އިބޫ ހުވާކުރުމުގެ ރަސްމީޔާތަށް ދަނޑު ތައްޔާރުކުރަން ފަށައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަންނަ ހޮނިހިރު ރައީސުލްޖުމްހޫރީޔާ ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމީޔާތައް ގަލޮޅު ރަސްމީ ދަނޑު ތައްޔާރު ކުރަން ފަށައިފިއެވެ.
އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކަންތައްތައް ވިލަރެސް ކުރުމަށް ހަވާލުކޮށްފައިވަނީ ޤައުމީ ދިފާއީ ބާރާއެވެ.
ހުވާކުރުމަށް މިބޭއްވޭ ރަސްމީޔާތަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްކަމުން އިދާރީ ހުރިހާ ކަމެއްގައި ހަރަކާތްތެރިވަނީ މަޖިލިސް އިދާރާއިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވި ގޮތުގައި މި ރަސްމީޔާތުގައި 12،000 މީހުުނަށް ދައުވަތު އަރުވަން ވަނީ ނިންމާފައެވެ.
މީގެތެރޭގައި ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ ވެރިންނާއި، ދައުލަތުގެ އިއްޒަތްތެރިންގެ އިތުރުން ބޭރު ގައުމުތަކުގެ ސާފީރުންނާއި މަންދޫބުން ހިމެނި ވަޑައިގަންނަވައެވެ.
ބޭރު ގައުމެއްގެ އެންމެ އިސްވެރި އަކަށް އަވަށްޓެރި އިންޑިއާގެ ބޮޑު ވަޒީރު މި ރަސްމީޔާތުގައި ބައިވެރި ވަޑައިގަންނަވާނެއެވެ.
މި ރަސްމީޔާތުގެ ރިހާސަލްއެއްވަނީ ރޭ ވެސް ބާއްވާފައެވެ.
މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރީޔާ ކަމުގެ ހުވާ ކުރެއްވުން މިހާގިނަ މީހުނަށް ހުޅުވާލެވިގެން ބާއްވާ ފުރަތަމަ ފަހަރެވެ. މީގެކުރިން މި ރަސްމީޔާތު ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައެވެ. އަދި އޭގެ ފަހުން ދަރުބާރުގޭގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް