ފަޒާދު ނަތީޖާ ގަބޫލެއް ނުކުރި، އެދެނީ އަލުން އިންތިހާބު ބާއްވަން
ޕީޕީއެމްގެ ޕްރައިމަރީގައި ފުވައްމުލަކުގެ މޭޔަރު ކަމަށް ވާދަކުރެއްވި، ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު އަލީ ފަޒާދު، ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، އަލުން އިންތިހާބު ބާއްވައިދިނުމަށް އެދިއްޖެއެވެ.
ފަޒާދުއާއެކު ފުވައްމުލަކުގެ މޭޔަރު ކަމަށް ދެން ވާދަކުރެއްވީ ތޯރިގު އަހުމަދެވެ. ޕްރައިމަރީގައި ފަޒާދުގެ މައްޗަށް ކުރި ހޯދި ތޯރިގަށް ލިބިފައިވަނީ، 892 ވޯޓެވެ. ފަޒާދަށް ލިބިފައިވަނީ 634 ވޯޓެވެ. ތޯރިގު ކުރި ހޯދާފައިވަނީ 258 ވޯޓުގެ ތަފާތަކުންނެވެ.
އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާކަން ހާމަކުރައްވައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީއެއްގައި ފަޒާދު ވިދާޅުވީ، އިންތިހާބުގެ ނަތީޖާއަށް އަސަރު ކުރާނެ ގިނަ ކަންތައްތަކެއް އިންތިޚާބުގައި ހިނގި ކަމަށެވެ. އަދި އެއީ، ވަކި މީހަކު ހޮވުމަށް، ދުރާލާ ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަޒާދު ވިދާޅުވި ގޮތުގައި ދަޑިމަގު އަވަށު ޖަގަހައިގައި ބެހެއްޓި ފޮއްޓަށް ދަޑިމަގު އަވަށުން ބަޔަކާއި ދިގުވާނޑު އަވަށުން 37 މީހަކު، ހޯދަޑު އަވަށާއި ދަޑިމަގު އަވަށު ބައެއް ހިމެނޭ ދާއިރާގެ މީހުންގެ ފޮއްޓަށް ވޯޓުލާފައިވެއެވެ. އެގޮތަށް މާލޭގައި ބެހެއްޓި ފޮއްޓަށްވެސް ދެފަހަރަށް ވޯޓްލީ މީހުން އުޅޭކަމަށް ފަޒާދު ވިދާޅުވިއެވެ.
ފަޒާދު ވިދާޅުވީ، މާލޭގައި ވޯޓުލަމުން ދިޔައިރު ބައެއް މީހުންނަށް ގިނައިން ވޯޓު ކަރުދާސްކޮޅު ދިން ކަމަށާއި އެހެންވެ، ވޯޓުލާން ހާޒިރު ނުވާ 115 މީހުންގެ ނަމުގައި ވޯޓު އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަރުވެފައިވާ މީހުންނާއި ރާއްޖޭގައި ނެތް މީހުންނާއި ފުވައްމުލަކުގައި ވޯޓު ލާ މީހުން ހިމެނެ އެވެ.
އެހެންވެ އިންތިހާބު ބާތިލުކޮށް އަލުން އިންތިހާބު ބާއްވައިދިނުމަށް ފަޒާދު ރައީސް ޔާމީނަށް ފޮނުވި ސިޓީގައި އެދިފައިވެއެވެ.
އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އަންނަ މަހުގެ ހަތަރެއްގައި އިއުލާން ކުރަން މިހާރު ވަނީ ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް