ރައީސް ޞާލިހު ފޯކައިދޫއަށް ވަޑައިގަތުމުން ރައީސް ޔާމިނު މިނިވަންކުރުމަށް ގޮވާލައިފި!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ށ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި މިއަދު ހަވީރު ށ. އަތޮޅު ފޯކައިދޫއަށް ވަޑައިގަތުމުން ރައްޔިތުން ނިކުމެ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިހުތިޖާޖުކޮށްފި އެވެ.
މި އިހުތިޖާޖުގައި ޕީޕީއެމާއި ރައީސް ޔާމިނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސް ޔާމިނު މިނިވަންކުރުމަށް ގޮވާލާ އެކި ޝުއޫރުތައް ލިޔެފައިވާ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެން ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ރައީސް ޞާލިހު އެރަަށަށް ވަޑައިގަތުމުން އަޑުއުފުލާފަ އެވެ.

ރައީސް ޔާމިނު މިނިވަންކުރުމަށް ގޮވާލުމުގެ އިތުރުން ރައްޔިތުން ވަނީ ރައީސް ޞާލިހުގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ.
ފޯކައިދޫއަށް ރައީސް ޞާލިހު ވަޑައިގަތުމާއި ގުޅިގެން ރައްޔިތުން ކުރި އިހުތިޖާޖަށް ފުލުހުން ވަނީ ހުރަސްއަޅާފަ އެވެ.
އެގޮތުން އިހުތިޖާޖު ކުރި ފަރާތްތައް އެސްއޯ ފުލުހުން ވަނީ ފަހަތަށް ޖައްސާފައެވެ. އަދި ބަނދަރު ސަރަހައްދާއި ކައިރި ނުވެވޭގޮތަށް ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކުރުމަށް ޓޭޕު ދަމާފައެވެ.

ފޯކައިދޫއަށް ރައީސް ޞާލިހު ވަޑައިގަތުމުން އިހުތިޖާޖު ކުރި ފަރާތްތައް ވަނީ ށ އަތޮޅަށް ރައީސް ޞާލިހު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ފުއްދާނުދެވި ހުރި ވައުދުތައް މަތިން ހަނދާންކޮށްދީފަ އެވެ.

ރައިސް ޞާލިހު ށ އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނު އަތޮޅުތެރޭގައި ފެއްޓެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅު އެމަނިކުފާނު ފައްޓަވާފައި ވަނީ ށ ކޮމަންޑޫއިންނެވެ. ށ އަތޮޅުގެ ގިނަ ރަށްތަކަށް ދަތުރުކުރުމަށް ރައީސް ޞަލިހު ވަނީ ނިންމަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް