ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ހަވާސާގައެވެ. އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު މެކްސިމް ރިޒެންކޯފްއެވެ.
އަލަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން، އެއް ފަހަރު ކުރާ ދަތުރެއްގައި 30 ދުވަހުގެ މުއްދަތަށް މަޑުކުރެވޭއިރު، ކަލަންޑަރު އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަހަށް ވުރެ އިތުރުނުވާ ގޮތަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ހާރިޖީ ވަޒީރު އިރުތިޝާމް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ބެލަރޫސް ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ފުރުސަތުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ޚާރިޖީ ގުޅުންތައް ފުޅާކޮށް، ދިވެހި ރައްޔިތުންނަށް ބޭރު ޤައުމުތަކަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists