ބަޖެޓް 2019: ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓައެއް ނުލާ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާ ސަރުކާރުގެ ފުރަތަމަ އަހަރުގެ ބަޖެޓްގައި، މާާލެސިޓީއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހައުސިންގް ޔުނިޓްތަކެއް އެޅުމަށް ކަނޑައަަޅައިފިއެވެ.
މިއަދު އާންމުކުރި ބަޖެޓްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގެދޮރުވެރި ކުރުވުމުގެ މަޝްރޫއުތަކަށް ޖުމްލަ 321 މިލިޔަން ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އަދަދަކީ ޖަމާއަތުގެ ފައިދާއަށް ދޭ ހިދުމަތްތަކަށް ކަނޑައެޅިފައިވާ 1.6 ބިލިޔަން ރުފިޔާާގެ ތެރޭގައި ހިމެނޭ އަދަދެެކެވެ.
ބަޖެޓްގައި ބުނެފައިވާ ގޮތުގައި ވަކި މަޝްރޫއު އެއްގޮތަށް، އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ސިފައިންނާއި ފުލުހުންގެ ޚާއްސަ ހައުސިންގް ޔުނިޓްތަކަށެވެ. ހުޅުމާލޭގައި ތަރައްގީ ކުރެވެމުންދާ މި ޔުނިޓްތަކަށް ޖުމްލަ 102 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ވަނީ ބަޖެޓްކޮށްފައެވެ. ނަމަވެސް 1500 ހައުސިންގް ޔުނިޓްގެ މަޝްރޫއުގެ ފޭސް ދޭއްގެ ދަށުން ހުޅުމާލެއާއި އަތޮޅުތަކުގައި ވަނީ ޖުމްލަ 988،153 ރުފިޔާގެ މަސައްކަތްތައް ކުރުމަށް ރާވާފައެވެ.
އަތޮޅު ތެރޭގައި ހިންގޭ ހައުސިންގްގެ މަޝްރޫއުތަަކަށް ބަލާލާއިރު،ލ.ގަމު،ޅ.ނައިފަރު، ބ.ތުޅާދޫ އަދި މ.ކޮޅުފުށީގައިވެސް ވަނީ ހައުސިންގް ޔުނިޓް އެޅުމަށް ބަޖެޓްގައި ހިމަނާފައެވެ.
އާންމު ހިދުމަތްތަކުގެ ތެރެއިން މި ފަހަރުގެ ބަޖެޓްގައި ގިނައިން ހިމަނާފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތެވެ. އެގޮތުން ފެނުގެ ނިޒާމް ގާއިމްކުރުމުގެ 36 މަޝްރޫއުއަށްވަނީ 150 މިލިޔަން ރުފިޔާ އެކަށައަޅާފައެވެ. އަދި މިއާއި އެކު މާލޭގެ ރީޑިވެލޮޕްމެންޓް ޕްރޮޖެކްޓާއި ގުޅުންހުރި ގިނަ ހަރަދުތައް ކުރުމަށްވެސް ބަޖެޓްކުރެވިފަައިވާކަން ފާހަގަކޮށްލެވެއެވެ.
މިފަހަރުގެ ބަޖެޓްގައި ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ދާއިރާއަށް ގާތްގަނޑަކަށް 1.6ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މީގެ ތެރެއިން 60 އިންސައްތައަކީ ރިކަރެންޓް ހަރަދެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް