ސަރުކާރުގެ ސިޔާސަތަކީ ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުމީހާގެ ޖީބަށް ފޯރުން: ރައީސުލްޖުމްހޫރީޔާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސަރުކާރުގެ ސިޔާސަތަކީ ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުމީހާގެ ޖީބަށް ފޯރާނެ ގޮތަކަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ކަންތައްތައް ތަރުތީބު ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގެސްޓްހައުސް ސިމްޕޯސިއަމް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ފަތުރުވެރިކަމުގެ ނަފާ ސީދާ ރައްޔިތުމީހާގެ ޖީބަށް ފޯރާނެ ގޮތަކަށް ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުން ކަމަށެވެ. އަދި އެކަމަށްޓަކައި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްްރީއިން މިހާރު ފަށާފައިވާ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ގެސްޓް ހައުސްތައް ހިންގުމުގައި ދިމާވާ މާލީ ދަތިކަން ފޫބެއްދުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ގެސްޓް ހައުސް ހިންގުމުގައި ދިމާވާ ފަންނީ ދަތިތައް ޙައްލުކޮށްދިނުމުގައި ވެސް، ސަރުކާރުގެ އެއްބާރުލުން ދެއްވާނެކަމައެވެ.
މީގެ އިތުރުން ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ގެސްޓް ހައުސް ވިޔަފާރި ތަރައްޤީކުރުމަށް އެސްއެމްއީ ފައިނޭންސިންގ އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްއެފްޑީސީ)ގެ ނަމުގައި ދިވެހި ސަރުކާރު ޙިއްޞާވާ ކުންފުންޏެއް އުފައްދަވާނެކަމުގައިވެސް ރައީސް ޞާލިހް ވިދާޅުވިއެވެ.
"މިކުންފުނި ފުރަތަމަ ޤާއިމް ކުރެވޭނީ ޑިޕޮސިޓް ނުނަނަގާ ފައިނޭންޝަލް އިންސްޓިޓިއުޓެއްގެ ގޮތުގައި. އަދި މެދުރާސްތާއެއްގައި އެސް.އެމް.އީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓް ވެސް ނެގޭ ގޮތަށް ބަދަލުވެގެންދާނެ. މާތް ﷲގެ ވާގިފުޅާއެކު، މިކުންފުނިން ލޯނު ދޫކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ފެބްރަވަރީ މަހުގައި ފެށިގެން ދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި، މި ބޭންކަކީ ދިވެހި ތާރީޚްގައި ވެސް މީގެ ކުރިން އުފައްދާފައި ނުވާފަދަ ގޮތަކަށް، ސިޓީ ކައުންސިލްތަކުގެ ޙިއްޞާއާ އެކު އުފެދޭނެ ބޭންކެއްކަމަށާ އަދި މި ބޭންކު ވެގެންދާނީ، ދިވެހީންގެ މާލީ ތަނަވަސްކަމާ އިޤްތިޞާދީ ފުދުންތެރިކަން އިތުރު ކުރުމުގައި، ވިޔަފާރިވެރިންނާއި ސަރުކާރު އަތުގުޅާލުމަށް ޤާއިމްކުރެވޭ މާލީ އިދާރާއެއްގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.
ރައީސް ޞާލިހު ރޭ ވަނީ ރާއްޖޭގެ އިގްތިސާދުގެ ރޫފަ ހެޔޮކަމާއި، ފަރުދީ ތިޔާގި ކަމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް ކުރިއަރުވަން ޖެހޭކަމަށް ބަޔާންކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް