ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނި ގޮތުގައި، މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 3 ވާ އަންގާރަ ދުވަހު ޖުމްހޫރީ މައިދާނާއި، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގައެވެ.
ފުލުހުން މަޢުލޫމާތުދޭ ގޮތުގައި، ދުވަހުގެ އެކި ވަގުތުތަކުގައި ކުރިއަށްދާ ޙަރަކާތްތަކާ ގުޅިގެން މަގުތަކާއި ފަޅު ބަންދުކުރަން ހަމަޖެހިފައިވަނީ ތިރީގައިވާ ގޮތުގެ މަތިންނެވެ:
ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދު: ފަތިހު 04:00 އިން ފެށިގެން ނަމާދު ނިމެންދެން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެއެވެ.
ޝަހީދުންގެ ބިނާގައި ދިދަ މައުންޓްކުރުން: ފަތިހު 04:00 އިން ފެށިގެން އެ ރަސްމިއްޔާތު ނިމެންދެން، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަޙައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެއެވެ.
މިލިޓަރީ ޑިސްޕްލޭ: މެންދުރުފަހު 13:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުގެ މަގުތަކުގެ އިތުރުން ފަޅާއި ކަނޑުގެ ސަރަޙައްދު ވެސް ބަންދުކުރެވޭނެއެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ: ހަވީރު 18:30 އިން ފެށިގެން ޖަލްސާ ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަޙައްދުގެ ފަޅު ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ގެނެވޭ ބަދަލުތަކުގެ ސަބަބުން މަގުތަކާއި ކަނޑުއޮޅި ބޭނުންކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މަޢާފަށް އެދިފައެވެ.
އަދި މިފަދަ ޤައުމީ މުހިންމު ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް