އެޑިޓޯރިއަލް ސިޔާސަތު

ވޮއިސް.އެމްވީއިން މަސައްކަތްކުރަނީ ޒިންމާދާރުކަމާއެކު އަވަހަށް، ތެދު، މުހިއްމު ޚަބަރާއި މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. ވޮއިސް.އެމްވީގެ މަޤްޞަދަކީ ފެންވަރު ރަނގަޅު ނޫސްވެރިކަމެއްގެ ތެރެއިން ނޫހުގެ ކިޔުންތެރިންނާއި ބެލުންތެރިންނަށް ޚަބަރާއި މަޢުލޫމާތު ގެނެސްދީ، ކިޔުންތެރިންނާއި ބެލުންތެރިންނަކީ ހިނގަމުންދާ ކަންކަމުގެ ފުރިހަމަ މަޢުލޫމާތު ލިބިފައިވާ ބަޔަކަށް ހެދުމެވެ. އަޅުގަނޑުމެން ތަބާވަނީ މިނިވަން، ޒިންމާދާރު އަދި ނަޒާޙަތްތެރި ނޫސްވެރިކަމުގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށެވެ.

  • ވޮއިސް.އެމްވީއިން މަސައްކަތްކުރާނީ ތެދުވެރިކަމާއެކު ވަކި ފަރާތަކަށް ބުރަނުވެ ސީދާ މަޢުލޫމާތު ގެނެސްދިނުމަށެވެ. ވޮއިސް.އެމްވީއިން ގެނެސްދޭ ކޮންމެ ޚަބަރަކާއި މަޢުލޫމާތެއް ވާން ޖެހޭނީ ޞައްޙަކަން ކަށަވަރުކުރެވިފައިވާ، އިތުބާރު ހިފޭ މަޞްދަރަކުން އައިސްފައިވާ ޚަބަރަކަށެވެ. ކަށަވަރުނުވާ އެއްވެސް މަޢުލޫމާތެއް ނޫހުން ގެނެސްދީގެން ނުވާނެއެވެ. ތެދު ނޫން މަޢުލޫމާތެއް ގެނެސްދެވިއްޖެނަމަ، އެ ކުށެއް އިސްލާޙުކޮށް، ރަނގަޅު މަޢުލޫމާތު ގެނެސްދޭން ވާނެއެވެ.
  • ވޮއިސް.އެމްވީ އަކީ ސިޔާސީ، ވިޔަފާރި އަދި އެހެންވެސް ނުފޫޒުތަކުން އެއްކިބާވެފައިވާ ނޫހެކެވެ. ނޫހުގެ އެޑިޓޯރިއަލް ނިންމުންތައް ނިންމުމުގައި ނޫސްވެރިކަމުގެ މިންގަނޑުތަކުން އެއްކިބާވެ، އެއްވެސް ނުފޫޒެއްގެ ދަށުވެގެން ނުވާނެއެވެ. ޤާނޫނާއި ޤަވާޢިދު ތަންދިން އެންމެ ފުޅާ މިނެއްގައި ހުރިހާ ފިކުރަކާއި ވިސްނުމަކަށް ވޮއިސް.އެމްވީގެ ކޮންޓެންޓުގައި ޖާގަދީ، ވީހާވެސް ގިނަ ފިކުރަކާއި ވިސްނުމަކަށް ވޮއިސް.އެމްވީގެ ކިޔުންތެރިންގެ ލޯތައް ހުޅުވާލަދޭން ޖެހޭނެއެވެ.
  • ވޮއިސް.އެމްވީ އިން ގެނެސްދޭ ޚަބަރާއި، އެނަލިސިސް އަދި އޮޕީނިއަން އާއި އެޑްވަޓޯރިއަލްފަދަ ވިޔަފާރީގެ ބޭނުމަށް ގެނެސްދޭ ކޮންޓެންޓް، ވަކިވާން ވާނެއެވެ.
  • ހުރިހާ ފަރާތަކަށް ދޭން ޖެހޭ އިހްތިރާމާއި ޤަދަރު އެފަރާތްތަކަށް ދޭން ވާނެއެވެ.
  • އެއްވެސް ފަރާތަކަށް ތުހުމަތެއް ކުރެވޭ ޙާލަތެއްގައި، އެކަމެއްގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ތުހުމަތު ރައްދު ފަރާތުގެ ބަހެއް ގެނެސްދިނުމަށް އެކަށީގެންވާ މަސައްކަތެއްކޮށް، އެ ތުހުމަތަކަށް ރައްދެއްދިނުމަށް ނުވަތަ ބަހެއް ބުނުމަށް އެކަށީގެންވާ ވަގުތާއި ފުރުޞަތު އެފަރާތަކަށް ޚަބަރު ޝާއިއުކުރުމުގެ ކުރިން ދޭން ޖެހޭނެއެވެ.
  • ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި މަދުވެގެން އެއް މަސްދަރަށް ނުވަތަ އެއަށްވުރެ ގިނަ މަސްދަރުތަކަށް ޙަވާލާދޭން ވާނެއެވެ. ޙަވާލާދޭ މަސްދަރު ހާމަނުކުރާނީ، އެ މަސްދަރު ހާމަކުރުމުން ލިބިދާނެ ގެއްލުމަކަށް ނުވަތަ ހުށަހެޅިދާނެ ނުރައްކަލެއް ބޮޑުކަމަށް ފެންނަ ނަމަ، އިތުރު އެހެން ގޮތެއް ނެތް ޙާލަތެއްގައި އެކަންޏެވެ.
  • ވޮއިސް.އެމްވީގެ ކޮންމެ ކޮންޓެންޓަކީ އެ ކޮންޓެންޓަކަށް މި ނޫހުގެ ފަރާތުން ކިޔުންތެރިންނަށް ޖަވާބުދާރީ ވެވޭނެ ކޮންޓެންޓެކެވެ. ނޫހުގެ ކޮންޓެންޓާއި ގުޅިގެން ހުށަހެޅޭ ޚިޔާލުތަކާއި ކޮމެންޓްތައް ބަލައިގަންނަންނާނަމެވެ. އަދި އަޅުގަނޑުމެން މަސައްކަތްކުރާނީ ދެފުށްފެންނަ ގޮތަށް، ޒިންމާދާރުކަމާއެކުއެވެ.
  • ކުޑަކުދިންނާއި ނުރައްކަލަށް ހުށަހެޅިފައިވާ އެހެން ފަރާތްތަކުގެ ޚަބަރު ގެނެސްދިނުމުގަޔާއި، އަނިޔާ ލިބޭ މީހުންގެ ވާހަކަތައް ގެނެސްދިނުމުގައި ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ކަމާއި ގުޅިގެން ހަދާފައިވާ ޚާއްސަ އުޞޫލުތަކަށް އަމަލުކުރަން ޖެހޭނެއެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސްގެ ގްލޯބަލް ޗާޓަރ އޮފް އެތިކްސް ފޮރ ޖަރނަލިސްޓްގެ މިންގަނޑުތަކަށް ވޮއިސް.އެމްވީގެ ނޫސްވެރިން ތަބާވާން ޖެހޭނެއެވެ. އަދި ކުޑަކުދިންގެ ޚަބަރު ގެނެސްދިނުމުގައި ޔުނިސެފްގެ ގައިޑްލައިންސް ފޮރ ޖަރނަލިސްޓްސް ރިޕޯޓިންގ އޮން ޗިލްޑްރެންގެ މިންގަނޑުތަކަށް ތަބާވާވާން ޖެހޭނެއެވެ.
  • ގެވެށި އަނިޔާ ނުވަތަ ނަފްސާނީ ބަލިތަކާއި ގުޅޭ ޚަބަރުތައް ގެނެސްދޭއިރު، އެފަދަ ފަރާތްތަކަށް ދައުލަތުގެ ފަރާތުން ލިބިދީފައިވާ ރައްކާތެރިކަމުގެ މައުލޫމާތު ލިބޭނެ ގޮތަށް ހުންނަން ވާނެއެވެ.
  • ނޫހުގެ ލިޔުންތަކާއި ހުށަހެޅުންތެރިންގެ ވާހަކަތަކުގައި ބަސްމަގު ގެންގުޅެން ޖެހޭނީ ބަހުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ހަޑިހުތުރު ބަސްތައް ބޭނުން ނުކޮށް، ސާފު ސީދާކޮށެވެ.
  • އަމިއްލައަށް މަރުވާ މީހުންގެ ޚަބަރުތައް، އާއްމު މަޞްލަޙަތު ބޮޑުކަމަށް ފެންނަ ޙާލަތެއްގައި މެނުވީ ވޮއިސް.އެމްވީ އިން ގެނެސް ނުދޭނަމެވެ.
  • ނުރަނގަޅު މައުލޫމާތެއް ޝާއިއުކުރެވިއްޖެނަމަ ވީ އެންމެ އަވަހަކަށް އެ މައުލޫމާތެއް އިސްލާހުކޮށް، އިސްލާޙުކުރިކަން ކިޔުންތެރިންނަށް ނުވަތަ ބެލުންތެރިންނަށް އަންގަންވާނެއެވެ.
  • ނޫސްވެރިއެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދިދާނެ، މަސްލަހަތު ފުށުއަރާ ހުރިހާ ކަމަކުން ނޫސްވެރިން އެއްކިބާ ވާން ވާނެއެވެ.

މި އެޑިޓޯރިއަލް ސިޔާސަތަކީ ވޮއިސް.އެމްވީ ނޫހުގެ ވެރިފަރާތްކަމަށްވާ އެމްވީ ރެއިޒެން ޕވޓ ލޓޑ ގެ ޑިރެކްޓަރުންގެ ބޯޑުން 5 ޖަނަވަރީ 2019 ވަނަ ދުވަހު އެންޑޯޒްކޮށްފައިވާ ޑޮކިއުމެންޓެކެވެ.