އިންސާފަކީ ކޮބާ؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިމާމް އަބޫ ހަނީފާއަށް ޙަލީފާގެ ފަރާތްޕުޅުން ދައުލަތުގެ ގާޟީއަކަށް ނުވަތަ ފަނޑިޔާރަކަށް ވެވަޑައިގަތުމުގެ ހުށަހެޅުމެއް ލިބިވަޑައިގަތެވެ. އެހުށަހެޅުން އަބޫހަނީފާ ގަބޫލުފުޅެއް ނުކުރެއްވިއެވެ. އެއީ ހުކުމް ކުރައްވާ ގާޟީ ނުވަތަ ފަނޑިޔާރާބެހޭގޮތުން ރަސޫލު صَلَّى ﷲُعَلَيْهِ وَسَلَّمގެ އޮންނަ ހަދީސް ބަސްފުޅަކާގުޅިގެން ބިރުފުޅުންނެވެ. ބުޚާރީގައި ވާރިދުވެގެންވާ އެހަދީސް ބަސްފުޅުގެ މާނާގައިވަނީ " ފަނޑިޔާރުންވަނީ ތިން ވައްތަރެއްގައެވެ. އެއީ އެނގިގެން ނުބައިކޮށް ހުކުމްކުރާ މީހުންނާއި ނޭނގި ނުބައިކޮށް ކުރާ މީހުންނާއި އަދި އެނގިގެން ރަނގަޅަށް ހުކުމް ކުރާ މީހުންނެވެ. ދެ ގާޟީން ނަރަކައިގައެވެ. އެއް ގާޟީ ސުވަރުގޭގައެވެ.
އަދުލް އިންސާފު ގާއިމުކުރުމަށް ﷲُ تَعالَى ގެ ހަޟްރަތުން އައިސްފައިވާ އަމުރުފުޅު ބޮޑުވެގެންވެއެވެ. ހަދީދް ސޫރަތުގެ 25 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. މާނަ " ހަމަ ކަށަވަރުން ފާޅުވެގެންވާ ހެކިތަކާއެކު ތިމަން ރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެރަސޫލުންނާއެކު ފޮތާއި އަދުލް އިންސާފުގެ ތިލަފަތް ބާވައިލެއްވީމެވެ. އެއީ މީސްތަކުން އަދުލް އިންސާފު ގާއިމު ކުރުމަށްޓަކައެވެ."
އިމާމް އަބޫހަނީފާ ފަނޑިޔާރަކަށް ވެވަޑައިގަތުން ފަސް ޖެހިވަޑައިގެންނެވިނަމަވެސް އެކަލޭގެފާނު ދަރިވަރު އަބޫ ޔޫސުފު ޚަލީފާގެ އެދިވަޑައިގަތުން ގަބޫލުފުޅުކުރައްވައި ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތެވެ. އަބޫޔޫސުފަކީވެސް އިސްލާމީ އުއްމަތުގެ އިމާމެކެވެ. އެކަލޭގެފާނު ފަޑިޔާރުކަން ގަބޫލުފުޅު ކުރެއްވި ސަބަބަކާމެދު ސުވާލުދެންނެވުމުން ވިދާޅުވިއެވެ. ދަންނަ މީހާ ގަބޫލުނުކޮށްފިނަމަ ޖާހިލަކު އިސްވެދާނެއެވެ. އިލްމުވެރިން އެދެއިމާމުންގެ ނިންމެވުންވެސް ރަނގަޅުކަމަށް ވިދާޅުވެއެވެ.
މިދެ އިމާމުން އަމަލުކުރެއްވި ގޮތުގެ ވާހަކަ އަޅުގަނޑުމެން ހަނދާން އާކޮށްލަންބޭނުންވަނީ ދުނިޔޭގައި މިވަގުތު އޮތް ސައްތައިން ސައްތަ އިސްލާމީ ދެގައުމުގެ ތެރެއިން ދިވެހި ރާއްޖޭގައި އިއްޔެ އާއި މިއަދު އަދުލް އިންސާފު ގާއިމުކުރުމުގެ ކަންކަން ހިގައިދިޔަ އަދި ހިނގަމުންދާގޮތާބެހޭގޮތުން އަޅުގަނޑުމެންގެ ރައްޔިތުންގެތެރޭގައި ވަރަށް ގޮތްގޮތަށް ވާހަކަދެކެވި ބަހުސްކުރެވެމުންދާތީ އެވެ.
ޝަރުއީ ކޯޓްތަކުހެ ހުކުމްތަކާމެދު ޝައްކު އުފެދުން
ކުޑަކަމެއްނޫނެވެ. ދިވެހިރާއްޖޭގެ ދަށުކޯޓަކުންވެސް ނޫނެވެ. އެންމެ މަތީ ކޯޓުކަމުގައިވާ ސުޕްރީމްކޯޓުން އިއްޔެ ނިންމައި ސިލްޖަހާފައިވާ މައްސަލަތަކާއި އަދި އެކޯޓުން އަމިއްލައަށް ބަލައި ސައްހަކަމަށް ކަނޑައަޅާފައިވާ ކަންކަން ސިޔާސީ މޫސުން ބަދަލުވުމާއެކު، ފައިސާ ފޮތީގެ މައްޗަށް އޮތް ފުށް އަނެއްފުށަށް ޖަހާ އުސޫލުން އެހުރިހައި ނިންމުންތަކަކާއި ހުކުމްތަކެއް ބާތިލްކޮށް، އަނެއްކޮޅަށް ޖަހައި، އާ ހުކުމްތަކެއް ނެރެދިނުމަކީ ރަސޫލު صَلَّى ﷲُعَلَيْهِ وَسَلَّمގެ ހަދީސް ބަސްފުޅު ސާދަވިލޭރޭގެ ހަނދުފަދައިން ފެންނަން އޮއްވާ، އާދައިގެ ނިންމުންތަކެއްކަމަށް ނުވާނެ ނޫންތޯއެވެ.
ޔަގީނުންވެސް އެއްކަމެއް ޝައްކެތް ނެތް މިންވަރަށް މިހާރު ހާމަވެއްޖެއެވެ. އެހެންޏާ އިއްޔެ އިއްވެވި ހުކުމް ގޯހެވެ. ނޫނީ މިއަދު އިއްވެވި ހުކުމްގޯހެވެ. ދެހުކުމުން ކޮންމެވެސް އެއް ހުކުމެއް ގޯސްކަމަށް ނުވާނެގޮތެއް އޮންނާނެތޯއެވެ. ޚާއްސަކޮށް ސިޔާސީ މީހުންނަށް ނިސްބަތްވާ ހުކުމްތަކެވެ. އެހެންވީމާ ފަނޑިޔާރުންގެ ނިންމެވުންތަކަށް މިއައި ކުއްލި ބަދަލުން ސުޕްރީމް ކޯޓުގެ ހުކުމްތަކާމެދު ޝައްކު އުފައްދައިދީފިއެވެ. ޝައްކު އުފެދުނީމާ އިސްލާމީ ޝަރީއަތުގައި ﷲ ކަނޑައަޅުއްވާފައިވާ ގިސާސް ހިފުމުގެ ހުކުމް ފަދަ ގަޒުފުގެ ހުކުމްތައް ތަންފީޒުކުރެވިދާނެ ތޯއެވެ.
ފަނޑިޔާރުގެ ސިޔާސީކުރުން ތާރީޚްގެތެރެއިން
ފަނޑިޔާރުގެ ޚަރާބުކޮށްލުމަކީ އަބަދުވެސް ސިޔާސީވެރިން ރާއްޖޭގައި ކުރާކަމެކެވެ. ޝަމްސުއްދީން ރަދުންގެ ދުވަސްވަރު ހުސައިން ސަލާހުއްދީންގެ ބޭބެ މުހައްމަދު ސައީދު ރާއްޖޭންބޭރުން ދީނީ އިލްމު ކިޔަވައިވިދާޅުވެގެން ވަޑައިގަތުމުން ފަނޑިޔާރުކަން ހަވާލުކުރައްވައި، ދެން މާ މަޝްހޫރު އަދި މީހުން ގަދަރުކުރައްވާ ބޭފުޅަކަށް އޭނާ ވެވަޑައިގަތެވެ. އެހެންވެފައިވަނިކޮށް، އެއް ދުވަހަކު ޝަމްސުއްދީން ރަދުން މިކުރެއްވިކަމަކީ ގަލޮޅުގައި ހުރި އެންމެ ވިޔާނުދާ އަދި ޖެހިލުންކުޑަ ނުލަފާ މީހާ، ދާނިތަޅާ ރަތްބޯ ގަނޑުވަރަށް ގެންދަވައިގެން އޭނާއަށް ވިދާޅުވިއެވެ. އޭ.... މިހާރު ރަށުތެރޭގައި މިހިނގާކަމެއް ކަލެއަށް އެނގޭހޭ... ނޭނގެއޭ ދެންނެވީމާ ވިދާޅުވަނީ، ފަނޑިޔާރުމަނިކުފާނު މިހައްދަވާގޮތެކޭ... އަހަރެމެން ދަންނަނީ ޒިނޭކުރިކަން ދެމީހުންގެ ހަތަރު ލޮލަށް ފެނުނީމާ ޒިނޭކަމަށޭ، އެކަމަކު ފަނޑިޔާރު މަނިކުފާނު ހައްދަވާގޮތަކީ ހަތަރު މީހުންގެ އަށްލޮލަށް ފެނުނީމައޭ މިހާރު ޒިނޭއަކަށްވަނީ... އެހެންވީމާ ކަލެއަށް ކެރޭނެހޭ އަހަރެން ބުނާގޮތެއް ހަދަން.... ފަނޑިޔާރުމަނިކުފާނުގެ ގޮނޑިކޮޅު ސިއްރުން ނަގައިގެންގޮސް މިވެނިވަޅަކަށް ވަށްޓާލާށޭ އެވެ. ނުކުންނާނެ ނަތީޖާ ޝަމްސުއްދީން ރަދުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ.
ސުޕްރީމްކޯޓް އެކުލަވާލުމުގައި ކުރިއަށް ނެރުނު ސިޔާސީ އެޖެންޑާ
އަޅުގަޑުމެންގެ މިޒަމާނުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސުޕްރީމް ކޯޓް އެކުލަވާލުމާއި ފަނޑިޔާރުން އައްޔަން ކުރަންޖެހުނީމާ އެމަނިކުފާނުގެ ފަރާތްޕުޅުން ޖުޑިޝަލް ކޮމިޝަންއަށް އަންހެން ބޭފުޅަކު ލައިގެން އެއަންހެން ބޭފުޅާ ހުރިހާ ފަނޑިޔާރުންގެ ކުރިފުޅުމަތީގައި ނަށްޓަވައި، ޒުވާބުކޮށް، ހަރުއަޑުން އެއްޗެހި ގޮވަގޮވާފައި، އޭގެ ދުވަސްކޮޅެއްފަހުން ޔޫރަގެ ގައުމަކަށްގޮސް، ނަޝީދާއި އެމަނިކުފާނުގެ ގާތްބޭފުޅުންނަށް ހިތުހުރިހައި އެއްޗެއްގޮވައި އެވަރުން ނުވެގެން ﷲ އަށް ނިސްބަތްކޮށް މުސްލިމަކު ދުލުން ބޭރުކުރަން ހެޔޮވެސްނުވާނެކަމަށް އިލްމުވެރިން ވިދާޅުވާފަދަ ނުބައިބަސްތައް ދުލުން ބޭރުކޮށް، މިހެން އުޅެހަދާފައި، އެނބުރި ރާއްޖެއައިތަނާ ފުލުހުން ހައްޔަރުކުރުމުން، އެއީ މިހާރު ސިކުނޑިހަމަނުޖެހޭ އަންހެނަކަށް ވެއްޖެއެވެ.
ސިކުނޑި ހަމަނުޖެހޭ މީހަކު ޖުޑިޝަލް ކޮމިޝަނަށް ލައްވައިގެން އެކުރެއްވިކަންތަކުން ނުކުންނާނެ ނަތީޖާ ނަޝީދަށް އެނގިވަޑައިނުގަންނަވާނެތޯއެވެ. މިއެއްވެސް ނޫނެވެ. ޖުޑިޝަރީއަށް ހެދި ގޮތް ދިވެހިރައްޔިތުންނަށް މިހާރު އެނގެން އެބަޖެހެއެވެ.

ސުޕްރީމްކޯޓުގައި ތަޅު އެޅުވުމާއި ސުޕްރީމް ކޯޓުގެ ޓިނުތައް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގިވާހަކައަކީ މީހުން ދަންނަ ވާހަކަތަކެކެވެ. އެވާހަކަ ބާއްވާފައި އާ ގާނޫން އަސާސީއާއެކު ސުޕްރީމް ކޯޓު އެކުލަވައިލުމާހަމައަށް ޖެހިލަމާތޯއެވެ.
ސުޕްރީމްކޯޓަށް ލައްވާނެ ފަނޑިޔާރުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަރަށް ބޮޑަށް ދިރާސާކުރައްވައި އިލްމީ ގާބިލްކަމާއި ތަޖުރިބާއާއި އިންޓެގްރިޓީއަށް ބަލައި، ފަނޑިޔާރުކަމަށްލާނެ ބޭފުޅުންގެ ލިސްޓެއް އެކުލަވައި ރައީސްއަށް ފޮނުއްވިއެވެ.
ރައީސް ހެއްދެވިގޮތަކީ އެލިސްޓު ބައްލަވާލުމެއްވުމަށްފަހު އެއްފަރާތެއްގައި ބާއްވާފައި ސިޔާސީ ނެގޯސިއޭޝަނަކަށް ވަޑައިގަތީއެވެ. ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ އޮތީ ޑީއާރްޕީއަށެވެ. އެމީހުންތިބީ ސިޔާސީ ނެގޯސިއޭޝަނަކަށް ވަޑައިގަތީމާ ދޫދޭކަށެއްނޫނެވެ. ހޮވަން ޖެހެނީ ހަތްފަނޑިޔާރުންނެވެ. އެންމެފަހުން ރައީސް އެއްބަސްވެވަޑައިގަތީ އިދިކޮޅަށް މެޖޯރިޓީ ދެއްވުމާއެކު ރައީސް ބޭނުންފުޅުވާ ތިންމީހުންނާ އަދި އެތިންމީހުންގެތެރެއިންމީހަކު އުއްތަމަ ފަނޑިޔާރަކަށް ހެދުމަށް ޝަރުތުކުރެއްވުމެވެ. ޑީލް ޑަން އެވެ. ދެފަރާތުން ނެގޯޝިއޭޓްކޮށް ޖުޑިޝަލް ސާވިސްކޮމިޝަނުން އެކުލަވާލި ލިސްޓުގެ ބަދަލުގައި އާލިސްޓެއް ހަދައި ގެނައިއިރު ދެފަރާތުން އައި ނަންތަކުގެ ތެރޭގައިވެސް ފަނޑިޔާރު އަލީ ހަމީދުގެ ނަން ހިމަނާފައި އޮތެވެ. ދުވަސްކޮޅަކުން އިވެންފެށީ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރެވުނު ތުހުމަތެއްގެ ވާހަކައެވެ.
ނަޝީދުގެ ވަރަށް ގާތް އެމްޑީޕީގެ ބޭފުޅުން ހުދުޖަންގިޔާއެއް މޭމަތީގައި ކުރަހާފައިވާ ޓީޝާޓެއްލައިގެން އާއްމުންގެތެރެއަށް ނުކުމެ އިހްތިޖާޖުކޮށްހެދިއެވެ. ދަނޑިކޮޅެއްގެ ކޮޅަށް ޖަނގިޔާ ނަގައިގެންވެސް އުޅުނެވެ. މުޖްތަމައުގެ އެންމެ ދަށުރަދަޖައިގެ އަޚްލާގުގެ މީހުންވެސް އަންހެނުންގެ ޖަނގިޔާ، ފިރިހެނުންގެ ޖަނގިޔާ އަތަށްލައިގެން އެހެންމީހުންނަށް ދައްކަމުން ނުދާނެއެވެ. އެކަމަކު ދުވަސްކޮޅަކުން މިވީގޮތަކީ އަލީ ހަމީދު ކުއްލިއަކަށް ގާޟީކަމުން ޣާޒީއެއްގެ ދަރަޖައަށް ހަމަ އެމީހުންގެ އަތްތަކުން އުފުލައި އޭނާގެ ފޮޓޯ އެމީހުންގެ ސިޔާސީ ޖަގަހައިގެ ކުރިމައްޗަށް ނެރުނީއެވެ. ހައިރާނެއް ނުވާނެތޯއެވެ.
ދެން މިހާރު ޖެހެނީ ސުޕްރީމްކޯޓަށް އަޑުއިބޭގޮތަށް އޭ މިވެނިމީހެއްގެ ހުކުމޭ ގޮވާލާށެވެ. އިއްޔެ އަބްދުﷲ ގާޒީ ހައްޔަރުކުރަން އަމުރުކުރިކަމަށް ޝަރީއަތަށް ސާބިތުވެ ހުކުމް ކޮށްފައިވަނިކޮށް މިއަދު ބުނަންވީ އަޅުގަޑު ނުވެސް ދެނެހުރީމެވެ. ޝަރީއަތް ނިމުނީއެވެ. އިއްޔެ ފަޓާސްބަރިއެއްހެން ހުކުމްކުރީއެވެ. މިއަދު އެއަށްވުރެ އަވަސްވީމާ ކިޔަންވީ ކީކޭތޯއެވެ.
އަޅުގަޑުމެންގެ ސުޕްރީމްކޯޓާއި ކޯޓްސިސްޓަމް ޚަރާބުކޮށް، ހަލާކުކޮށްލީ، ސިޔާސީ ނުފޫޒާއި، ބިރާއި، ފައިސާގެ ބާރުން ސިޔާސީ ވެރިންނާއި، މަހުޖަނުން އަޑީގައި ތިބެގެންނެވެ. އެންކުރަނީ މަހުޖަނުން އެކަންޏެއް ނޫނެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނަކީ އަޅުގަނޑުމެންގެ ޖުޑިޝަރީ އިސްލާހްކުރައްވަން އުޅުއްވި ބޭފުޅުންނަށްވާނީ ކޮންގޮތަކުންތޯއެވެ. ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގައި އެމަނިކުފާނަށް ކަމުނުދާނެހެން ހީވި ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރިގޮތް އެއޮތީ ތާރީޚްގެތެރެއަށް ގޮސްފައެވެ. އަޅުގަނޑު ނުދެނެހުރީމޭ، ﷲ ގަންދީ ހުވައިކުރެވިދާނެއެވެ. ރައްޔިތުންގެ މަޖިލީހުގައިތިބެގެން ކަޅުފައިސާނަގަނީވެސް ﷲ ގަންދީ ހުވައިކޮށްގެންތިބެ ނޫންތޯއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް