ލޮލަށް ނުފެންނަ ކުޑަ ފަންޏަކުން ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަށް ލޮޅުމެއް!
ޗައިނާގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރެސްއިން ޗައިނާގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރުވައިފިއެވެ.
ޗައިނާއިން އައު އަހަރު ފާހަގަކޮށްފައި ހިއްސާގެ ބާޒާރު ހުޅުވި ފުރަތަމަ ދުވަހުވެސް އިގްތިސާދުން ބޮޑު އަދަދެއް ވަނީ އުނިވެގެން ގޮސްފައެވެ. އެގޮތުން ޝެންހާއީގައި ޗައިނާގެ ހިއްސާގެ ބާޒާރު ހުޅުވި ފުރަތަމަ ދުވަހުވެސް ގާތްގަނޑަކަށް މުޅި ޝެންހާއީ ހިއްސާގެ ބާޒާރުގެ އަށެއް އިންސައްތަވަނީ ގެއްލިފައެވެ. މިކަމުގެ ސަބަބުން ޗައިނާާގެ މަރުކަޒީ ބޭންކުން ވަނީ އެގައުމުގެ އިގްތިސާދަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާާމަތްވުމަށްޓަކައި 1.2 ޓްރިލިޔަން ޔުއާން ނުވަތަ 173 ބިލިޔަން ޑޮލަރު އޯޕަން މާކެޓް އޮޕަރޭޝަން މެދުވެރިކޮށް އިގްތިސާދުގައި ދައުުރުުކުރާނެކަމަށް ބުނެފައެވެ.
ޗައިނާގެ އިގްތިސާދަކީ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަށްވުމުން، އެގައުމުގެ އިގްތިސާދަށް އަންނަ ލޮޅުންތަކަކީ މުޅި ދުނިޔޭގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެއްކަން ފާހަގަކޮށްލެވެއެވެ. މިހާލަތުގައި ހުޅަނގުގެ ބައެއް ގައުމުތަކުން ދަނީ ޗައިނާއިން ވަނީ ކޮރޯނާ ވައިރަސްއާ ގުޅޭ މުހިންމު މައުލޫމާތުތައް ސިއްރުކުރާ ކަމަށާއި އަދި މި ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ އަސްލު އަދަދު ފޮރުވަމުންދާކަމަށް ތުހުމަތުކޮށްފައެވެ. އަދި ވޫހާން ސިޓީ ލޮކްޑައުންއެއްްގެ ހާލަތަކަށް ގެންދިއުމަކީ އިންސާނީ ހައްގުތަކަށް އަރައިގަތުންކަމަށް ބުނާ ފަރާތްތައްވެސް މަދެއް ނޫނެވެ. 1989ވަނަ އަހަރުގެ ޓިއަނަންމެން ސްކޮޔަރގެ ހަމަނުޖެހުމާާއި ޓޭންކަރ މޭންގެ ހަނދާންތަކާއި މިކަން އެއްވަރުކުުރުމަށްވެސް އުޅެއެވެ.
ނަމަވެސް ޗައިނާގެ ކަމާއިބެހޭ އިދާރާތަކުން ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ޗައިނާ ބަހާއި އިނގިރޭސިބަހުން ކޮރޯނާ ވައިރަހުގެ ތަފާސްހިސާބުތައް ދަނީ އާންމުކުރަމުންނެވެ.
ކޮރޯނާ ވައިރަހަކީ ބައިނަލްއަގްވާމީ ސިއްހީ ކާރިސާއަކަށް މިއަދު ބަދަލުވެފައިވާއިރު، ޗައިނާއިން ކޮރޯނާ ވައިރަހުގެ ކަންކަން ފޮރުވުމަށް މަސައްކަތްކުރާކަމަށް އެންމެ ބޮޑަށް ތުހުމަތުކުރާާ އެއްގައުމަކީ އެމެރިކާއެވެ. ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިޔޯ ވަނީ ޗައިނާއާއި ކޮރޯނާ ވައިރަހުގެ އަަސަރު ކޮށްފައިވާ އެހެނިހެން ގައުމުތަކަށް ސަތޭކަ މިލިޔަން ޑޮލަރުގެ އެހީއެއް ދޭން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.
ޗައިނާއާއި ޑަބްލިޔުއެޗްއޯއިން ވަނީ ދުނިޔޭގެ ގައުމުތަކުން ޗައިނާއަށް މި ވަބާއާއި ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ބޭސްފަރުވާގެ ވަސީލަތްތައް ފޯރުކޮށްދިނުމަށްވެސް އެދިފައެވެ. އެގޮތުން ވައިރަސްއިން ސަލާމަތް ވާނޭ ހެދުމާއި މޫނުމައްޗާއި މޫނު ނިވާ ކުރުމަށް މާސްކް ފޮނުވައި ދިނުމަށް ވަނީ އެދިފައެވެ. އެ އެދުމާއި އެއްގޮތަށް ޗައިނާއާއި ކޮރޯނާ ވައިރަހުގެ ކަންތައްތަކުގައި ފުރަތަމަ އެންމެ ބޮޑަށް ދެކޮޅުވެރިކަން ފާޅުކުރި އެެމެރިކާއިންވެސް ވަނީ 17.8ޓަނުގެ ސިއްހީ ސާމާނު ފޮނުވާނެކަން ހާމަކޮށްފައެވެ. (ރޮއިޓާސް)
މި ވައިރަސް ޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ޗައިނާއިން ވަނީ އައު ދެ ހަސްފަތާލުވެސް އަޅާފައެވެ. ސިއްހީ ބަލިމަޑުކަމެއްގެ ސަބަބުން ކުއްލި ހަސްޕަތާލެއް ގާއިމްކުުރުމަކީ އެގައުމުން މީގެ ކުރިންވެސް ކޮށްފައިވާ ކަމެކެވެ. އަދި މީގެ އިތުރުން އެގައުމުން ދަނީ ޗައިނާގެ އެހެން ސަރަހައްދުތަކުންވެސް ސިއްހީ ޚިދުމަތްތެރިންނާއި ތަޖުރިބާކާރުން ވޫހާންއަށް ފޮނުވަމުންނެވެ. ވޫހާންއަކީ ކޮރޯނާ ވައިސް ފެތުރުމަށް މެދުވެރިވި ވަލު ޖަނަވާރު ވިއްކިކަމަށް ހޯދައިގަނެވުނު ސިޓީއެވެ.
ކޮރޯނާ ވައިރަސް ފެތުރުނަ ނުދިނުމުގެ ގޮތުން ވޫހާން ސިޓީފަދަ އިގްތިސާދީގޮތުން ބޮޑެތި ޝަހަރުތައް ބަންދުކޮށްފައިވާއިރު، އެެހެން ޝަހަރުތަކުގައިވެސް ވަނީ އިގްތިސާދީ ހަރަކާތްތައް ހުއްޓިފައެވެ. އަދި ގިނަ ގައުމުތަކުން ޗައިނާއާ ދެމެދު ވައިގެ ދަތުރުފަތުރުކުރުން ހުއްޓާލުމުން ޗައިނާއާއި މުޅި ދުނިޔެވެސް ވަނީ އިގްތިސާދީ ދުވެލި މަޑު ޖެހުމަކާ ދިމާލަށް މިސްރާބު ޖަހާފައެވެ.
އައު އަހަރަށް ޗައިނާގެ ފެކްޓްރީތައް ބަންދުކުރިގޮތަށް އަދިވެސް ބައެއް ފެކްޓްރީތައް ހުޅުވާ ފުރިހަމައަށް ހިންގައިގަނެވޭނެ ދުވަހެއް ޔަގީން ނުވާކަަމަށް ވޯލްޑް ސްޓްރީޓް ޖާނަލުން ވަނީ ރިޕޯޓްކޮށްފައެވެ. ސަބަބަކީ ފެކްޓްރީތަކަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންގެ އަދަދު ދަށްވެފައިވުމެވެ. ޗައިނާގެ އިގްތިސާދު ހުއްޓުމާއެކު ތެލުގެ އަގަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް އިގްތިސާދީ މާހިރުން ވަނީ ލަފާކޮށްފައެވެ. ވުމާއެކު އޯޕެކްއިން ދަނީ އަގުތައް ހިފެހެއްޓުމަށްޓަކައި ތެޔޮ އުފެއްދުން މަދުކުރުމަށް މަޝްވަރާކުރުމަށް ވިސްނަމުންނެވެ. ނަމަވެސ އޯޕެކްގެ އެހެނިހެން ނިންމުންތައް ފަދައިން މިއީވެސް ފަސޭހައިން ނިންމޭނެ ނިންމުމެއް ނޫނެވެ.
ކޮރޯނާ ވައިރަސްއަކީ ލޮލަށް ނުފެންނަހާ ކުޑަ ފަންޏެއްކަމުގައި ވިއަސް މި ފަނި ވަނީ ޗައިނާގެ އިގްތިސާދަށާއި ދުނިޔޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ތޮރުފިގެން ގޮސްފައެވެ. މިވައިރަހުން ދުނިޔޭގެ އިގްތިސާދަށްވެސް ވަރަށް ބޮޑަށް އަސަރު ކުރާނެކަމަށް އިގްތިސާދި މާހިރުން ލަފާ ކުރެއެވެ. އެގޮތުން ދުނިޔޭގެ އިގްތިސާދު 0.3 އިންސައްތައަށް ދަށްވާނެކަމަށް ބެލެވެއެވެ. މި ވައިރަހުން ސަލާމަތްވާން އިންސާނާއަށް ފަރުވާާކުރާ ފަދައިން ދުނިޔޭގެ އިގްތިސާދަށްވެސް ފަރުވާާ ކުރަން މިވަނީ ޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް