ޝައިޚް އިމްރާން ދޫކޮށްލުމަށް ވަގުތީ އަމުރެއްކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޓެރަރިޒަމްގެ ކުށްސާބިތުވެ، ބާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، އަދާލަތު ޕާާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް، ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ދާދި ދެންމެއަަކު ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައިވަނީ، އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުުރުކުރާ ކަމަށެވެ. މި މައްސަލާގައި ހުކުމް ރައްދުކޮށްފައިވަނީ ކަރެކްޝަންސް، ފުލުހުން އަދި ދައުލަތުގެ ކަމާއި ބެހޭ އެންމެހާ ފަރާތްތަކަށެވެ.
ސުޕްރީމް ކޯޓުން މި އަމުރު ނެރެދީފައިވަނީ، ޝައިޚް އިމްރާންގެ ފަރާތުން މި މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދުމުންނެވެ.
މި މައްސަލަ އެ ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 56އަދި 68 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 77ވަނަ މާއްދާއާއި ހަމަ އެ ގާާނޫނުގެ 20ވަނަ މާއްދާގެ (ނ)ގެ ދަށުން ސުޕްރީމް ކޯޓަށް ލިބިދޭ ގާނޫނީ ބެލެނިވެރިކަމުގެ އިހްތިސާސްގެ މައްޗަށް ރިއާޔަތްކޮށްކަމަށް އެކޯޓުގެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.
ސުޕްރީމް ކޯޓުން މި އަމުރު ނެރެފައިވާއިރު، ހަމަ މި މޭރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަގުތީ ގޮތުން މިނިވަންކޮށް، ހުކުމް ތަންފީޒުކުރުން މަޑުޖައްސާާލުމަށް، ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް