ދިވެހިރާއްޖެއިން އިތުރު 125 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 125 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 64 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 46 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 14 މީހަކާއި ސިނާއީ ސަރަޙައްދުތަކުން ޕޮޒިޓިވްވި މީހަކު ހިމެނެއެވެ.
މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 24،908 އަށް އަރާފައެވެ. މީގެ ތެރެއިން 90 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 21،773 އަށް އަރާފައެވެ.