މިދިޔަ މަސް ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 685 މިލިއަން ޑޮލަރު
މިދިޔަ މަސް ނިމުނު އިރު ދައުލަތުގެ ރިޒާވްގައި 685 މިލިއަން ޑޮލަރު ހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
އެމްއެމްއޭ އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ހުރީ 685 މިލިއަން ޑޮލަރެވެ. އެއީ ޑިސެމްބަރު މަސް ނިމުނުއިރު ރިޒާވްގައި ހުރި 677 މިލިއަން އާއި އަޅާ ބަލާއިރު 1.2 އިންސައްތައިގެ ކުރިއެރުމެކެވެ.
އެ އަދަދަކީ އަހަރު ނިމޭއިރު ރިޒާވްގައި ހުންނާނެ ކަމަށް ދައުލަތުން އަންދާޒާ ކުރި ވަރަށް ވުރެ 42 މިލިއަން ޑޮލަރުގެ އިތުރު އަދަދެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް އިތުރުވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ މަހު ރާއްޖޭގެ ރިޒާވް 938 މިލިއަން ޑޮލަރަށް އިތުރުވި އެވެ.
ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ހުރީ 315.9 މިލިއަން ޑޮލަރުގަ އެވެ.
އެމްއެމްއޭ އިން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 863 މިލިއަން ޑޮލަރަށް އަރާނެ އެވެ.
އެމްއެމްއޭ އިން މައުލޫމާތު ދޭގޮތުގައި، ރާއްޖޭގެ ރަސްމީ ރިޒާވް ރަނގަޅުވެފައިވާ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމުން ލިބުނު އާމްދަނީ އިތުރުވެ، އިގްތިސާދީ ދުވެއްޔަށް ލިބުނު ކުރިއެރުމެވެ.
އެމްއެމްއޭއިން ލަފާކުރާ ގޮތުގައި މި އަހަރު ފަތުރުވެރިކަަމަށް 9.6 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެއެވެ. މިއީ އަލަށް ހުޅުވޭނެކަމަށް ބެލެވޭ ރިސޯޓްތަކުން ފަތުރުވެރިކަމަށް ލިބޭ ކުރިއެރުންވެސް ހިމަނައިގެންނެވެ.
ރާއްޖޭގެ ރަސްމީ ރިޒާވް މި ދައުރު ނިމޭއިރު އެއް ބިލިއަން ޑޮލަރަށް އިތުރު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.
ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް