަالله އަންހާ) ހިމެނި ވަޑައިގަންނަވާނެ ކަމީ ޝައްކެތްއޮތް ކަމެއް ނޫނެވެ.

އަސްމާ ބިންތު އުމައިސް (ރޢ) އަކީ އިސްލާމް ދީން އެންމެ ފުރަތަމަ ގަބޫލު ކުރެއްވި ސަޙާބިއްޔާއިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެކަމަނާ، ޖަޢުފަރު ބިން އަބީ ޠާލިބާއި ކައިވެނި ބައްލަވައިގެންފައިވާއިރު، އެކަލޭގެފާނު މުއުތާ ހަނގުރާމައިގައި ޝަހީދުވެވަޑައިގެންނެވުމުން، އަބޫބަކުރުގެފާނާއި ކައިވެނި ބައްލައިވައި ގެންނެވިއެވެ. އަބޫބަކުރު ރަޟިޔަالله އަންހު އަވަހާރަވުމަށްފަހުގައި އެކަމަނާ ވަނީ ޢަލީ ބިން އަބީ ޠާލިބާއި ކައިވެނި ބައްލަވައިގެންފައެވެ.

***

މައްކާ ފަޠަޙަ ކުރެއްވުނު ހާދިސާއަށްފަހު، އަހަރެމެންގެ ލޮބުވެތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ނިންމަވައި، އެ އަޅުކަމަށް ވަޑައިގަންނަވާކަން އެނގިވަޑައިގަންނެވުމާއިއެކު، އެ ހައްޖުގައި ބައިވެރިވެވަޑައިގެންނެވުމުގެ ޝައުގުވެރިކަން އަސްމާގެފާނުވެސް ފާޅު ކުރެއްވިއެވެ. އެއިރު އެކަމަނާ އިންނެވީ މުހައްމަދު ބިން އަބީ ބަކުރަށް ބަލިވެ، ވިހެއުމާއި ވަރަށް ގާތުގައެވެ.

މާ ބަނޑު ވުމަކީ، އަންހެނާއަށް ގިނަ ތަކުލީފު ތަކެއް ކުރިމަތިވާ ކަމެކެވެ. ޚާއްސަކޮށް ވިހަން ކައިރިވެފައި ހުންނަ ދުވަސް ކޮޅަކީ، ވަރުބަލި ކަމާއި އެނޫންވެސް އެތަކެއް އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ދުވަސްކޮޅެކެވެ. އެފަދަ ޙާލެއްގައި ހުރެގެން ހައްޖުގެ މަތިވެރި އަޅުކަން ފަދަ، ބުރަ އަޅުކަމެއް އަދާ ކުރުމަކީ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫނެވެ.

އެހެންނަމަވެސް، އަސްމާގެ ފާނުގެ އެ ހިތްވަރު ހުންނެވިއެވެ. މާބަނޑުއިރު އެ އުފުލަންޖެހޭ ތަކުލީފު ތަކަށްވުރެ، ލޮބުވެތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ބައިވެރިވެވަޑައިގަންނަވާ ހައްޖުގައި ބައިވެރިވެވަޑައިގެންނެވުމަށް އެކަމަނާއަށް މާ ބޮޑަށް ބޭނުންވެވަޑައިގެންނެވިއެވެ.

އެހެންކަމުން ފިރިކަލުން އަބޫބަކުރު ރަޟިޔަالله އަންހުގެ އަރިހުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވުމަށް ވަޑައިގެންނެވިއެވެ. ކަންދިމާކުރި ގޮތުން، އެކަމަނާއަށް މުހައްމަދު ބިން އަބޫބަކުރު ލިބިއްލެވީވެސް ހައްޖުގެ އަޅުކަމަށް ވަޑައިގެން ހުންނަވަނިކޮށްވެ.

ވިހެއުމާއިއެކު، ނިފާސްކަމުގެ ޙާލަތަށް އަންހެނާ ދާއިރު، އެ ޙާލަތުގައި ހައްޖުގެ އަޅުކަން ފުރިހަމަ ކުރައްވާނެ ގޮތަކާއި މެދު ސުވާލު އުފެދުނެވެ. އެހެންކަމުން، އެ ޙާލަތުގައި ކަން ކުރާނެ ގޮތް އޮޅުންފިލުއްވުމަށް އަބޫބަކުރުގެފާނު ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން ސުވާލު ކުރެއްވިއެވެ.

އެއާއެކު ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ވަނީ، ނިފާސްކަމުގެ ޙާލަތުގައި ހުންނެވި ނަމަވެސް، ހިނައިގެންނެވުމަށްފަހު އަޅުކަމާއިގެން ކުރިއަށްވަޑައިގެންނެވޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. އެގޮތުން، އެ ހާލަތުގައިވެސް ޠަވާފް ކުރުން ފިޔަވައި އެހެން ހުރިހާ ހައްޖުގެ އަޅުކަންތައް ކުރެވޭނެކަމަށް އެކަލޭގެފާނު ވަނީ ވިދާޅުވެފަ އެވެ.

އެހެންކަމުން އަސްމާގެފާނު ވަނީ އެ ހާލަތުގައި ހުންނަވައިގެން ހައްޖުގެ މަތިވެރި، އަދި ބުރަ އަޅުކަން އަދާކުރައްވާފައެވެ.

**

އަސްމާ ބިންތު އުމައިސް (ރޢ) ގެ ޙަޔާތްޕުޅުގެ މި ހާދިސާ އިން އެކަނިވެސް، މުސްލިމު ކަނބަލުންނަށް، ޚާއްސަކޮށް މަންމައިންނަށް މުހިންމު ފިލާވަޅެއް ލިބިގެންދެއެވެ.

އެޒަމާނަކީ މިހާރު ހުންނަހެން ދަތުރު ފަތުރު ކުރުގެ ފަސޭހަތައް ހުންނަ ޒަމާނެއް ނޫނެވެ. އާއްމު ދިރުއުމުގެ ކަންކަންވެސް މިހާރު ހުންނަހެން ފަސޭހައިން ކުރެވެން އޭރު ނުހުރެއެވެ. އެފަދަ ޒަމާނެއްގައި، ވިހެއުމުގެ ވޭން ތަހަންމަލްކުރައްވައި، ތުއްތު ދަރިއަށް ސަމާލުކަން ދެއްވަމުން، ނިފާސްކަމުގެ ހާލަތުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމުން އެކަނިވެސް އެނގިގެން ދަނީ އަސްމާގެފާނުގެ ޢަޒުމްގެ ވަރުގަދަކަމާއި، އަޅުކަން އަދާކުރެއްވުމަށް ހުންނަ ފޯރިއެވެ. އެކަމަށް ހުންނަ ލޯތްބެވެ.

އެހެންނަމަވެސް އަހަރެމެންގެ ހާލަކީ ތޯއެވެ؟ ދަރިފުޅުގެ ކަންކަން ކޮށް، ގޭގެ މަސައްކަތް ކުރުމަށްފަހު އަޅުކަން އަންނަނީ އެންމެ ފަހުންނެވެ. މައެއްގެ ރޯލު އަދާކުރަމުން، ވަޒީފާ އަދާކުރަމުން އެ އުފުލާ ބުރައާއި އެކު، އަޅުކަން ކުރުން ބައެއް ފަހަރު ބުރައަކަށް އެކަމަށް ވަގުތު ހުސް ނުކުރެވޭ ކަނބަލުންވެސް މަދެއް ނޫނެވެ. އެފަދަ ހުރިހާ ކަނބަލުން އަސްމާގެފާނުގެ ހިތްވަރުން ފިލާވަޅު ލިބިގަންނަންޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް