N/A
N/A
ދީން 15 Nov 2024 | 07:53

”މައިންބަފައިން ތިބާގެ ގާތުގައި ތިބެ، މުސްކުޅިވެއްޖެނަމަ، އެ ދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ“

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އެމީހެއްގެ މައިންބަފައިން އެމީހެއް ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެ ނަމަ، އެ ދެމީހުންނަށް އުއްފު ވެސް ނުބުނުމަށް ޤުރުޢާނުގައި އަންގަވާފައިވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި އިޙްސާންތެރިކަމުގެ މުހިންމުކަމާއި، ޚާއްޞަކޮށް މައިންބަފައިންނަށް އިޙްސާންތެރިވުމުގެ މަތިވެރިކަން ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ބުނި ގޮތުގައި އިޙްސާންކަމަކީ އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، ހެޔޮކޮށް ހިތުމެވެ. އަދި އިސްލާމްކަމާއި އީމާންކަމަށް ފަހު، މުއުމިނެއްގެ ޙަޔާތުގައި ނުހަނު މަތިވެރި ދަރަޖައެއް ލިބިގެންވާ ކަމެކެވެ.

ވަޙީގެ މަލާއިކަތާ، ޖިބުރީލު ޢަލައިހިއްސަލާމް، އިޙްސާންކަމާ ބެހޭގޮތުން ކީރިތި ރަސޫލާ އާ ސުވާލު ކުރެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (اَلْإِحْسَانُ: أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِن لَّـمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ) މާނައީ: "އިޙްސާންކަމަކީ، ތިބާ اللهއަށް އަޅުކަންކުރާ ހިނދު، ތިބާ އެކަލާނގެ ދެކެދެކެހުރެ އަޅުކަންކުރާ ފަދައިން އަޅުކަން ކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ނުފެނުނުކަމުގައި ވިޔަސް، އެކަލާނގެ ތިބާއަށް ބައްލަވައިވޮޑިގެންވެއެވެ."

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ އިޙްސާންކަމަކީ، މުކައްލަފެއްގެ އެންމެހައި ޢަމަލުތަކުގައި ހުރުން ލާޒިމު ސިފައެއް ކަމަށާ، އޭނާގެ އިސްލާމްކަމާއި، އީމާންކަމާއި، އަޅުކަމުގައި ވެސް އިހްސާންތެރިކަން ހުންނަންޖެހޭނެ ކަމަށެވެ.

އަދި އަޅުކަމުގައި އިޙްސާންތެރިކަމަކީ، މާތް اللهގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އެކަލާނގެއާ އެހެން ފަރާތެއް ބައިވެރިނުކުރުން ކަމަށާ، އިޙްސާންކަމަކީ، ޝަހާދަތުގެ ދެކަލިމަ ތެދުކޮށް، އެއާ އެއްގޮތަށް ޢަމަލުކުރުން ކަމަށްވެސް ޚުތުބާގައި ބުންޏެވެ. މާތް الله އަށް އީމާންވުމާއެކު، ކީރިތި ރަސޫލާ ޞޢވ އަށް ފުރިހަމައަށް ތަބަޢަވުންވެސް އިހްސާން ކަމުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އިޙްސާންކަމުގެ މަތިވެރި ސިފަ ލިބިގެންވާ މުއުމިނާ، އޭނާގެ އަޅުކަމުގައި، މާތް الله އަށް އިޚްލާޞްތެރިވާނެއެވެ. ނަމާދުގައި ދެއްކުންތެރިކަމެއް ނުހުންނާނެއެވެ. ޤިޔާމާއި، ރުކޫޢާއި، ސުޖޫދުގައި މަޑުމައިތިރިވާނެއެވެ. ޒަކާތް ނެރޭނީ، اللهގެ ރުހިވޮޑިގަތުން އަދައިގެންނެވެ. އޭނާ الله ދެއްވި ނިޢުމަތަށް ޝުކުރުވެރިވާ ޙާލު، ފަރްޟު ޒަކާތުގެ އިތުރުން، ގިނަގިނައިން ޞަދަޤާތްކޮށް އުޅޭނެއެވެ. އިޙްސާންތެރިޔާ ރޯދަ ހިފާނީ، ކެއިންބުއިން ދޫކޮށްލުމުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އޭނާ ރޯދައަށް ހުންނަ އިރު، އޭނާގެ ދުލާއި، ލޮލާއި، ހިތާއި، އެންމެހައި ގުނަވަންތައް އުރެދުންތަކުން އެއްކިބާކުރާނެއެވެ. ބެލުންތައް ތިރިކޮށް، ބަސްމަގު ރިވެތިކުރާނެއެވެ. އަނިޔާވެރި ޢަމަލުތަކުން، އޭނާގެ އަތްފައި ރައްކާތެރިކުރާނެއެވެ. ފާފަވެރިވާފަދަ ކުށްހީތަކުން އޭނާގެ ހިތް ރައްކާތެރިކުރާނެއެވެ.

ޚުތުބާ

ޚުޠުބާގައި އިތުރަށް ބުނީ، އިޙްސާންކަމުގައި ދެން އޮންނަނީ، އަޅުތަކުންގެ މައްޗަށް އިޙްސާންތެރިވުން ކަމަށާ އޭގެތެރެއިން އެންމެ އައުލާކަން ބޮޑު ބަޔަކީ، މައިންބަފައިން ކަމަށެވެ. މި ގޮތުން ޤުރުއާނުގެ އާޔަތެއް ނަންގަވައި، މައިންބަފައިންނަށް "އުއްފު" ވެސް ނުބުނުމަށާއި، އެ ދެ ފަރާތަށް އަޑުގަދަނުކުރުމަށާއި، މާތް ބަހުން މުޢާމަލާތްކުރުމަށް އިރުޝާދު ދީފައިވެއެވެ.

މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެ ކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުން ކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެ ނަމަ، އެ ދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މި އަޅާ ވީ ދުވަހު، އެ ދެމީހުން މި އަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތްލައްވައިފާނދޭވެ!"

ޚުތުބާ

މީގެ އިތުރުން ޚުޠުބާގައި ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ޔަތީމުންނާއި މިސްކީނުންނަށް އެހީތެރިވުމުގެ މަތިވެރިކަން ފާހަގަކުރެއްވިއެވެ.

ޚުޠުބާ ނިންމާލީ އިޙްސާންތެރިކަމަކީ ސުވަރުގެ ވަނުމަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށް، މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް މި މަތިވެރި ސިފަ އަށަގެންނެވުމަށް ގޮވާލަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
11 Sep 2026 ދީން

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ
04 Sep 2026 ދީން

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި އެމީހުންނަށް އެންމެ ބޮޑަށް އަޅާލަންޖެހޭ މައިންބަފައިންވެސް ހިމެނޭ ކަމަށާ، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފ...