N/A
N/A
ވާހަކަ 19 Jan 2023 | 01:44

ވާހަކަ: ޠަލްހާ ބިން ޢުބައިދުﷲ(ރޢ)- ދިރިހުންނެވި ޝަހީދު (2)

ހަނގުރާމައިގެ މައިދާނުގައި

ހިޖުރީ ސަނަތުން ދެވަނައަށް ވީ އަހަރެވެ. ޤުރައިޝުންގެ ވިޔަފާރި ޤާފިލާއަކާއިގެން އަބޫ ސުފްޔާނު ޝާމުކަރައިން މައްކާއަށް އެނބުރި އަންނަ ޚަބަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގަތެވެ. މި ޚަބަރު ލިބިވަޑައިގަތުމާއިއެކު އެގާފިލާގެ ޚަބަރު ހޯއްދެވުމަށް އިތުރު އެކަލޭގެފާނު އަރިސް ސަހާބީންގެ ތެރެއިން ތަލްހާގެފާނާއި ސައީދު ބުނު ޒައިދު އިސްކުރައްވައި ފޮނުއްވެވިވެއެވެ. ޠަލްހާގެފާނާއި ސައީދު ބުނު ޒައިދުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެންގެވުމާއި އެއްގޮތަށް އެ ގާފިލާގެ ޚަބަރު ބައްލަވަމުން ގެންދެވިއެވެ.  ނަމަވެސް އެގާފިލާއަށް މުސްލިމުން ފާރަވެރިވާ ޚަބަރުލިބިގެން އާންމުކޮށް ދަތުރުނުކުރާ މަގަކުން މައްކާއަށް ދަތުރުކުރާ ކަމަށް ދެ ބޭކަލުންނަށް އެގިވަޑައިގެންފިއެވެ. މި ޚަބަރު ލިބުމާއިއެކު އެ ދެބޭކަލުން އަވަސްވެގެންނެވީ ވީ އެންމެ އަވަހަކަށް މި ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ދެއްވުމަށް މަދީނާއަށް ވަޑައިގެންނެވުމަށެވެ.

ކަންދިމާކުރެއްވި ގޮތުން ދެބޭކަލުންނަށް މަދީނާއަށް ވަޑައިގެންނެވުނު ދުވަހަކަށްވީ ބަދުރު ހަނގުރާމައިން ފުރިހަމަ ކާމިޔާބީއެއް ހޯދައި މުސްލިމުންގެ ލަޝްކަރު މަދީނާއަށް ވަޑައިގެންނެވިދުވާހަށެވެ. މިއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަޔާތުޕުޅުގައި ހިނގައިދިޔަ ހަނގުރާމަ ތަކުގެ ތެރެއިން އަމަލީގޮތުން މައިދާނުގައި ތަލްހާގެފާނަށް ބައިވެރިވެ ވަޑައިނުގެންނެވުނު ހަމައެކަނި ހަނގުރާމައެވެ. އެހެނީ މި ހަނގުރާމަ އަކީ މުސްލިމުން އިސްވެ ހަނގުރާމައެއް ފެށުމަށްޓަކައި ގޮސް ކުރެއްވި ހަނގުރާމައެއް ނޫނެވެ. އެހެންކަމުން މި ހަނގުރާމައިގައި އަމަލީގޮތުން ބައިވެރިވެ ވަޑައިނުގެންނެވުނު ކަމުގައިވިޔަސް  ތަލްހާގެފާނު ވެވަޑައިގެންފައިވަނީ ބަދުރު ހަގުރާމައިގެ ބައިވެރިންގެ ދަރަޖަ ލިބިވަޑައިގަތް ބޭކަލެއްގެ ގޮތުގައެވެ. އަދި ބަދުރު ހަގުރާމައިގައި ބައިވެރިވެވަޑައިގަތް ބޭކަލުންނަށް ލިބުނު ދަރުމައާއި ސަވާބު އެކަލޭގެފާނަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށް ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއެވިއެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވެ މަސްތައް އަހަރަކަށް ވެެއްޖެއެވެ. އެއީ މުސްލިމުން މަދީނާއަށް ހިޖުރަ ކުރެއްވިތާ 3 ވަނައަށް ވީ އަހަރެވެ. ގުރައިޝުން ތައްޔާރު ވަމުން ދިޔައީ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. ބަދުރު ހަނގުރާމަ އިން އެމީހުން ބަލިވެ ލިބުނު ގެއްލުމުގެ ބަދަލު ހިފުމުގެ ރޫހުގައި 3000 އަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް އެމީހުން ތައްޔާރުކޮށް މަދީނާއަށް ދަތުރުފެށިއެވެ. ގުރައިޝުންގެ ހަނގުރާމަވެރި ލަޝްކަރާއި އެކީ ބައެއް އަންހެނުންވެސް ދިޔައެވެ. ހަނގުރާމަ ކުރަމުންދާ މީހުންނަށް ހިތްވަރުދީ އެއްބާރުލުން ދޭށެވެ.

ގުރައިޝުންގެ ބިޔަ ލަޝްކަރެއް ހަނގުރާމަޔަށް އަންނަ ހަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލިބިވަޑައިގެންނެވުމުން ކަންތައް ކުރައްވާނެ ގޮތަކާއިމެދު މުސްލިމުންނާ މަޝްވަރާކުރެއްވިއެވެ. އަދި އުހުދު ފަރުބަދަ ކައިރިން ގުރައިޝުންނާ ހަނގުރާމަ އަށް ބައްދަލުކުރުމަށް ނިންމަވައި މުސްލިމުންގެ ލަޝްކަރު ނުކުތެވެ. ހަނގުރާމައިގެ މައިދާނަށް ދެވުމުގެ ކުރިން މުނާފިގުންގެ ބައެއް އިސްލާމީ ލަޝްކަރު ދޫކޮށް އެނބުރި މަދީނާއަށް ދިޔައެވެ. އެހެންނަމަވެސް އީމާންތެރިކަން ވަރުގަދަ ބޭފުޅުން ސާބިތު ކަންމަތީ ކުރިއަށް ވަޑައިގެންނެވިއެވެ.

ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވުމުން މުސްލިމުންގެ ސަފުތައް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތަރުތީބު ކުރެއްވިއެވެ. އަދި ފަހަތުން އައިސްދާނެ ނުރައްކަލަކުން ދިފާއު ކުރުމަށްޓަކައި އުހުދު ފަރުބަދަ މަތީގައި 50 ދުނިދަނޑި އުއްކަވާ ބޭފުޅުން ބޭތިއްބެވިއެވެ. އަދި ކޮންމެ ހާލެއްގައި ވެސް އެތަން ދޫކޮށް ފައިބައިވަޑައި ނުގެންނެވުމަށް ނަސޭހަތްތެރިވިއެވެ.

ހަނގުރާމަ ފެށި މުސްލިމުންނަށް ނަސްރު ލިބެންފެށިއެވެ. ގުރައިޝުން ބަލިވާނެ ކަން އެނގުމުން އެމީހުންގެ ގިނަ މީހުން އެނބުރި މައްކާއަށް ދަާންފެށިއެވެ. އެމީހުން ދޫކޮށް ދިޔަ ޣަނީމާ މުދާތައް އެއްކުރަން މުސްލިމުން ފެއްޓެވުމުން ފަރުބަދަ މަތީގައި ތިއްބެވި ބައެއް ބޭފުޅުންވެސް އެތަން ދޫކޮށް ޣަނީމާ މުދާ އެއްކުރައްވަން ފައިބައިވަޑައިގަތެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވި ނަސޭހަތް ހަނދުމަ ކޮށްދީދީ އެއްބައި ބޭފުޅުން ތިއްބަވަ ތިއްބާއެވެ. މިތަން ފެނި ޚާލިދުބިން ވަލީދު ( ބަދުރު ހަނގުރާމަ ހިނގީ އެކަލޭގެފާނު އިސްލާމްވެ ވަޑައިގެންނެވުމުގެ ކުރިން) އުހުދު ފަރުބަދަ މަތީގައި ބާކީ ތިއްބެވި މުސްލިމުން ޝަހީދު ކުރައްވައި ފަހަތުން އައިސް މުސްލިމުންނަށް ހަމަލާ ދެއްވިއެވެ. ހަނގުރާމައިގެ ކޮޅު ބަދަލުވެ ގުރައިޝުން މޮޅުވާން ފެށިއެވެ.

އެދުވަސްވީ ހަގީގަތުގައި ވެސް ޠަލްހާގެފާނުގެ ދުވަހަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މަދު ސަހާބީ ބޭކަލުން ހަނގުރާމައިގެ މައިދާނުގައި ސާބިތުވެ ތިބެ ވަޑައިގެންނެވިއެވެ. އޭގެތެރެއިން އެންމެ އިސްކޮށް ހުންނެވީ ތަލްހާގެފާނެވެ. ހަނގުރާމައިގެ ތެރެއިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަވެ ވަޑައިގަތް ކަމުގެ ދޮގު ހަބަރު ވެސް ފެތުރިގެން ދިޔައެވެ. އެއާއި އެކު ވަރށް ގިނަ މުސްލިމުން މައިދާން ދޫކޮށް އެނބުރި މަދީނާއަށް ދިޔައެވެ.

އުހުދު ހަނގުރާމައިގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މޫނު ފުޅަށްވެސް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އެވަގުތު ތަކުގައިވެސް ތަލްހާގެފާނުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި އެކަލޭގެފާނުގެ ދިފާއުގައި ހަނގުރާމަ ކުރައްވަން ސާބިތުވެ ހުންނެވިއެވެ. ތަލްހާގެފާނުގެ ހަށިކޮޅަށް ތީރަކަށް ފަހު ތީރެއް ހެރެމުން ގޮސް މުޅި ހަށިކޮޅު އެއްކޮށް ލެއިން ތަތްތެޅިފައިވާ ހާލުގައިވެސް އެކަލޭގެފާނު ފަހަތަށް ޖެހިވަޑައި ނުގަންނަވައެވެ. އެކަލޭގެފާނުގެ ކަނާއަތްޕުޅަށް އެތައް ތީރެއް ހެރި ލިބުނު އަނިޔާ އިން އަތްޕުޅުން ވާގި ނެތުނު އިރުވެސް އައްޑަނަ އެއްފަދައިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދިފާއުގައި އެކަލޭގެފާނު ހުންނެވިއެވެ.  ތަލްހާގެފާނުގެ ހަށިކޮޅާއި ފުރާނަފުޅު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ހައްގުގައި އެކަލޭގެފާނު ގުރުބާން ކުރެއްވިއެވެ.

ހަނގުރާމަ ނިމި މުސްލިމުންނަށް ނަސްރު ލިބުނެވެ. އޭރުވެސް ތަލްހާގެފާނުގެ ހަށިކޮޅުން ލޭ އޮހޮރި އޮހޮރި ހުއްޓެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ތަލްހާގެފާނުގެ ހާލުކޮޅު ފެނިވަޑައިގެން އެކަލޭގެފާނުގެ ސަހާބީންނަށް ދެންނެވިއެވެ.

" ތިޔަ ބޭފުޅުން ހިނގަ ހިނގައި ހުންނެވި ޝަހީދެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުނަމަ ތަލްހާގެފާނަށް ބައްލަވާށެވެ. "(އައް ތިރުމިޒީ)

އެދުވަހާއި ގުޅިގެން އަބޫބަކުރުގެފާނުގެ ވިދާޅުވެފައިވެއެވެ. "އެއީ ހަގީގަތުގައިވެސް ތަލްހާގެފާނުގެ ދުވަހެވެ. އެހެން މުސްލިމް ހަނގުރާމަވެރިން މައިދާން ދޫކޮށް ފިލަން ދުވުނުއިރު ތަލްހާގެފާނުގެ ހުންނެވީ އެކަލޭގެފާނަށް ވީ މިންވަރަކުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދިފާއުކުރެއްވުމުގައެވެ. "

ތަލްހާގެފާނުގެ އީމާންތެރިކަމާއި ، އިހުސާންތެރި ކަމުގެ ސަބަބުން އެކަލޭގެފާނަށް ސުވަރުގެ ހައްގުކަމުވައި އެދުވަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ސަހާބީންނަށް ދެންނެވިއެވެ.

ހަނގުރާމައިން ލިބިވަޑައިގެންނެވި އަނިޔާތަށް ފަސޭހަ ވަންދެން އެތައް ދުވަހެއް ވަންދެން ތަލްހާގެފާނަށް ގޭގައި އޮންނަވަން ޖެހިވަޑައިގެންނެވި އެވެ. އެ ދުވަސްތަކުގެ ތެރޭގައިވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރައްވައި އެކަލޭގެފާނު މައިދާނުގައި ދެއްކެވި ސާބިތުކަމަށް ތައުރީފު ކުރެއްވެވިއެވެ. އަދި އެކަލޭގެފާނު ދީނަށްޓަކައި ވީ ގުރުބާނީއަށްޓަކައި ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އެކަލޭގެފާނު ވާނެކަމަށް ވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިދާޅުވިއެވެ.

އުހުދު އަދި ބަދުރަށް ފަހުގައި ވެސް، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަޔާތުޕުޅުގައި ހިނގައިދިޔަ ހުރިހާ ހަނގުރާމައެއްގައި ޠަލްހާގެފާނު ބައިވެރިވެ ވަޑައިގެންނެވި އެވެ. އެކަލޭގެފާނަކީ ހަނގުރާމައިގެ މައިދާނުގައިވެސް ސާބިތުކަން ދެއްކެވި ބޭކަލެކެވެ.

ޚިޔާލު ތަފާތުވުންތަކުގެތެރެއިން ޝަހީދުވެވަޑައިގަތުން

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެއަށް ވަޑައިގެންނެވުމަށްފަހު، އިސްލާމީ އުންމަތުގެ ޚަލީފާއިން ކަމުގައި ޢައްޔަންކުރެއްވުނު އަބޫބަކުރުގެފާނާއި، އުމަރުގެފާނާއި، އުޘްމާންގެފާނާއި ޢަލީގެފާނުގެ ޚިލާފަތުގައިވެސް ޠަލްހާގެފާނުގެ ޚިދުމަތްތައް އިސްލާމްދީނަށް ކެނޑިނޭޅި ލިބިމުންދިޔައެވެ.

އުމަރުގެފާނަށްފަހު މުސްލިމުންގެ ލީޑަރަކަށް ވާނޭ ބޭކަލެއް ކަނޑައެޅުއްވުމަށް އެކަލޭގެފާނު އެކުލަވާލެއްވި ޝޫރާ ކޮމިޓީގެ 6 ބޭފުޅުންގެ ތެރޭގައި ތަލްހާގެފާނު ހިމެނިވަޑައިގަންނެވިއެވެ. މި ކޮމިޓީގެ ބޭފުޅުންގެ މެދުގައި ފުރަތަމަ ޖަލްސާ ބޭއްވިގެން ދިޔައެވެ. މި ޖަލްސާގެ ތެރެއިން ، އުމަރުގެފާނަށް ފަހު،  އުޘްމާން ރަޟިޔަﷲ އަންހު ޚަލީފާއަކަށް އައްޔަން ކުރެއްވުމަށް ތަލްހާގެފާނު ހުށަހެޅުއްވެވިއެވެ. މިއީ އެކަލޭގެފާނުގެ އެންމެ ގާތް އެއް ބޭފުޅެއް ކަމަށްވާ އަބްދުއްރަހްމާން ބުނު އައުފު ރަޟިޔަﷲ އަންހު އެކަލޭގެފާނަށް ޚިޔާލުފުޅު ދެއްވިގޮތްކަމުގައި ވެއެވެ.

އުޘްމާން ރަޟިޔަﷲ އަންހުގެ ޚިލާފަތުގެ ފަހުކޮޅުގައި މުސްލިމުންގެ މެދުގައި ވަރަށް ބޮޑު ހަމަނުޖެހުން ގަނޑެއް އުފެދިގެންދިޔައެވެ. އެ ހަމަނުޖެހުންގަނޑުގެ ތެރެއިން އުޘްމާންގެފާނު ޝަހީދުކޮށްލެވުނެވެ. މިކަމާއި ގުޅިގެން ޠަލްހާގެފާނަށް ފުންހިތާމައެއް ލިބިވަޑައިގެންނެވިއެވެ. އަދި އުޘްމާންގެފާނުގެ ލޭގެ ބަދަލު ހޯއްދެވުން އަވަސްކުރުމަށް އެކަލޭގެފާނު ނިކުންނެވިއެވެ.

މިގޮތުން ޠަލްހާގެފާނާއި، މުސްލިމުންގެ އެތައް ބޭކަލުންނެއް ޢަލީގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ބައިއަތު ހިއްޕެވިއެވެ. އަދި ޢުޘްމާންގެފާނު ޝަހީދުކޮށްލި ޤާތިލުންނަށް ހައްގު އަދަބު ދެއްވުމަށް ޢަލީގެފާނުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

އެހެންނަމަވެސް، އެކަންނުވެ ލަސްވާން ފަށައިފިއެވެ. މިކަންވީ  ތަލްހާގެފާނަށް ކެތްކުރައްވަން ދަތިކަމަކަށެވެ. އެހެންކަމުން، އެކަލޭގެފާނު ޒުބައިރުގެފާނާއިއެކު މައްކާއަށް ވަޑައިގެން މިކަމާއިގުޅޭ ގޮތުން އައިޝާ ރަޟިޔަﷲ އަންހާ އާއި މަޝްވަރާކުރެއްވިއެވެ. އަދި އުޘްމާންގެފާނު ޝަހީދުކުރި ފަރާތްތަކަށް އެކަމުގެ އަދަބުދިނުން އަވަސްކުރުމަށް ކުރެވުން ހުރި ހުރިހާ ކަމެއް ކުރެއްވުމަށް އެބޭކަލުން  ނިންމެވިއެވެ. އަދި އެކަމުގައި ވެވުނު މިންވަރަކުން ޢަލީގެފާނަށް މަދަދުވެރިވެ އެހީވުމަށް ލަޝްކަރަކާއިއެކު ބަސަރާއަށް ފުރާވަޑައިގަތެވެ.

އެދުވަހު ކަން ހިނގައިދިޔައީ އެބޭކަލުން ހީކުރެއްވި ގޮތާއި ޚިލާފަށެވެ. ޠަލްހާގެފާނު މިލަޝްކަރަކާއިއެކު ވަޑައިގަންނަވާ ޚަބަރު އަލީގެފާނަށް ލިބިވަޑައިގެންފިއެވެ. އެހެންކަމުން އެކަލޭގެފާނު ވެސް ލަޝްކަރަކާއިއެކު ބަސަރާއަށް ވަޑައިގަތެވެ.

ޢަލީގެފާނާއި ޒުބައިރުގެފާނު އަދި ޠަލްހާގެފާނުގެ ލަޝްކަރު ދިމާވުމުން ތިން ބޭފުޅުންގެ މެދުގައި ވާހަކަތަކެއް  ދެކެވިގެންދިޔައެވެ. މި ވާހަކަތަކަށްފަހުގައި  ތަލްހާގެފާނާއި ޒުބައިރުގެފާނުވެސް ހަގުރާމައެއް ހިގިޔަނުދީ އެކަން ނިންމެވުމުގެ މަސައްކަތްފެއްޓެވިއެވެ.

ނަމަވެސް، އެކިއެކި ސިފަސިފާއިގައި އުޘްމާންގެފާނު ޝަހީދު ކުރުމުގައި ބައިވެރިވެފައި ތިބި ފަރާތްތަކަށް މިކަންތައް ބަލައެއް ނުގަނެވެއެވެ. އަލީގެފާނާއި، ޠަލްހާގެފާނާއި ޒުބައިރުގެފާނު އެއްބައިވެއްޖެނަމަ އުޘްމާންގެފާނު ޝަހީދުކޮށްލުމުގައި ބައިވެރިވި މީހުން ބޭޒާރުވެ، އެމީހުންނަށް ލިބިދާނެ ގެއްލުމަކާމެދު އެމީހުން ބިރުގަނެއްޖެއެވެ. އެހެންކަމުން ސުލްހަ ވެރިކަމާއެކު އެކަން ކުރިއަށް ދާކަށް އެމީހުން ނޭދުނެވެ. އަދި އެމީހުން ނުބައި ރޭވުންގަނޑެއް ރާވަން ފެއްޓިއެވެ. އަދި އެ ރޭވުމާއި އެއްގޮތަށް ރޭގަނޑުގެ ކަނު އަދިރިކަމުގެ ތެރޭގައި، ޠަލްހާގެފާނާއި ޒުބައިރުގެފާނުގެ ލަޝްކަރަށް އެމީހުން ހަމަލާދީފިއެވެ. ޠަލްޙާގެފާނަށާއި ޒުބައިރުގެފާނަށް ހީފުޅުވެވަޑައިގެންނެވީ އެބައިމީހުންނަށް އެހަމަލާދެއްވީ ޢަލީގެފާނުގެ ލަޝްކަރުން ކަމުގައެވެ. އެހެންކަމުން އަމިއްލަ ނަފްސުގެ ދިފާޢުގައި އެބޭކަލުންވެސް އަލީގެފާނުގެ ލަޝްކަރަށް ހަމަލާދެއްވިއެވެ. އެފަދައިން ކަންތައް ދިމާވުމުން ޢަލީގެފާނަށް ހީފުޅުވެވަޑައިގެންނެވީ އެބޭކަލުން އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ ކުރަނީކަމަށެވެ. ދެންފަހެ އެކަލޭގެފާނުވެސް އެކަލޭގެފާނުގެ ނަފްސުގެ ދިފާޢުގައި ހަމަލާދެއްވަން ފެއްޓެވިއެވެ. މިގޮތުގެ މަތިން އެބޭކަލުންގެ އެއްވެސް އިޚްތިޔާރަކާ ނުލައި ފިތުނަ ހިނގައިގެން ދިޔައެވެ. އޭރު ޢާޢިޝަތުގެފާނު [ޖަމަލުކޮޅަށް] ސަވާރުވެވަޑައިގެން އިންނެވިއެވެ.

ބައެއްގެ ނުބައި ރޭވުންގަނޑެއްގެ ނަތީޖާއެއްގެގޮތުން މުސްލިމުން އެއްބައެއް އަނެއް ބައެއްގެ ލޭއޮހުވާން ތައްޔާރުވެ ހަގުރާމަ ފަށައިފިއެވެ. މިއީ އެއްގޮތަކަށްވެސް ތަލްހާގެފާނު ބޭނުންފުޅުވި ގޮތެއްނޫނެވެ. މިމަންޒަރު ބައްލަވަން އެކަލޭގެފާނަށް ކެތެއް ނުކުރެވުނެވެ. މައިދާނަށް ނިކުމެ ވަޑައިގެން ހަނގުރާމަ ހުއްޓުވުމަށް ޠަލްހާގެފާނު އެލަޝްކަރަށް އިރުޝާދު ދެއްވަންފައްޓަވައިފިއެވެ. މިގޮތުގެ މަތީން ހަގުރާމައިގެ މައިދާނުގައި އެކަލޭގެފާނު ވަނިކޮށް ދެވުނު ތީރުގެ ހަމަލާއެއް އެކަލޭގެފާނުގެ މޭފުޅަށް ހެރި އެކަލޭގެފާނު ޝަހީދުވެވަޑައިގެންނެވިއެވެ. މިއީ އިސްލާމްވެ ވަޑައިގަތުމަށްފަހު އެބޭކަލެއްގެ މުޅި ހަޔާތް ދީނަށްޓަކައި ޤުރުބާން ކުރެއްވި މަތިވެރި ސަޙާބީ މި ދުނިޔެއާއި އަލްވަދާއު ދެންނެވިގޮތެވެ. ﷲ ނިޔާކުރައްވާފައި އޮތީ ޝަހީދެއްގެ ގޮތުގައި އެކަލޭގެފާނު މި ދުނިޔެ ދޫކުރެއްވުމަށެވެ. އަދި ދުނިޔެ އެ ދޫކުރެއްވީވެސް އެފަދައިންނެވެ. އެކަލޭގެފާނު ޝަހީދު ކޮށްލެވުނު މިހަނގުރާމަ އަކީ މަޝްހޫރު ޖަމަލު ހަނގުރާމައެވެ.

މިހަނގުރާމަ ނިމުމަށްފަހު ހަގުރާމައިގައި ޝަހީދުވި ފަރާތްތަކުގެ ކަށުނަމާދު އިމާމުވެ ކުރެއްވީ އަލީގެފާނެވެ.  ޠަލްހާގެފާނުގެ ހަށިކޮޅު ވަޅުފުޅުލެއްވުނީ އެކަލޭގެފާނު ޝަހީދުވެވަޑައިގަތް ސަރަހައްދުގައެވެ. އެއީ މިހާރުގެ ބަސަރާގެ ބައެކެވެ.

ފަހުބަސް

މަދީނާގެ އެންމެ މުއްސަނދި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތަލްހާގެފާނަކީ އެހާމެ ދީލަތިވެސް ބޭކަލެކެވެ. އެއްދުވަހަކު ޠަލްހާގެފާނު ކަމަކާއި މާ ކަންބޮޑުވެވަޑައިގެން އިންނެވީތީ އެކަލޭގެފާނުގެ އަނބިކަނބަލުން އެކަމާއިމެދު ސުވާލު ކުރެއްވެވިއެވެ. އެކަލޭގެފާނުގެ ކަންބޮޑުވުންތަކުގެ ފަހަތުގައި ވަނީ އެކަލޭގެފާނުގެ މިލްކިއްޔާތުގައިވާ ފައިސާކަމަށް ޖަވާބުގައި އެކަލޭގެފާނު ދެންނެވިއެވެ. އެހެންކަމުން އެތަކެތިން ސަދަގާތްކުރެއްވުމަށް އެކަލޭގެފާނުގެ އަނބިކަނބަލުން ޚިޔާލުދެއްވެވިއެވެ. އެ ޚިޔާލާއި އެއްގޮތަށް، އެ މުދާތަކުން ފަގީރުންނަށް ސަދަގާތްކުރެއްވުމުގެ މަސައްކަތް ފައްޓަވައި އެ ހުރިހާ މުދާ ފަގީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށްޓަކައި ހޭދަކުރެއްވިއެވެ. އެކަލޭގެފާނު އެންމެ ރެއަކުންވެސް 4 ލައްކަ ދީނާރު ހޭދަކުރެެއްވި ކަމަށް އިބުނު ސައުދުގެ ތަބަގާގައި ބަޔާންކުރައްވާފައިވެއެވެ. އަދި މަދީނާގައި ކާބޯތަކެތީގެ ދަތިކަން ދިމާވުމާއި ގުޅިގެން ތަލްހާގެފާނު މަދީނާއަށް އަމިއްލަ ޚަރަދުގައި ކާބޯތަކެތި ފޯރުކޮށްދެއްވިއެވެ. ޠަލްހާ ބިން ޢުބައިދުﷲ ރަޟިޔަﷲ ޢަންހު އަކީ އެފަދަ މަތިވެރި އަދި އެހާމެ ދީލަތި ޞަހާބީއެކެވެ.

(ނިމުނީ)

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޞަޙާބިއްޔާއިންގެ ތެރެއިން، އަސްމާ ބިންތު އުމައިސް (ރއ)ގެ ހިތްވަރާއި ސާބިތު ކަމުގެ ވާހަކަ!
12 Mar 2024 ވާހަކަ

ޞަޙާބިއްޔާއިންގެ ތެރެއިން، އަސްމާ ބިންތު އުމައިސް (ރއ)ގެ ހިތްވަރާއި ސާބިތު ކަމުގެ ވާހަކަ!

އިސްލާމީ ތާރީޚަށް ބަލާލާއިރު، އަހަރެމެންނަށް ފެންނަނީ ހަމައެކަނި ޞަޙާބީންގެ ހިތްވަރާއިޒ ޢަޒުމާއި އެބޭކަލުން ދީނުގެ ހައްގުގައި ވެވަޑައިގެންނެވި ގުރުބާނީ އެކަންޏެއް ނޫނެވެ. އެހެނެއް ކަމަކު، ޞަޙާބިއްޔާއި...

ވާހަކަ: އަބޫ ހުރައިރާ "ބުޅަލުގެ ބައްޕަ"އަށްވީ ހާދިސާ
09 Apr 2023 ވާހަކަ

ވާހަކަ: އަބޫ ހުރައިރާ "ބުޅަލުގެ ބައްޕަ"އަށްވީ ހާދިސާ

އަބޫ ހުރެއިރާ ރަޟިޔަالله ޢަންހު އަކީ ޔަމަނުގެ ގަބީލާއެއް ކަމަށްވާ އައްދައުސް އަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ ހިޖުރައިން 7 ވަނަ އަހަރު އައްޠުފައިލް ބުން ޢަމް...

ވާހަކަ: ޠަލްހާ ބިން އުބައިދުﷲ- ދިރިހުންނެވި ޝަހީދު (1)
18 Jan 2023 ވާހަކަ

ވާހަކަ: ޠަލްހާ ބިން އުބައިދުﷲ- ދިރިހުންނެވި ޝަހީދު (1)

މައްކާގެ އުދަރެހުން އިރު އޮއްސި ދުވާލަށް އަލްވަދާއު ކިޔައިފިއެވެ. އައު ދުވަހަކަށް ބައްދަލުކުރުމުގެ އުއްމީދުގައެވެ. ފަޒާގައިވަނީ ހިތްގައިމު ކުރުވަނިވި އިހުސާސެކެވެ. ހިނދުކޮޅެއްގެ ތެރޭގައި މުޅި މައްކާއަ...

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާގެ ހަވާރީ (2)
09 Dec 2022 ވާހަކަ

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާގެ ހަވާރީ (2)

ހަނގުރާމައިގެ މައިދާނުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުސްލިމުން މަދީނާއަށް ހިޖުރަ ކުރައްވެވިތާ މާ ގިނަ އަހަރުތަކެއް ނުވެއެވެ. މާދީނާގައި އުފެދިފައިވާ އިސްލާމީ ދައުލަތުގެ ބިންގާ ފުޑުފުޑު ...

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާ ޞޢވ ގެ ހަވާރީ (1)
05 Dec 2022 ވާހަކަ

ވާހަކަ: ޒުބައިރު ބިން އައްވާމް- ރަސޫލާ ޞޢވ ގެ ހަވާރީ (1)

ޖާހިލިއްލަ ޒަމާނުގައި، ޤުރައިޝުންގެ ތެރޭގައިޔާއި މުޅި އަރަބި ކަރައިގައިވެސް މީހުން ދެކޭގޮތުގައި ގިނަ ފިރިހެން ދަރިން ލިބުމަކީ ޢާއިލާއަށް ގިނަ ކުރިއެރުން ލިބޭ ކަމެކެވެ. އެމީހުންގެ ނަޒަރުގައި އެ ފިރިހެނ...

ވާހަކަ: ބިލާލް ބިން ރަބާހް ރޢ- މުޢައްޛިން (2)
13 Nov 2022 ވާހަކަ

ވާހަކަ: ބިލާލް ބިން ރަބާހް ރޢ- މުޢައްޛިން (2)

މުޢައްޛިން ކަމުގެ ޝަރަފު ލިބިވަޑައިގަތުން މައްކާގެ މުޝްރިކުންގެ އަނިޔާތަކާއި ހުރެ މުސްލިމުން މަދީނާއަށް ހިޖުރަކުރެއްވިއެވެ. މި ހިޖުރަ ކުރެއްވިއިރު ބިލާލްގެފާނުވެސް މުސްލިމުންނާއިކު ވަޑައިގެންނެވިއެވެ....