ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކު ހޮވުން މިރޭ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލިސްގެ ރައީސް އަބްދުﷲ މަސީހް އިސްތިއުފާ ދިނުމާ ގުޅިގެން މިރޭ މަޖިލީހުގެ ރައީސްއަކު ހޮވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިރޭ މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވި ގޮތުގައި މަޖިލިސް ރައީސް އަކު ނެތި ހުސް ކަމެއްގެ ތެރޭގައި ބާއްވަން ބޭނުން ނުވާކަމަށާއި މިރޭ 21:15 ގައި ބާއްވާ މަޖިލިސް ޖަލްސާގައި މަޖިލިސް ރައީސް އަކު ހޮވާނެކަމަށެވެ.
މަސީހްގެ މައްޗައް އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައި މިރެއަށް އެޖެންޑާކޮށްފައި ވަނިކޮށް މިއަދު މަސީހް ވަނީ މަޖިލިސް ރައީސް ކަމުން އިސްތިއުފާ ދެއްްވާފައެވެ.
މަޖިލިސް ރައީސް ކަމަށް މިހާތަނަށް ކުރިމަތިލާނެކަން އިއުލާން ކުރައްވާފައި ވަނީ ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަބްދުރަހީމް އަބްދުﷲ އާއި ގުޅިފައިވާ އިއްތިހާދުން ކުރިމަތިލައްވާ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއެވެ.
މަޖިލިސްގެ މެންބަރުން މިހާރު ބެހިފައިވާގޮތުން މި ވޯޓް ފަސޭހަކަމާއެކު އިއްތިހާދުގެ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެއެވެ. މިރޭ ބާއްވާ މަޖިލިސް ރައީސް އަކު ހޮވާ ވޯޓުގައި ގޮނޑި ގެއްލުވާލި 12 މެންބަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ޤާސިމް އިބްރާހިމް އަކީ މީގެ ކުރިން ވެސް ރައްޔިތުންގެ ހާއްސަ މަޖިލިސް ގެ ރައީސް ކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް