ރާއްޖެ ވަނީ ބައިނަލްއަގްވާމީ މުޖްތަމައުގައި ބާކީވެފައި: ޝާހިދު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ވޭތުވެދިޔަ ފަސް އަހަރު، ސަރުކާރުގެ ސިޔާސަތުތައް އޮތް ގޮތުގެ ސަބަބުން ރާއްޖެ ބައިނަލްއަގްވާމީ މުޖްތަމައުގައި ބާކީވެ ބިކަވެފައިވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، ވެއަތުވެ ދިޔަ ފަސް އަހަރުގެ ސިޔާސަތު ބިނާވެފައި އޮތް ގޮތުގެ ސަބަބުން ރާއްޖެ ވަނީ ބައިނަލްއަގްވާމީ މުޖްތަމައުގައި ބާާކީވެ ބިކަވެފައިކަމަށެވެ. ނަމަވެސް މި ސަރުކާރުގައި މިކަން ބަދަލުކޮށް، ދިވެހި ދައުލަތުގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތަށް ޚާރިޖީ ގުޅުންތައް ބަދަހިކުރައްވާނެ ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
އަދި ކުރިމަގުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ އިސް ތަނބުތައް ކަމުގައި ވާނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ އަދި ތިމާވެށި ރައްކާތެރި ކުރުންފަދަ މުހިންމު ކަންތައްތައް ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ޝާހިދު އިތުރަށް ވަނީ ގުޅުންތައް ބަދަހިކުރުމަށް، ސަރުކާރުގެ ވަފްދެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަންވެސް ހާމަކުރައްވާފައެވެ.
ހަމައެހެންމެ، ރާއްޖެއާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ބާތިލްކުރުމާއި މެދު ގޮތެއް ނުނިންމާކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މިއީ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެބޭފުޅާ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް