ޤައުމީ ޔުނިވަރސިޓީން ޕީ.އެޗް.ޑީގެ ދެ ޕްރޮގްރާމަކަށް ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އިން ކުރިއަށްގެންދާ ޑޮކްޓަރަލް ދެ ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.

އެމް.އެން.ޔޫ އިން ނެރެފައިވާ ޕްރެސް ރިލީޒެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އަލަށް ފުރުޞަތު ހުޅުވާލާފައިވަނީ ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) އިން އެޕްލައިޑް ސައިންސް (މެޓީރިއަލް ސައިންސް) އަދި ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) އިން އިންޖިނިއަރިންގ ޕްރޮގްރާމަށެވެ. މިއީ ސައިންސާއި އިންޖިނިއަރިންގގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖޭގައި ހުޅުވާލެވުނު މުހިންމު ފުރުޞަތެކެވެ.
މި ޕްރޮގްރާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ކޯހުގެ ތަފްޞީލުތައް ބަލައި، ޔުނިވަރސިޓީގެ އެޑްމިޝަން ޕޯޓަލް (portal.mnu.edu.mv) މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެމް.އެން.ޔޫ އިން ވަނީ އެދިފައެވެ.
އެ ޔުނިވަރސިޓީން މަޢުލޫމާތު ދޭ ގޮތުގައި މި ދެ ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެވެ. އެހެންކަމުން ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަންތައް ފުރިހަމަކޮށް ހުށަހެޅުމަށް ޔުނިވަރސިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މި ޕްރޮގްރާމްތަކާ ގުޅޭ އިތުރު މަޢުލޫމާތާއި އެޑްމިޝަނާ ގުޅޭ ކަންކަން ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، އެމް.އެން.ޔޫ ސްޓޫޑެންޓް ސަރވިސަސްގެ އީމެއިލް [email protected] އަށް މެއިލް ކުރުމަށް ނުވަތަ ރަސްމީ ގަޑިތަކުގައި (ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް) އެ ޔުނިވަރސިޓީގެ ހޮޓްލައިން 1445 އަދި 3345147 އަށް ގުޅުއްވުމަށް އެމް.އެން.ޔޫ އިން އެދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް