ކޮޗިން އެއާޕޯޓުގައި ނުފުރިތިބި ދިވެހިންގެ ހާލު މިދަނީ ވަރަށް ގާތުން ބަލަމުން - ފޮރިން މިނިސްޓްރީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
14 ޑިސެމްބަރ 2018 ވީ ހުކުރުދުވަހުގެ ހަވީރު 15:25 ގައި އިންޑިއާގެ ކޮޗިންގެ އެއަރޕޯރޓުން ސްރީލަންކާ އަށާއި އަދި ސ. ގަމަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ސްރީލަންކަން އެއަރ ލައިންސްގެ ޔޫ.އެލް 166 ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދިވެހިންނަށް ދާންވާ މަންޒިލްތަކަށް ނުދެވި އެއާރޕޯރޓުގައި ގިނަވަގުތުތަކެއްގައި މަޑުކުރުމަށްފަހު ރޭގެ ވަގުތެއްގައި ވަނީ ހޮޓާތަކަށް ބަދަލުކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެކަން ހާމަކުރައްވާފައިވަނީ އެމިނިސްޓްރީން މިއަދު ނެރުއްވި ބަޔާނެއްގައިއެވެ.
"އެއަރޕޯރޓްގެ އިސްފަރާތްތަކުން މައުލޫމާތު ދެއްވިގޮތުގައި، ފްލައިޓްތަކުން ޖާގަލިބެމުންދާވަރަކަށް ދިވެހިން ފުރުވާލުމުގައި އެފަރާތުން ގެންދަނީ މަސައްކަތްކުރައްވަމުންކަމަށާއި އެގޮތުން، މިއަދުގެ ސްރީލަންކަން އެއަރލައިންސްގެ ފްލައިޓުން 4 ދިވެއްސަކު ފުރުވާލެވިފައިވާކަމަށް މަޢުލޫމާތު ދެއްވި" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އަދި ބާކީ ތިބި 58 ދިވެހިންނަށް މިރޭގެ ވަގުތެއްގައި ފްލައިޓަށް ދިމާވެފައިވާ މައްސަލަ ހައްލުވިހާ އަވަހަކަށް ފުރުވާލުމަށް މަސައްކަތްކުރައްވާކަން ވަނީ އެއަރޕޯރޓްގެ އިސްފަރާތްތަކުން ފާހަގަކުރައްވާފައިކަމަށާއި ދިވެހިން ތިބީ އެފަރާތްތަކަށް ހަމަޖައްސަވައިދެއްވާފައިވާ އެކޮމޮޑޭޝަންގައި ހެޔޮހާލުގައި ކަމުގައި ބަޔާނުގައި ހާމަކޮށްފައިވެއެވެ.
އެއާލައިނަށް މައްސަލަ މިހެން ދިމާވިކަން އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ސަމާލުކަމަށް އައުމުން ދިވެހިންނަށް މިދިމާވި ކަންކަމާގުޅިގެން ކޮޗިން އެއަރޕޯރޓުގެ މެނޭޖްމަންޓްގެ އިތުރުން ސްރީލަންކަން އެއަރލައިންސްގެ އިސްފަރާތްތަކާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށް، މިނިސްޓްރީންނާއި އިންޑިއާގެ ތްރިވަނަންތަޕުރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ދިވެހިންގެ ހާލު ވަރަށްގާތުން ބަލަމުންދާވާހަކަވެސް މިފުރުސަތުގައި ދަންނަވާކަމަށް މިނިސްޓްރީން ހާމަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް