ޕީޕީއެމް ކޮންގްރެސް މައްސަލަ ޝަރުއީ އެންމެ ފަހު މަރުހަލާއަށް ހުށަހަޅައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕީޕީއެމްގެ ކުއްލި ކޮންގްރެސް ބަލައި ނުގަންނަން އިސީން ބަލައިނުގަންނަން ނިންމި ނިންމުން ހައިކޯޓުން ބާތިލް ކުރި މައްސަލަ އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓައް އިލެކްޝަނުން ހުށަހަޅުއްވައިފިއެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ވެއްދިކަން އިލެކްޝަން ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އިޖުރާއަތްތައް ފުރިހަމަ ނުވާކަމަށްބުނެ އީސީން ކޮންގްރެސް ބަލައިނުގަތުމަށް ނިންމި މައްސަލަ މީގެ ކުރިން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ނެރުނު އަމުރުގައިވަނީ ޕީޕީއެމްގެ އަސާސީ މާއްދާއާއި ފުށުއަރާ އެއްވެސް ކަމެއް، ކޮންގްރެސްގައި ހިނގާފައި ނުވާކަމަށެވެ.
ހައިކޯޓުން ނެރުނު ހުކުމްގައިވަނީ ކޮންގްރެސްގައި އެޕާޓީގެ މަގާމުތަކަށް އައްޔަންކުރި ފަރާތްތައް ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުވެސް ކޮށްފައެވެ.
މި ކޮންގްރެސްގައި އެޕާޓީގެ މަގާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންނަކީ، ޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، ނައިބު ރައީސުން ކަމަށް ރައީސް ޔާމީންގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ލ. ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
ޕީޕީއެމްގެ މައްސަލައަށް ގޮތެއް ނިންމުމަށް ސަރުއީ އެންމެ ފަހު މަރުހަލާއަށް އީސީން ހުށަހަޅާފައިވާ އިރު އެފާޓީގެ އިސްފަރާތްތަކުން އަންނަނީ އާ ޕާޓީއެއް ރެޖިސްޓަރ ކުރުމަށް ތައްޔާރުވަމުންކަމަށް ޕީޕީއެމްގެ އޮފިޝަލެއް ވޮއިސް އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް