މައްސަރު ޓެކްސް އުވާލުމަށް މަޖިލީހަށް ހުށައަޅައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޕެޑާއި ޓެމްޕަން ފަދަ މައްސަރުގެ ދުވަސްވަރު ބޭނުންކުރާ ބާވަތްތަކުން މިހާރު ނެގޭ ހަ ޕަސެންޓްގެ ޖީއެސްޓީ އުވާލުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ހުށައަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ. މި ބިލް ހުށައަޅާފައިވަނީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްބާރީ އަބްދުﷲ އެވެ.
މި ބިލް ހުށައެޅުއްވުމަށްފަހު މީޑިޔާއާއި ވާހަކަފުޅު ދައްކަވަމުން މެންބަރު ބާރީ ވަނީ މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ޕެޑް އަދި ޓެމްޕަން ހިމެނޭ ގޮތަށް ނަގާ ނަގާ ޓެކްސް އުވާލުމަށް ކަމަށެވެ.
މައްސަރު ޓެކްސް އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ސަތޭކަ ދުވަހުގެ އެޖެންޑާގައި ކުރުމަށް ރާވާފައިވާކަމެއްކަން ފާހަގަކޮށްލެވެއެވެ.
މިކަމަށްޓަކައި ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި މީގެ ކުރިން ވަނީ އަޑު އުފުލައި، #މައްސަރުޓެކްސް ނަމުގައި ބޮޑު ކެމްޕެއިންއެއް ހިންގާފައެވެ. މި ކެމްޕެއިން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކުކަމުގައިވާ ޝަފާ ރަމީޒް ވޮއިސްއަށް މަައުލޫމާތުދެމުން ބުނީ ވައުދާއި އެއްގޮތަށް ފުރަތަމަ ރަސްމީ ހަތްދުވަހުގެ ތެރޭގައި މައްސަރު ޓެކްސް އުވާލުމުގެ މަސައްކަތް ފަށައިގަނެވުނީތީ ވަރަށް ބޮޑަށް އުފާކުރާކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ތާއިދާއި އެކު މި ބިލް ފާސްވާނެކަމަށް އުއްމީދުކުރާކަމަށްވެސް ޝަފާ ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް