ރައީސް އިބޫ ދަންނަމުތަ؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިއަދަކީ ދިވެހި ދީބުގެ ޅަފަތުގައިވާ ޑިމޮކްރަސީގެ ހަޔާތުން އާ ބާބެއް ފެއްޓޭ ދުވަހެވެ. ހަލަބޮލިކަމަކަށް ގައުމު ވެއްޓިފައި އޮއްވާ، ރިޔާސީ އިންތިހާބަކުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސްކަމަށް އިންތިހާބުވެވަޑައިގަތް އިބްރާހިމް މުހައްމަދު ސޯލިހު، މަގާމުގެ ހުވާކުރައްވާ ދުވަހެވެ. އެއްބަޔަކު އުފަލުން ފޮޅި، އަނެއްބަޔަކު ހިތި ކަރުނަ އަޅާ މިއަދުގެ ލަގަބުވެރިޔާ ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް އިބޫއަށް ވުމުގެ ކުރިން ދެނެގަތުމަކީ ވަރަށް މުހިންމުކަމެކެވެ.
އެހެންކަމުން، ވޮއިސްގެ ފަރާތުން މި ގެނެސްދެނީ އިންތިހާބީ ރައީސް އިބްރާހިމްގެ ހާއްސަ ޕްރޮފައިލެކެވެ.
1964 ވަނަ އަހަރުގެ މެއިމަހުގެ ހަތަރުވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އިބްރާހިމް މުހައްމަދު ސޯލިހަކީ ފާދިއްޕޮޅު ހިންނަވަރު މުދިންކަލޭގެއަށް ބައްޕަ ވިދާޅުވާ މޫމިނާ ހުސެއިންފުޅާއި ހިންނަވަރު ނޫރާނީއާގޭ އަލްމަރްހޫމް މުހައްމަދު ސޯލިހުގެ ކައިވެންޏަށް ލިބުނު 13 ކުދިންގެ ތެރެއިން ބޭފުޅެކެވެ.
ރަށުގެ މަކުތަބުން ލިބެންހުރި ތައުލީމެއް ހާސިލްކުރުމަށްފަހު އިބްރާހިމް މުހައްމަދު ސޯލިހު މާލެއަށް ބަދަލުވީ އިތުރު ތައުލީމް ހާސިލްކުރުމުގެ އުންމީދުގައެވެ. މާލެއަށް އިބޫ ފައިބައިވަޑައިގެން ހުންނެވީ އާއިލީ ގެޔެއްގައެވެ. އެގޭގައި ހުންނަވާ އިބޫ އިޕީއެސްގައާއި މަޖީދިއްޔާ ސްކޫލްގައި ތައުލީމް ހާސިލްކުރެއްވިއެވެ.
މަޖީދިއްޔާ ސްކޫލްގައި އިބޫ ތައުލީމް ހާސިލްކުރެއްވި ދުވަސްވަރު ފެނިފައިވަނީ ވިސްނުންތޫނު، ހަރަކާތްތެރި ކުއްޖެއްގެ ގޮތުގައެވެ. ސްކޫލްގެ ޕްރިފެކްޓެއްގެ މަގާމާއި، ސްޕޯޓްސް ކެޕްޓަން އަދި ސިކަންދަރީ ހައުސްގެ ކެޕްޓަންކަން ކުރެއްވިއިރު، އެމަނިކުފާނު ވަނީ ސްކޫލްގެ ވޮލީ ޓީމުގައިވެސް ހަރަކާތްތެެރިކޮށް އުޅުއްވާ، ފޮނި ކާމިޔާބީތަކެއް ހާސިލްކުރައްވާފައެެވެ.
އިބްރާހިމް މުހައްމަދު ސޯލިހް މަޖީދިއްޔާއިން އޯލެވެލް ހެއްދެވުމަށްފަހު، ގުޅިވަޑައިގެންނެވީ އޭރުގެ އުސޫލުން ސަރުކާރު ވަޒީފާއެއްގެ ބޮންޑް ހަމަކުރެއްވުމަށް ޓީވީ މޯލްޑިވްސްއަށެވެ. ޓީވީއެމްގައި ނޫސްވެރިއެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އިބޫ ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. އެއަށްފަހު އަނބިކަނބަލުން ފަޒްނާއާއި ކައިވެނި ބައްލަވައިގެން އިބޫ އޮސްޓްރޭލިޔާއަށް ތައުލީމް ހާސިލްކުރެއްވުމަށްޓަކައި ދިރިއުޅުން ބަދަލުކުރެއްވިއެވެ. އޮސްޓްރޭލިޔާގައި އިބޫ، ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ނެންގެވިއެވެ. މިއަދު އިބޫ އަކީ އަނބިކަނބަލުން ފަޒްނާގެ އާއިލީ ވިޔަފާރިކަމަށްވާ ޕޭން އޯޝަން އިންޓަރނޭޝަނަލްގެ ޑިރެކްޓަރެއްގެ ހައިސިއްޔަތުން، ހަރަކާތްތެރިކަމާއި އެކު އުޅުއްވާ ބޭފުޅެކެވެ.
ނޫސްވެރިކަމަކީ އިބްރާހިމް މުހައްމަދު ސޯލިހާއި ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެކެވެ. ޓީވީއެމްގެ ވަޒީފާއަށްފަހުގައިވެސް، ރާއްޖެއަށް ޒަމާނީ ނޫސްވެެރިކަން ގެނެސްދިން ސަންގު މަޖައްލާގައިވެސް އެޑިޓަރެއްގެ ހައިސިއްޔަތުން އިބޫ ހަރަކާތްތެރިވެ ވަނީ، ކުޅަދާނަ ލިޔުއްވުންތަކެއް ލިޔުއްވާފައެވެ.
ފަހަރުގައި ނޫސްވެރިކަމަކީ ޒުވާން އިރުގައި އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސީ ހަޔާތް ފެށުމުގެ ދަންމަރު ރޯކޮށްދިން ކަމުގައި ވެދާނެއެވެ. އުމުރުން ޒުވާންކޮށް 1995 ވަނަ އަހަރުގައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވިއިރު އިބޫއަކީ އޭރުގެ ރައްޔިތުންގެ މަޖިލީހުގައި އިންނެވި އެންމެ ހަގު ދެވަނަ ބޭފުޅާއެވެ. އެއަށްފަހު ޖުމްލަ ފަސް ދައުރު ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ފުރިހަމަކުރައްވާފައިވާއިރު، މިއަދު އެމަނިކުފާނު ހިމެނިވަޑައިގަންނަވަނީ މަޖިލީހުގައި ތިއްބެވި އެންމެ ގިނަ ހިދުމަތްތައް ކޮށްދެއްވި ބޭފުޅުންގެ ތެރެއިން އެކަކެއްގެ ގޮތުގައެވެ.
އިބްރާހިމް މުހައްމަދު ސޯލިހުގެ ކުޑައިރުގެ ރަހުމަތްތެރިއެއްކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެވަޑައިގެންފައި ވަނީ، އެމަނިކުފާާނުގެ އެންމެ ގާތް އެއް ސިޔާސީ މިތުރަށްވެސްމެއެވެ. މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ އިސް ފަރާތެއްގެ ގޮތުގައި އިބޫ ވަނީ ހަރަކާތްތެެރިވެ، އެ ޕާޓީއާއި އިދިކޮޅުގެ ޖޮއިންްޓް ޕާލަމެންޓްރީ ގްރޫޕްގެވެސް ލީޑަރކަން ކުރައްވާފައެވެ.
މަޑުމައިތިރި އަދި ހިކުމަތްތެރި ވިސްނުންތަކެއް ގެންގުޅުއްވާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހުންގާނުގައި ހުންނަވާ، ޕީޖީ ގްރޫޕުން މަޖިލީހަށް، އެ މަޖިލީހުގެ ރައީސްކަމުގެ އިތުބާރުނެތްކަމުގެ ވޯޓު އެތައް ފަހަރެއްގެ މަތިން ވައްދައި، އެންމެ ފަހުން ކާމިޔާބު ކުރިހިނދު، އިބްރާހިމް މުހައްމަދު ސޯލިހު ފެނިވަޑައިގެންފައިވަނީ ސިޔާސީ ގޮތުން ކުޅަދާނަ ބޭފުޅެއްގެ ގޮތުގައެވެ.
ފަހަރެއްގަައި މިއީ ގައުމު އެހާ ޚުތޫރަތްތެރި ދަނޑިވަޅެއްގައި އޮއްވާ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަށް، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ކޮންގްރެސްއިން އެމަނިކުފާނު ހަމަޖެއްސި ސަބަބަށް ވެދާނެއެވެ. އެންމެންގެ އަޑު ކަނުލާ އަހާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ނައިބު ރައީސް ފައިސަލް ނަސީމް، ދޭހާ އަތްވާއި ވެހޭހާ ވާރޭގަައި ކެމްޕެއިންއަށް ވަޑައިގެން، ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާ، ކުރިއަށް އޮތް ފަސް އަހަރަށް ދިވެހި ގައުމު ހިންގުމާއި ހަވާލުވެ ވަޑައިގަންނަވަނީއެވެ.
ފޮޓޯގްރަފީގެ ހުނަރަށް ކުޅަދާނަ، އަމިއްލަ އިންސްޓަގްރާމް އެކައުންޓެއް ގެންގުޅުއްވާ އިބޫ، ގައުމުގެ އިބޫއަށް ވެވަޑައިގެންފިއެވެ. ދެކުދިންގެ ހެޔޮލަފާދާރު ބައްޕައަކުން، ހެޔޮހުލްގުގެ ވެރިއަކަށް ވެވަޑައިގެންފިއެވެ. އެމްޑީޕީގެ އިބޫ، ގައުމުގެ ރައީސް އިބްރާހިމްއަށް ވެވަޑައިގެންފިއެވެ. ވޮއިސްގެ ޓީމުން ރައީސް އިބްރާހިމަށް ފާގަތި، އަދި އަމާން ދުވަސްތަކަކަށް އެދި، ގައުމުގެ މުސްތަގްބަލް އުޖާާލާކުރެއްވުމުގެ ތައުފީގު މާތްﷲ ދެއްވުން އެދި ދުއާކުރަމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް