ޕެޑުން ޓެކްސް ކެނޑުމުން އަތްމަތި ލުއިވަނީ ފިރިހެނުންނަށް: ލޯޔަރު ވައްޑޭ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕެޑާއި ޓެމްޕަން ފަދަ ތަކެތިން ނެގޭ ޓެކްސް ކަނޑާލުމުން، އެއީ ފިރިހެނުންނަށް، އަންހެންވެރީންނަށް ހަރަދުކުރުމަށް ދެވޭ ލުޔެއްގެ ގޮތުގައި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ސިފަކުރައްވައިފިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ލޯޔަރު ވައްޑޭ ވިދާޅުވީ، އަންހެން ކަނބަލުންނަކީ ކޮންމެވެސް ފިރިހެނެއްގެ ބަލަދުވެރިކަމުގައި ހުންނަ ފަރާތެއްކަމަށާއި، އެމީހުންގެ ޚަރަދު ދިނުމަކީ ފިރިހެނުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.
އެހެންކަމުން މައްސަރު ޓެކްސް އުނިކުރުމަކީ އަންހެނުންނަށްވުރެ ބޮޑަށް ފިރިހެނުންނަށް ލިބޭ ލުޔެއްގެ ގޮތުގައި ލޯޔަރު ވައްޑެ ވަނީ ސިފަކުރައްވާފައެވެ.
"މިއީ އަންހެނުންނަށް ވަރަށް ރަނގަޅަށް ކޮށްދޭ ކަމެއްގެ ގޮތުގައި ވާހަކަދެއްކުމުގެ ބަދަލުގައި މިއީ އަންހެނުންނަށް އެހީތެރިވެދިނުމުގެ ގޮތުން މިއީ ފިރިހެނުންގެ އަތްމައްޗަށް ހަރަދުކުރުމަށް ދޭ ލުޔެއްގެ ގޮތުގައި ފާހަގަކުރުން މާ ރަނގަޅުކަމަށް ފެނޭ،" ވަހީދު ވިދާޅުވިއެވެ.
ވަހީދުގެ މި ވާހަކައަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ތަޅުމުގައި ހޫނު ބަހުގެ ހަމަލާއެއް ދެއްވާފައެވެ.
އެގޮތުން އީވާ ވަނީ ޕެޑުން ޓެކްސް ކަނޑާލުމަކީ ސީދާ އަންހެނުންނަށް ލިބޭ ލުޔެއް ކަމަށާއި އެއީ ފިރިހެނުންނަށް ލިބޭ ލުޔެއްކަމަށް ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި މައްސަރުގެ ދުވަސްވަރު ބޭނުންކުރާ ތަކެއްޗަކީ ނުގަނެ ނުވާނޭ ތަކެތީގެ ގޮތުގައި އީވާ ވަނީ ފާހަގަކުރައްވާފައެވެ.
ޕެޑުން ނެގޭ ޓެކްސް އުވާލުމަށް ގިނަ މެންބަރުން މިއަދު ތާއިދުކޮށް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މިކަން ކުރުމަށްފަހު ތަންފީޒުކުރަނީ ރަނގަޅަށް ބެލުމަށް މެންބަރުންވަނީ ގޮވާލައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް