ގާސިމްގެ މަސް ފެކްޓްރީން އެއްބަސްވުމަށް އަމަލު ނުކުރާކަމަށް ބުނެ ފިޔަވަޅު އަޅަން އޭޖީއަށް ފޮނުވައިފި
ގދ. ހޯޑެއްދޫގައި މަސް ފެކްޓަރީއެއް އެޅުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހިއްސާ އޮންނަ މަސް ކުންފުނި ކަމަށްވާ، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއެކު ފިޝަރީޒު މިނިސްޓްރީން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ހޮރައިޒަނުން އަމަލުކުރަމުން ނުދާ ކަމަށް ބުނެ، އެކަމާ މެދު ފިޔަވަޅު އެޅުމަށް އެދި އެޓާނީ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ފިޝަރީޒު މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަހާ ވަހީދު މިހެން ވިދާޅުވީ، ހޯޑެއްދޫގައި މަސް ފެކްޓްރީ އެޅުމަށް ހޮރައިޒަންއަށް ހަވާލުކޮށްފައިވާ މަސައްކަތް ނުނިމި އޮތުމުން އެކަމާ ބެހޭގޮތުން މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން މިއަދު މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ހޯޑެއްދޫ މަސް ފެކްޓްރީ ނިންމުމަށް އެއްވެސް މުހުލަތެއް ދީފައިވޭތޯ އާއި، މިނިސްޓްރީއާ ހޮރައިޒަންއާ ދެމެދު ހެދިފައިވާ އެއްބަސްވުމާ އެކުންފުނިން ހިލާފުވެފައިވޭތޯ ތަކުރާރުކޮށް ސުވާލު ދެންނެވުމުން މިނިސްޓަރު ޒަހާ ވިދާޅުވީ، ހޯޑެއްދޫގައި މަސް ގަންނަ ސެންޓަރެއް ހެދުމަށް ޖުމްލަ 13.6 ހެކްޓަރުގެ ބިން، 8 ޑިސެމްބަރު 2005 ގައި ހޮރައިޒަންއާ ހަވާލުކުރެވުނުކަމަށެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ އެ ތަނުގައި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 160 ޓަނުގެ ބްރައިން ޓޭންކެއް އަދި 50 ޓަނުގެ ޕްލާންޓެއް ގާއިމްކުރުމަށް އެ ކުންފުންޏާއި ހަވާލުކުރިކަމަށެވެ.
ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން މިހާތަނަށް އެ މަސައްކަތް ނުފެށި އޮތްކަން ފާހަގަކުރައްވައި ޒަހާ ވިދާޅުވީ، ހޯޑެއްދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅުމަށް 2005 ވަނަ އަހަރު ހޮރައިޒަން ފިޝަރީޒަށް ހަވާލުކޮށްފައިވާ މަޝްރޫއުގެ ދަށުން މިހާތަނަށްވެސް އެކަށީގެންވާ މަސައްކަތް ކޮށްފައި ނުވާތީ އެ މައްސަލައިގައި އެކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅަން ބަންޑާރަނައިބުގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
ކަޅުބިލަ މަހުގެ ސިނާއަތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރާއްޖެ ހަތަރު ޒޯނަކަށް ބަހާލައި ޒޯން ތިނެއްގެ މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ އެއްބަސްވުމެއް ގައި މަސްވެރިކަމާ ބެހޭ ވުޒާރާ އާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއިކުރީ ސެޕްޓެމްބަރު 10، 2003 ގައެވެ.
ރައީސް ސޯލިހުގެ ސަރުކާރު އައުމަށްފަހު، ހޯޑެއްދޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނައުމަށް ކުރި މަސައްކަތުގެ ތެރެއިން މިނިސްޓްރީގެ ޓީމެއް 28 އޭޕްރިލް 2019 ގައި ހޯޑެއްދޫއަށް ގޮސް ބެލި ބެލުމުގެ ތެރެއިން، މަޝްރޫއުގެ މަސައްކަތް ކުރުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ނުފެނުނު ކަމަށް މިނިސްޓަރު ޒަހާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް